ހަބަރު

ބޮޑު އަދަދުތަކުން ބަދަލު ދޭ މައްސަލައަށް އޭސީސީން ވަދެއްޖެ

Oct 15, 2019
2

ބަދަލުގެ ގޮތުގައި ދައުލަތުން އަމިއްލަ ކުންފުނިތަކަކަށް ގިނަ ފައިސާތަކެއް ދޫކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭސީސީއަށް އައްޔަން ކުރި އާ މެންބަރުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލު ވިދާޅުވީ ގަވައިދާ ހިލާފަށް ބާތިލުކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި ދައުލަތުން އަމިއްލަ ކުންފުނިތަކަކަށް ގިނަ ފައިސާތަކެއް ދޫކުރާ މައްސަލަތައް ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

"ހުރިހާ ސެޓަލްމަންޓުތަކާ ބެހޭ މައްސަލަތައް ހުށަހަޅާފައި ވަނީ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި. އެ މައްސަލަތައް ބަލަމުންދާއިރު ކޮންމެ ސެޓަލްމަންޓެއް ވަކިވަކިން ބަލައި ތަހުގީގުކޮށްގެން ކުރިޔަށް ގެންދާނަން،" ޝަކީލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަަނެއްހާ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ދީބާޖާ ކުންފުންޏަށް ދޭނެ ކަމަށް ބުނާ 348 މިލިއަން ރުފިޔާއާ، ނެކްސް ބިޒްއަށް ދޫކުރި 276 މިލިއަން ރުފިޔާއާ، ދާދި ފަހުން ނޫމަޑިއަށް ދޫކުރަން ނިންމި 848 މިލިއަން ރުފިޔާ ހިމެނެ އެވެ. އޭގެ އިތުރުން ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދީފައިވާ އިރު ސީޖީޓީއަށް 22 މިލިއަން ރުފިޔާގެ ބަދަލެއް ވަނީ ދީފަ އެވެ.