ކުޅިވަރު

ބައްސާމްއަށް ފުރިހަމަ ސަޕޯޓް ދޭނަން: އަލީ ވަހީދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު އަދާ ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީގެ އާ ޗެއާމަންކަމަށް ހަމަޖެއްސެވި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީމު ކޮމިޓީ މިދިޔަ މަހު އަލުން އެކުލަވާލައި ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމުގައި ފުރަތަމަ ހުންނެވީ ބައްސާމްއެވެ. ބައްސާމް ވަނީ ކޮމިޓީގެ ޗެއާމަން ކަމުން ދުރަށް ޖެހިލައި އަލީ ވަހިދު ހަމަޖައްސަވާފައިވާ ކަން އިއުލާން ކޮށްފަ އެވެ.

މިއަހަރު މާޗް މަހު، އެފްއޭއެމުގެ ލީޑާޝިޕް ބަދަލު ކުރަން ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން މަސައްކަތް ކުރަމުން ދިޔަ ވަގުތު، އޭރު އެކްޓިން ސްޕޯޓްސް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި އެފްއޭއެމްއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އެ އެސޯސިއޭޝަންގެ ލީޑާޝިޕަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި ވަޒީރު، ރޭ ވާހަކަ ދެއްކެވީ އެހެން ރާގެއްގަ އެވެ. ރޭ ވިދާޅުވީ ފުޓްބޯޅާއިގައި އެއްކޮޅު ޕާޓީއެއް އިދިކޮޅު ޕާޓީއެއް އޮވެގެން ނުވާނެ ކަމަށެވެ.

"ފުޓްބޯޅައިގައި އޮންނަން ޖެހޭނީ އެންމެ އެކައްޗެއްގެ ގޮތުގައި، އަޅުގަނޑުގެ އިންޓަރެސްޓެއް ނެތް ފުޓްބޯޅައިގެ އޭރެއްގެ މަގާމުތަކުގައި ތިބީ ކޮންބައެއްތޯ ބަލާކަށް،" އަލީ ވިދާޅުވި އެވެ. "އެމަގާމުތަކަށް އަންނަންވީ ބަޔަކު އަންނަންވީ، އަޅުގަނޑުމެންނަށް މިއަދު އެ އޮޕަޗިނިޓީ ކުރިއޭޓްވީ މިއަދުގެ ސްޕޯޓްސް މިނިސްޓަރު [އަހްމަދު މަހްލޫފް] އާއި އެފްއޭއެމްގެ ރައީސް [ބައްސާމް] ގެ ޔުނިޓީއާ އެއްކޮށް."

އޭނާ ވިދާޅުވީ އެފްއޭއެމް އާއެކު މިހާރު ކުރާ މަސައްކަތުން ލޯންގް ޓާމްގެ ޕްލޭނެއްގެ ގޮތުގައި ރާއްޖޭގެ ކުލަބުތައް މިހާރު ވެއްޓިފައިވާ ހާލަތުން ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ރާއްޖޭގެ ކުލަބުތައް މިހާރު ވެއްޓިފައިވާ ހާލަތު އަރައިގަތުމަށް ސަރުކާރާއި އަދި އަޅުގަނޑުމެންގެ ވިޔަފަރިވެރިންނާއި އިބްޑަސްޓްރީތަކާއި އެފްއޭއެމް އާއި މިކަމާބެހޭ އެންމެން ގުޅިގެން މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެ އިނިޝިއޭޓިވް އެ އަޒުމުގައި އަޅުގަނޑު [ނެޝަނަލް ޓީމު ކޮމިޓީގެ ޗެއާމަންގެ] މަގާމުގައި މަސައްކަތް ކުރަން ނިންމީ."

