މިދިޔަ ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތުން ތިން ވަނަ ހޯދި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އަދި 16 އަހަރުން ދަށުގެ ގައުމީ ޓީމު ތިން ވަނަ ޑިވިޝަންގައި ވާދަ ކުރާ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.
ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކާމިޔާބު ފާހަގަ ކުރަން މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، 19 އަހަރުން ދަށުގެ ޓީމުން ހޯދި ކާމިޔާބަކީ ފެށުމެއް ކަމަށެވެ. އެ ފެށުމާއެކު އިތުރު ހަރުފަތަކަށް ހިއްލާލަން ޖެހޭ ކަމަށެވެ.
"މިއަދު މީ ސަންޑޭއަށް ވެފަ، މިއަދުވެސް އަދި މާދަމާ މަންޑޭވިޔަސް [މިއަދު ވެސް އަދި މާދަމާވެސް] އަޅުގަނޑު ބުނާނީ ޓްވޯޑްސް ފިއުޗާ އޭ،" ފުޓްބޯޅައިގެ އާ ޖީލެއް ބިނާ ކުރަން އެފްއޭއެމުން ކުރާ މަސައްކަތަށް ބޭނުންކުރާ ޓެގްލައިނަށް އިޝާރާތް ކުރައްވާ ބައްސާމް ވިދާޅުވި އެވެ. "އަބަދުވެސް އެއަށް މަސައްކަތް ކުރަން އަޅުގަނޑުމެން ޖެހޭނީ،"
އޭނާ ވިދާޅުވީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ބްރޯންޒް މެޑަލް ހޯދައިގެން އައިރު އަނެއްކާވެސް އޮތީ ހަމަ އެ ޓީމުން ޓްވޯޑްސް ފިއުޗާއަށް މަސައްކަތް ކުރަން ޖެހިފައި ކަމަށެވެ. އެގޮތުން ޓްވޯޑްސް ފިއުޗާގެ ބެނާގެ ދަށުން މާދަމާ މަސައްކަތް ކުރަން ޖެހޭނީ ރިހި މެޑަލް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިމަގަށް އާ ޖީލެއް ބިނާ ކުރަން މަސައްކަތް ކުރަމުންދާއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމުން ބްރޯންޒް މެޑަލްއެއް ގެނައުމަކީ "ޓްވޯޑްސް ފިއުޗާ" ގެ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ބައްސާމް ފާހަގަ ކުރެއްވި އެވެ.
"ޓްވޯޑްސް ފިއުޗާގެ މާނައަކީ އަބަދުވެސް މާދަމާ، އަނެއްކާވެސް މާދަމާއިން ފެށިގެން އިތުރު ހަރުފަތަކަށް ދިއުމަށް މަސައްކަތް ފަށަން ޖެހިފައޭ މިއޮތީ، އެހެންވެ ތި ޓީމު ކުރިއަށް ގެންދެވޭނީ ކޮންގޮތަކަށްތޯ ބެލުމަށް އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިން ތި ޓީމު މި އަހަރު އޮންނަ ސެކަންޑް ޑިވިޝަން މުބާރާތުގައި ބައިވެރި ކުރާ ގޮތަށް، އަދި ބަންގުލަދޭޝްއަށް މިރޭ ފުރި އަންޑަ 16 ޓީމު އެ މުބާރާތުން އައުމަށް ފަހު ތާޑް ޑިވިޝަންގައި ބައިވެރިވާ ގޮތަށް ކުރިއަށް ދާނީ."
އެ ދެ ޓީމުގައި ވެސް ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގައި ސްކޮޑްުގައި ހިމެނޭ ކުޅުންތެރިން ހިމެނޭނެތީ އެކަމަށް ވަކި އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
"މައިގަނޑު ފޯކަސްއަކީ މި ޓީމު [19 އަހަރުން ދަށުގެ ޓީމު] އެކުގައި އަބަދުވެސް ފަރިތަކުރާނެ ބަޔަކަށް ވުން، ވަރުގަދަ މެޗުތަކެއް ކުޅޭނެ ބަޔަކަށް ވުން،" ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޓާގެޓަކީ ޑިސެމްބަރުގައި އޮންނަ ސާފް ގޭމްސްއާ ހަމައަށް އެއަށްފަހުގައި ކުރިއަށް އޮތް އަހަރުތަކުގައި ނެޝަނަލް ސީނިއާ ޓީމާ ހަމައަށް ތި ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނިގެން ދިއުން."
