ދުނިޔެ

ތުރުކީއާ ދެކޮޅަށް ކުރުދީންނާއެކު ސީރީއާ ސިފައިން

Oct 14, 2019

އަންކާރާ (އޮކްޓޯބަރު 14) - ސީރިޔާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަރަހައްދު ކޮންޓްރޯލް ކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން ދެމުންދާ ވަރުގަދަ ހަމަލާތަކާ ދެކޮޅަށް ސީރިއާ ސިފައިން ފޮނުވަން އެގައުމުން ނިންމާފައިވާކަމަށް ކުރުދީ ހަނގުރާމަވެރިން ބުނެފި އެވެ.

ސީރިއާ ސަރުކާރުން އުތުރުގެ ބޯޑަރު ސަރަހައްދަށް ސިފައިން ފޮނުވާފައިވާކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާއިން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އެމެރިކާއިން ވާގިދޭ ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ތުރުކީގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރުގެ 120 ކިލޯމީޓަރުގެ ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެސްޑީއެފްގެ އެތަކެއް ހަނގުރާމަވެރިންނެއް މިހާރުވެސް ވަނީ މަރުވެފަ އެވެ.

ކުރުދީންގެ ފަރާތުން ދިން މައުލޫމާތަށް ބަލާއިރު، ސީރިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެގައުމުގެ ސިފައިން އުތުރުގެ މުޅި ބޯޑަރު ސަރަހައްދަށް ފޮނުވާނެ އެވެ. އޭގެ ބޭނުމަކީ ތުރުކީ ސިފައިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބުކޮށް އެ ސަރަހައްދު ތުރުކީގެ އަތްދަށުން ސަލާމަތްކުރުންކަމަށްވެސް ބުނެފައިވެ އެވެ.

އެ ސަރަހައްދުން އެމެރިކާ ސިފައިން އަނބުރާ ގެންގޮސްފައިވާ ދަނޑިވަޅެއްގައި ސީރިއާ ސަރުކާރާއެކު ވެވުނު އެއްބަސްވުމަކީ ކުރުދީ ހަނގުރާމަވެރިންނަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

ތުރުކީން ބުނާ ގޮތުގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްދާ އޮޕަރޭޝަންގައި ކުރުދީންގެ މައްޗަށް ބޮޑެތި ކާމިޔާބީތައް ހޯދިފައިވާކަމަށެވެ.

އެގޮތުން، މިހާތަނަށް ސީރިއާގެ އުތުރުގެ ސަރަހައްދުގެ 109 ކިލޯމީޓަރާއެކު 21 އަވަށެއް ތުރުކީ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާކަމަށް ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ތުރުކީން ދޭ ހަމަލާތައް ހުއްޓާ ނުލާނަމަ، އެ ގައުމުގެ އިގުތިސޯދު މުޅީން ހަލާކު ވެގެންދާ ވަރުގެ ހަރުކަށި ފިޔަވަޅު އަޅަން ތައްޔާރުވަމުންދާ ކަމަށްވެސް އެމެރިކާ އިން ވަނީ އިންޒާރުދީފަ އެވެ.

ނަމަވެސް، ހަމަލާތައް ހުއްޓާ ނުލާނެ ކަމަށް ތުރުކީގެ ރައީސް އުރުދުގާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިދިޔަ ބުދަ ދުވަހު ހަމަލާތައް ދޭން ފެށުމާއެކު، 160،000 އަށް ވުރެ ގިނަ އާއްމުންގެ މީހުން ގެދޮރު ދޫކޮށް ސަލާމަތް ހޯދާފައިވާކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އުރުދުގާނު ވިދާޅުވީ ތުރުކީގެ އަމާޒަކީ ކުރުދީ ހަނގުރާމަވެރިންގެ ނުރައްކަލުން ސީރިއާގެ އުތުރުގެ ސަރަހައްދު ސަލާމަތްކޮށް، ސީރިއާ ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުން ކަމަށެވެ.