ހަބަރު

ކޮމިޝަނަރު އައްޔަން ނުކުރެވި މީރާ ގާނޫނީ ހުސްކަމެއްގެ ތެރެއަށް!

Oct 13, 2019
1

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަކު ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީޓީ) މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ މަގާމު ގެއްލުމުން ސީޖީޓީ އެއް އައްޔަން ނުކުރެވި ގާނޫނީ ހުސްކަމެއްގެ ތެރެއަށް ހިނގައްޖެ އެވެ.

(މީރާ) ގެ ކޮމިޝަނަކު ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީޓީ) މަގާމުގައި ހުންނެވ، ޔަޒީދު މުހައްމަދުގެ މަގާމު ގެއްލިފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމުންނެވެ.

ޓެކްސް ނެގުމުގެ ގާނޫނުގައިވާ ގޮތުން ސީޖީޓީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އިތުރު ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.

ރައީސް އޮފީހުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ މީރާގެ ބޯޑުގެ އެންމެ އިސް ދެ މަގާމު ކަމަށްވާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި ކުރިމަތިލި ފަރާތްތައް ވަނީ ރައްޔިތުން މަޖިލީހަށް ފޮނުވާފަ އެވެ.

ޓެކްސް ނެގުމުގެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު، މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށެވެ. މީގެ އިތުރުން ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އެވެ. މީގެ އިތުރުން ވެސް ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ އެކިއެކި މާއްދާތަކަށް އިސްލާހު ގެނެސްފައިވެ އެވެ. މީގެ ތެރޭގައި ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމާ ބެހޭ މާއްދާއަކާއި މުއާހަދާ އަށް އަމަލުކުރުމާ ބެހޭ މާއްދާއެއް އިތުރުކޮށް ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުޚީގެ ނަން ބަދަލުކުރުންވެސް ހިމެނެ އެވެ.