ދުނިޔެ

"ދުނިޔޭގެ އެއްވެސް ބާރަކަށް ސީރިއާ ހަމަލާތަކެއް ނުހުއްޓުވޭނެ"

Oct 17, 2019
1

އަންކާރާ (އޮކްޓޯބަރު 17) - ދުނިޔޭގެ އެއްވެސް ބާރަކަށް ސީރިޔާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަރަހައްދު ކޮންޓްރޯލް ކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން ދޭ ހަމަލާތައް ނުހުއްޓުވޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން ވާގިދޭ ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާ ދެކޮޅަށް ދޭ ހަމަލާތަކަށް މިހާރު އަށް ދުވަސް ވެފައިވާއިރު، ކުރުދީ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައިފިނަމަ މިއަދުވެސް ހަމަލާތައް ހުއްޓާލާނެ ކަމަށް އުރުދުގާނު ވަނީ ވިދާޅުވެފަ އެވެ.

އަދި ކުރުދީންނާއެކު ސުލްހައިގެ އެއްވެސް މަޝްވަރާއެއް ނުކުރާނެކަމަށް ވެސް އުރުދުގާނު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

އުރުދުގާނު ވިދާޅުވީ ތުރުކީގެ އަމާޒަކީ ކުރުދީ ހަނގުރާމަވެރިންގެ ނުރައްކަލުން ސީރިއާގެ އުތުރުގެ ސަރަހައްދު ސަލާމަތްކޮށް، ސީރިއާ ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދިނުން ކަމަށެވެ.

ތުރުކީން ދޭ ވަރުގަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެންގުމާއެކު، ތުރުކީ ސަރުކާރާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިހާރު ކުރިއަށްދާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މަޝްވަރާތަކަށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ އިތުރުން ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ރޮބަޓް އޯ ބްރަޔަން ވަރަށް އަވަހަށް ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން ޕެންސް ވިދާޅުވީ ކުރުދީންނާއެކު މަޝްވަރާކޮށް ލޭ އޮހޮރުވުން ނިމުމަކަށް ގެންނަން އެމެރިކާއިން ބޭނުންވާކަން ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނަށް ދަންނަވާފައި ވާނެ ކަމަށެވެ.

އެމެރިކާ އެޅުމަށް ނިންމި ފިވަޔަޅުތަކުގެ ތެރޭގައި، ތުރުކީއާއެކު މަޝްވަރާ ކުރެވެމުންދާ 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުން މަޑުޖައްސާލުމުގެ އިތުރުން ތުރުކީން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 ޕަސަންޓަށް ޑިއުޓީ ބޮޑު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން، ތުރުކީގެ ސަރުކާރުގެ އިސް ތިން އޮފިޝަލެއްގެ އިތުރުން ޑިފެންސް އަދި އެނާޖީ މީނިސްޓްރީއާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ތުރުކީގެ ހަރުކަށި އަމަލުތައް ހުއްޓާނުލައިފިނަމަ، އެގައުމުގެ އިގުތިސޯދު ފުނޑުފުނޑުކޮށްލަން އެމެރިކާއިން ފަސްނުޖެހޭނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރުގެ 120 ކިލޯމީޓަރުގެ ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެސްޑީއެފްގެ އެތަކެއް ހަނގުރާމަވެރިންނެއް މިހާރުވެސް ވަނީ މަރުވެފަ އެވެ.

ތުރުކީން ބުނާ ގޮތުގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްދާ އޮޕަރޭޝަންގައި ކުރުދީންގެ މައްޗަށް ބޮޑެތި ކާމިޔާބީތައް ހޯދިފައިވާކަމަށެވެ.

ހަމަލާތައް ދޭން ފެށުމާއެކު، 300،000 އަށް ވުރެ ގިނަ އާއްމުންގެ މީހުން ގެދޮރު ދޫކޮށް ސަލާމަތް ހޯދާފައިވާކަމަށް އދ. އިން ވަނީ ބުނެފަ އެވެ.