ދުނިޔެ

ތުރުކީ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

Oct 15, 2019

އަންކާރާ (އޮކްޓޯބަރު 15) - ސީރިޔާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަރަހައްދު ކޮންޓްރޯލް ކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން ދޭ ވަރުގަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެންގުމާއެކު، ތުރުކީ ސަރުކާރާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އެމެރިކާއިން ވާގިދޭ ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ތުރުކީގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ.

ތުރުކީ ސަރުކާރަށް ވާގިދޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅިކަން ހާމަ ކުރައްވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިހާރު ކުރިއަށްދާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މަޝްވަރާތަކަށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ އިތުރުން ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ރޮބަޓް އޯ ބްރަޔަން ވަރަށް އަވަހަށް ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން ޕެންސް ވިދާޅުވީ ކުރުދީންނާއެކު މަޝްވަރާކޮށް ލޭ އޮހޮރުވުން ނިމުމަކަށް ގެންނަން އެމެރިކާއިން ބޭނުންވާކަން ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނަށް ދަންނަވާފައި ވާނެ ކަމަށެވެ.

އެމެރިކާ އެޅުމަށް ނިންމި ފިވަޔަޅުތަކުގެ ތެރޭގައި، ތުރުކީއާއެކު މަޝްވަރާ ކުރެވެމުންދާ 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުން މަޑުޖައްސާލުމުގެ އިތުރުން ތުރުކީން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 ޕަސަންޓަށް ޑިއުޓީ ބޮޑު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ތުރުކީގެ ސަރުކާރުގެ އިސް ތިން އޮފިޝަލެއްގެ އިތުރުން ޑިފެންސް އަދި އެނާޖީ މީނިސްޓްރީއާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ތުރުކީގެ ހަރުކަށި އަމަލުތައް ހުއްޓާނުލައިފިނަމަ، އެގައުމުގެ އިގުތިސޯދު ފުނޑުފުނޑުކޮށްލަން އެމެރިކާއިން ފަސްނުޖެހޭނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރުގެ 120 ކިލޯމީޓަރުގެ ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެސްޑީއެފްގެ އެތަކެއް ހަނގުރާމަވެރިންނެއް މިހާރުވެސް ވަނީ މަރުވެފަ އެވެ.

ތުރުކީން ބުނާ ގޮތުގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްދާ އޮޕަރޭޝަންގައި ކުރުދީންގެ މައްޗަށް ބޮޑެތި ކާމިޔާބީތައް ހޯދިފައިވާކަމަށެވެ.

އެގޮތުން، މިހާތަނަށް ސީރިއާގެ އުތުރުގެ ސަރަހައްދުގެ 109 ކިލޯމީޓަރާއެކު 21 އަވަށެއް ތުރުކީ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާކަމަށް އުރުދުގާން ވަނީ ވިދާޅުވެފަ އެވެ.

ހަމަލާތައް ދޭން ފެށުމާއެކު، 160،000 އަށް ވުރެ ގިނަ އާއްމުންގެ މީހުން ގެދޮރު ދޫކޮށް ސަލާމަތް ހޯދާފައިވާކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އުރުދުގާނު ވިދާޅުވީ ތުރުކީގެ އަމާޒަކީ ކުރުދީ ހަނގުރާމަވެރިންގެ ނުރައްކަލުން ސީރިއާގެ އުތުރުގެ ސަރަހައްދު ސަލާމަތްކޮށް، ސީރިއާ ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުން ކަމަށެވެ.