މިނިސްޓަރު ވިދާޅުވީ ފުޓްބޯޅައިގައި އެކަކަު އަނެކަކަށް ދެބަސްވެ ތަޅާފޮޅުން އޮވެއްޖެނަމަ އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން އެގޮތަށް ތިބިއްޔާ 14 ނޮވެމްބަރުގައި ފިލިޕީންސާ ދެކޮލަކަށް ނޫން އަޅުގަނޑުމެން ކުޅޭނީ، ފިލިޕީންސާއި އެފްއޭއެމް ކައިރިންލާފައި ދާ ދެތިން މީހުންނާ ދެކޮޅަށް ކުޅެންވެއްޖެއްޔާ، މިތިއްބެވި [އަލީ އަޝްފާަގް] ދަގަނޑޭ އާ އެންމެން އެރިޔަސް ނުވާނެ މިކަމެއް،" ވަޒީރު ވިދާޅުވި އެވެ. "އެހެންވީމަ ހުރިހާ އެންމެން އަރަންޖެހޭނީ ގައުމީ ޓީމުގެ ފަހަތަށް."

އޭނާ ވިދާޅުވީ ކުރިން ދިޔަ ހިޔާލުތަފާތު ވުންތައް އެ ނިމިގެން ދިޔައީ ކަމަށާއި ދެން އޭގައި ހިފައި އެއްކޮށް މަސައްކަތް ނުކުރެވޭ ހާލަތަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

މިނިސްޓަރު ރޭ ވިދާޅުވީ ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓަށް ދީފައިވާ ޓާގެޓް ހާސިލު ކުރަންދެން، އެ މަގާމުގައި އޭނާ ދެމިހުންނާނެ ކަމަށެވެ.

އެފްއޭއެމުން ދީފައިވާ ޓާގެޓަށް ވާސިލުވާން ގައުމީ ކޯޗުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަން ހުރިހާ އެންމެންވެސް ކޯޗަށް ޖާގަ ދޭން ޖެހޭ ކަމަށެވެ. އެފްއޭއެމުން މިހާރު ގައުމީ ކޯޗާ ހަވާލުކޮށްފައި ވަނީ، މިހާރު ކުރިއަށްދާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝާންގައި އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ.

އަލީ މިހެން ވިދާޅުވީ، ޝެގަޓްގެ މަގާމާމެދު ޕަބްލިކުގައި ހިޔާލު ދެކަފިވެފައިވާ ވަގުތެއްގަ އެވެ. ގައުމީ ކޯޗް ކަމުން ޝެގަޓް ވަކި ކުރުމަށް އެދި އޮންލައިން ޕެޓިޝަނެއް މިދިޔަ މަހު ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދިޔަ އެވެ.

"އަޅުގަނޑުމެންގެ ގައުމީ ކޯޗަށްވެސް އެފްއޭއެމްގެ ރައީސް [ބައްސާމް] އެބައޮތް ޓާގެޓެއް ދެއްވަވާފަ، އެ ޓާގެޓަށް ކޯޗް ދަންދެން (މަގާމު ގައި) ކޯޗް ހުންނާނެ،" ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމާ ހަވާލުވުމަށް ފަހު ދެއްކިވި ފުރަތަމަ ވާހަކައިގައި އަލީ ވިދާޅުވި އެވެ. "އެހެންވީމަ އޭނާއަށް އޭނާގެ ޖާގަ ދޭން ޖޭހެނެ ފުރިހަމައަށް، ހަމަ އެގޮތަށް ދެންތިބި މީހުންނަށްވެސް ދައުރު އަދާ ކުރުމަށް ފުރުސަތު ދޭން ވާނެ، ޑިއު ރެސްޕެކްޓް ދޭން ވާނެ، ފުލު ސަޕޯޓް ދޭން ވާނެ."

ވޯލްޑްކަޕް ކޮލިފިކޭޝާންގައި މިދިޔަ ބުރާސްފަތި ދުވަހު ސީރިއާ އާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތްކޮށް އަލީ ވިދާޅުވީ އެ މެޗުގައި ކޯޗުގެ ރޭވުން ވަރަށް ފުރިހަމަ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ކޯޗެއްގެ ޓެކްނިކްވެސް ތަފާތު ވާނެ ކަމަށާއި އެހެންނަމަވެސް އެންމެންވެސް މަސައްކަތް ކުރަން ޖެހޭނީ ޕޮޒެޓިވް އެނަޖީއެއްގައި ކަމަށެވެ.