ޓިއުނީޝިއާ

ތޫނިސް: މޮޅުވެއްޖެ ކަމަށް ސައީދު އިއުލާން ކުރައްވައިފި

ތޫނިސްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު އިންތިހާބު ކާމިޔާބު ކުރެއްވިފައިވާ ކަމަށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓް ގައިސް ސައީދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. ވޯޓުލުން ނިމުނުތަނާހެން ސައީދު ވިދާޅުވީ، އޭނަގެ ވާދަވެރި ކެންޑިޑޭޓް ނަބީލް އަލްގުރާވީ ބޮޑު ތަފާތަކުން ބަލިވަމުންދާ ކަން ވަގުތީ ނަތިއްޖާއިން އެނގިއްޖެ ކަމަށެވެ. ސަައީދު ވިދާޅުވީ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ވޯޓުގެ 70 ޕަސަންޓް ވޯޓް އޭނާއަށް ކާމިޔާބު ކުރެއްވިފައިވާ ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ސައީދަށް ކާމިޔާބު ކުރެވިފައިވަނީ ވޯޓުގެ 18 ޕަސަންޓެވެ. ނަބީލްއަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ ވޯޓުގެ 15 ޕަސަންޓެވެ. އެހެންކަމުން މި އިންތިހާބުގައި 70 ޕަސަންޓް ވޯޓާއެކު ކާމިޔާބު ކުރުމުގެ ފުރުސަަތު ސައީދަށް އެބައޮތެވެ. ދެވަނަ ބުރުގެ ވޯޓުގެ ގުނުން އަދި ނުނިމެ އެވެ.

ސައީދުގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެ އުފާ ފާޅު ކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު އަދި އެ ގައުމުގެ އިންތިހާބާބެހޭ މަރުކަޒުން ވަގުތީ ނަތިއްޖާއިން އިންތިހާބު ކާމިޔާބު ކުރި ފަރާތް ހާމަކޮށްފަ އެއް ނުވެ އެވެ. ވަގުތީ ނަތީޖާ އިއުލާން ކުރެވޭނީ ހުރިހާ ވޯޓުފޮށިތަކެއް ގުނައި ނިމުމުންނެވެ.

މި އިންތިހާބުގައި ތޫނިސްގެ އެންމެ ބޮޑު ސިޔާސީ ޕާޓީތަކުގެ އަޑު ވަނީ ފަނޑުވެފަ އެވެ. މިހާތަނަށް ތޫނިސްގެ ސިޔާސީ މައިދާން ދިރާސާ ކުރަމުން އައި ފަރާތަތްކުން ބުނަމުން އައީ އިންތިހާބު ކާމިޔާބު ކުރައްވަނީ ނަބީލް ކަމަށެވެ. ނަމަވެސް މިހާތަނަށް އާންމު ކޮށްފައިވާ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ނަބީލް އިންތިހާބުން ބަލިވާނެ އެވެ. މީގެ އިތުރުން އިދިކޮޅު ލީޑަރެއް ކަމަށްވާ މޯރިސް ކަމޮޓާއަށް ލިބުނު ވޯޓުގެ އަދަދުވެސް މަދެވެ. މޯރިސްއަކީ ތޫނިސްގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރެކެވެ.