ހަބަރު

ނައިޖީރިޔާ ބަލިކޮށް ޓިއުނީޝިއާ ކުއާޓާ ފައިނަލަށް

އެފްރިކަން ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ވަރުގަދަ ނައިޖީރިޔާ ބަލިކޮށް ޓިއުނީޝިއާ ހޯދައިފި އެވެ.

ޓިއުނީޝިއާއިން ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި މިވަނީ ގްރޫޕް ޑީގެ އެއްވަނަ އަށް ދިޔަ ނައިޖީރިޔާއާއި ވާދަކޮށް 1-0 ލަނޑުން ކުރި ހޯދައިގެންނެވެ.

މުޅި މުބާރާތުގައިވެސް މި މެޗަކީ އެންމެ ފޯރި ގަދަވެގެންދިޔަ އެއް މެޗެވެ. ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބި ނައިޖީރިޔާއިން ގޯލެއް ޖެހުމަށް ގިނަ މަސައްކަތެއް ކުރި އެވެ. ނަމަވެސް ޓިއުނީޝިއާގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

ނަތީޖާއެއްގެ ގޮތުން ޓިއުނީޝިއާ އިން މެޗުގެ ފުރަތަމަ ހާފުގެ 47 ވަނަ މިނެޓުގައި ކާމިޔާބު ކުރި ގޯލަށް ފަހު މުޅި ޓީމު ފަހަތައް ފައިބައި ހުއްޓާ ނުލައި ޑިފެންސް ކުރުމުން މެޗު ނިމިގެން ދިޔައީ ޓިއުނީޝިއާ އަށް މޮޅެއް ލިބިގެންނެވެ.

ގަދަ 16 ގައި ރޭ ކުޅެވުނު އަނެއް މެޗުގައި ބުރުކިނާ ފާސޯ އަދި ގެބޯން ވާދަކުރި މެޗު ކާމިޔާބު ކޮށް ކުއާޓާ ފައިނަލުގެ ދެވަނަ ޖަގަ ކަށަވަރު ކުރީ ބުރުކިނާ ފާސޯ އެވެ.

ބުރުކިނާ ފާސޯ އިން ކުއާޓާ ފެއިނަލްގެ ޖާގަ ޔަގީން ކުރީ މެޗުގެ 90 މިނެޓު ހަމަވި އިރު 1-1 އަކުން އެއްވަރު ވެފައި އޮތުމުން ކުޅުނު 15 މިނެޓުގެ ދެ ހާފު ގައިވެސް ނަތީޖާ ނުނިކުތުމުން ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ބުރުކިނާ ފާސޯ އެވެ. މި ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ 28 ވަނަ މިނެޓުގަ އެވެ. މި ލަނޑަށް ފަހު ގެބޯން އިން ގޯލެއް ޖެހިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ބުރުކިނާ ފާސޯގެ އިންވެސް ފަހަތައް ފައިބައިގެން ޑިފެންސް ކުރި އެވެ. ނަމަވެސް އެ ހުރިހާ މަސައްކަތެއް ފެނަށް ވެގެން ދިޔައީ މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގައި ގެބޯންގެ ޑިފެންޑަރަކު ކައުންޓާ އެޓޭކުގައި ކުރިއަށް އަރައި ޖެހި ގޯލާއި އެކުގަ އެވެ.

ނަމަވެސް ބްރުކިނާ ފާސޯއިން ހިތްވަރު ދޫނުކޮށް 15 މިނެޓުގެ ދެހަފުގައިވެސް ޑިފެންސްކޮށް ޕެނަލްޓީގައި ކުރި ހޯދީ އެވެ.