ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބުނީ ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭ ގޮތަށް ސޮއި ކޮށްފައިވާ ހަތް އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލާ ދޫކޮށްލަން ލާޒިމްވާ ގޮތަށް "ޕުޓް-ރައިޓް އޮޕްޝަން" ހިމަނާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ނިންމާ އެ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި މިއަދު ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރުގެ އިތުރުން ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރުގެ މައްޗަށެވެ.
ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ދައުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާ ކުރުމުގައި އެނގިހުރެ، ގާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދައުވާގެ އިތުރުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައި ދިނުމުގެ މަގްސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން މިރޭ ބުނީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށްދޫކޮށްފައިވާ ބ. ތިލަދޫ އާއި ށ. ހުރަސްފަރު އާއި ށ. ނާއިންފަރު އާއި ރ. ފަސްމެންދޫ އާއި ކ. އެނބޫދޫ ފިނޮޅުގެ އިތުރުން ކ. ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ. ކޮއްދިއްޕަރުފަޅު (އަމީންގިރި) ގެ ތެރެއިން ބ. ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއްކަމާއި އެ ހަތް ރަށުގެ ތެރެއިން ބ. ތިލަދޫ ކުއްޔަށް ދޫކޮށްފައިވަނީ ޓޫރިޒަމާބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ފަހުން ކަމަށެވެ.
އަދި ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށްދޫކުރުމަށް އޮކްޓޫބަރު 4، 2016 ގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީއާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި "ޕުޓް-އޮޕްޝަން ރައިޓް" މާއްދާ ހިމަނާފައިވީ ނަމަވެސް ޓޫރިޒަމާބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ސަރުކާރަށް ލިބެނީ ސަރުކާރާއެކު ޖޮއިންޓް ވެންޗާގައި ބައިވެރިވާ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ "ވިއްކާލުމުގެ" އިޚްތިޔާރު ކަމަށެވެ. ސަރުކާރުގެ ހިއްސާ އެގްރިމެންޓްގެ އަނެއް ބައިވެރިޔާއަށް އެއްވެސް އަގަކާ ނުލައި ދިނުމުގެ ބާރާއި އިހްތިޔާރު ސަރުކާރަށް ލިބިގެން ނުވާއިރު ސަރުކާރު ބައިވެރިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރު އޮތް ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް އެ މާއްދާއިން ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލައި ވިއްކާލުމުގެ އިހްތިޔާރު ދީފައިނުވާ ކަމަށެވެ.
އަދި ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ޓޫރިޒަމްއާބެހޭ ގާނޫނުގައި ބަޔާންކުރާ އިސްތިސްނާ ހާލަތުގެ ދަށުން އާންމު އިއުލާނުކޮށްގެން ރަށްތަށް ކުށްޔަށްދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓު ވެންޗާ އެގްރީމެންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓު ވެންޗާ ކުންފުނިތަކާއެކު ލީސްއެގްރީމެންޓް ހަދައިގެން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށާ އެރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީނަމަވެސް އިސްތިސްނާ ހާލަތަކީ އެ ހާލަތުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗާގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުގާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަހުގީގަށް ގަބޫލު ކުރެވޭ ކަމަށްވެސް އޭސީސީން ބުންޏެވެ.
ކ. އެނބޫދޫ ފިނޮޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓެގެ 15 ވަނަ މާއްދާ އާއި ށ. ނާއިންފަރާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓު ގެ 15 ވަނަ މާއްދާ އާއި ށ. ހުރަސްފަރާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓުގެ 15 ވަނަ މާއްދާ އާއި ރ. ފަސްމެންދޫއާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަާ އެގްރީމެންޓުގެ 15 ވަނަ މާއްދާ އާއި ކ.ކޮއްދިއްޕަރު ފަޅާ ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓުގެ 11 ވަނަ މާއްދާގައި ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު ފަސް ޕަސެންޓް ހިއްސާ ޖޮއިންޓް ވެންޗާ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް ހިމަނާފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.
ޖިހާދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މި ސަބަބުތަކާއި ގުޅިގެން ކަމަށް އޭސީސީން ބުންޏެވެ.
އަދި ކުރީގެ މިނިސްޓަރު އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ބ. ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީއާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރެވޭގޮތަށް ސޮއިކޮށްފައިވާތީ ކަމަށް ބުންޏެވެ.