ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާކަމަށް ބުނެ ދައުވާކުރަން ފޮނުވާފައިވާއިރު، އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ ފެންވަރާމެދު ސުވާލު އުފައްދައިފި އެވެ.
ވެންޓިލޭޓަރު މައްސަލާގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ބިޑް ކޮމިޓީގެ މެމްބަރުން ހިމެނޭހެން 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ވަނީ ފޮނުވާފަ އެވެ.
ނަމަވެސް، ފަހަކަށް އައިސް އޭސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ވެންޓިލޭޓަރު މައްސަލާގައި އެ ކޮމިޝަނުން ކުރި ތަހުގީގުގެ ފެންވަރާމެދު ސުވާލު އުފައްދަވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވި މައްސަލައަށް އިޝާރާތް ކުރައްވަމުން، އިންތި ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާނުކޮށް ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އެސީސީއިން ކުރި ތަހުގީގުގެ ފެންވަރު ދަށްވުމުން ކަމަށެވެ.
"މިއަދު ހެނދުނު 11:00 އަށް މަޖިލީހަށް އޭސީސީ ހާޒިރުކުރުމަށް އަންގާފައިވަނިކޮށް ރޭ 8:15 ގައި މި މައްސަލަ ވެސް ޕީޖީއަށް މި ފޮނުވީ އެހާ ފެންވަރު ތަހުގީގަކަށް ފަހުގައިބާ؟" އިންތި ސުވާލު އުފެއްދެވި އެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އޭސީސީ އަށް ހާޒިރުކޮށްފައިވާއިރު، އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްވާތީ ކޮމިޝަނުގެ މެންބަރުންނަށް މިއަދުގެ ބައްދަލުވުމުގައިވެސް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
އަދި އެކަމާ ގުޅިގެން އޭސީސީގެ މެންބަރުންނަށް ކުރެވޭ އިތުބާރު ގެއްލިފައިވާކަމަށް ބައެއް މެންބަރުން ވިދާޅުވިއިރު، ކޮމިޝަނަށް ބަދަލު ގެންނަންޖެހިދާނެކަމުގެ އިންޒާރުވެސް މިއަދު ވަނީ ދީފަ އެވެ.
އެ ތުހުމަތުތަކުގެ ރައްދުގައި ކޮމިޝަނުގެ މެންބަރުން ވިދާޅުވީ، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މައްސަލަތައް ތަހުގީގު ކުރުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.