އެ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އާއި ޑިފެންޑަރު އަހްމަދު ނާހިލް އިބްރާހިމް އާއި މިޑްފީލްޑަރު ސާވީ އިބްރާހިމް، ސީނިއާ ޓީމުގައި ހިމެނިގެން ދިއުން ފާހަގަކޮށް ބައްސާމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މީގެކުރިން ސީނިއާ ގައުމީ ޓީމެއްގައި މިހާ ގިނަ ޒުވާން ކުޅުންތެރިން ހިމެނިގެން ގޮސްފައި ނުވާ ކަމަށެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ބޭއްވި އުމުރުފުރާތަކުގެ ގައުމީ ޓީމުގެ މުބާރާތްތަކުގައި ރާއްޖޭގެ ޓީމުތައް ކޮޅަށް 26 ލަނޑު ވަނުމުން އެފްއޭއެމާއި ބައްސާމަށް އޭރު ކުރިމަތިވި ފާޑުކިޔުންތަކަށް މިރޭގެ ހަފުލާގައި ވެސް ބައްސާމް ވަނީ ޖަވާބު ދީފަ އެވެ. ބައިކޮޅަށް ވަން 26 ލަނޑާއެކު އެއީ ކުރިމަގު ބިނާ ކުރުމަށް ތަޖުރިބާއަކަށް ވާނެ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި، މިރޭ އޭނާ ވިދާޅުވީ އެކަމުން ފިލާވަޅު ދަސްކޮށް ފަހަރަކު ކަމެއް ހާސިލު ކުރަމުން އައިސް މިރޭ މި ކާމިޔާބު ފާހަގަ ކުރަނީ އެ 26 ލަނޑުގެ ތަޖުރިބާއިން ހޯދި ފިލާވަޅުތަކުން ކަމަށެވެ.
"ފަހަރަކު ކަމެއް ކުރަމުން އައިސް އަޅުގަނޑުމެން އަންހެން ޓީމު މެޑަލް ހޯދައިފި، ސާފް އޭޖު މުބާރާތެއްގައި އަޅުގަނޑުމެންގެ އަންޑާ 19 ޓީމު މި އައީ ބްރޯންޒް ހޯދައިގެން، އަދި އަޅުގަނޑުމެންގެ ސީނިއާ ޓީމު އައީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެން،" ބައްސާމް ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެދުވަހު ޖެހި 26 ގޯލްގެ ނަތީޖާ ފެންނަމުން މި ދަނީ، އިރާދަ ކުރެއްވިއްޔާ މި ނަތީޖާ މިއަށްވުރެވެސް ފުރިހަމަ ކުރެވޭނެ."
ވޯލްޑްކަޕް ކޮލިފިކޭޝަންގައި ސީރިއާ އާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ރާއްޖެ ބަލިވިޔަސް އެ މެޗަކީ ރާއްޖެއިން ދެއްކި ކުޅުމުން ހިތްހަމަޖެހޭ ވަރުގެ މެޗެއް ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެ ދެ އަހަރުން ކުރިން އަންޑާ އޭޖު މުބާރާތްތަކަށް ދާ ދިވެހި ޓީމުތަކުގެ އަމާޒަކަށް ވެފައި އޮންނަނީ ބައިކޮޅަށް ވަންނަ ލަނޑުގެ އަދަދު މަދުކުރުން ކަމަށެވެ. ނަމަވެސް މިހާރު އުމުރު ފުރާތަކުގެ ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިންގެ ވިސްނުންވެސް ބަދަލު ވެފައިވާ ކަމަށެވެ.
"މިފަހަރު އަޅުގަނޑުމެންގެ އަންޑާ 19 ޓީމު ބްރޯންޒް މެޑަލްއެއް ހޯދައިފި، މިރޭ އަޅުގަނޑުމެންގެ އަންޑާ 16 ޓީމު ފުރައިގެން އެ ދިޔައީ ބަންދުލަދޭޝްގައި އޮތް މުބާރާތަށް، އެ ޓީމުގެ ކޯޗް [މުހައްމަދު ނިޒާމް] ގާތުގައި އަޅުގަނޑު އަހައިލައިފިން ކޮބާތޯއޭ ޓާގެޓަކީ، ކޯޗްގެ ޖަވާބަށްވީ މި މުބާރާތް ކާމިޔާބު ކުރުމޭ،"
"އެހެންވީމަ އަޅުގަނޑުމްންގެ އަންޑާ 16 އިން ފެށިގެން ސީނިއާ ޓީމާ ހަމައަށް ދާއިރު މި ވިސްނުން ބަދަލު ވެއްޖެ، މިހާރު އަޅުގަނޑުމެން މުބާރާތްތަކަށް މިދަނީ ކާމިޔާބު ހޯދަން މިހާރު މިދަނީ ބައިކޮޅަށް ވަންނަ ގޯލްތައް މަދުކުރާކަށް ނޫން." ނިންމާލައްވަމުން ބައްސާމް ވިދާޅުވި އެވެ.