އީވާ އަބްދުﷲ

ޖިހާދާއި މުނައްވަރަށް ޖިނާއީ ދައުވާ ކުރަން އީވާ ގޮވާލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ދަރަނި މެނޭޖް ނުކުރެވޭ ވަރަށް ޗައިނާއިން ލޯނި ނެގި މައްސަލާގައި އެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރަށް ދައުވާ ކުރަން ޖެހޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އިވާ އެ ގޮތަށް ގޮވާލެއްވީ، މުޅި މަޖިލިސް އެއްކޮށްގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ޖިހާދާއި މުނައްވަރު ވެސް ހާޒިރުވެ އިންނަވަނިކޮށެވެ. އެ ކޮމިޓީއަށް މިހާރުގެ މިނިސްޓަރު އިބްރާހިމް އަމީރާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވެސް ހާޒިރުވެ އިންނެވި އެވެ.

އީވާ ވިދާޅުވީ ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ދަރަނީގެ ދަންތުރައަކަށް ރާއްޖެ ހަދާފައިވާ ކަމަށެވެ. ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ އަދަދު ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށެވެ. އެ ދަރަނިތައް ދައްކާނީ ރާއްޖޭގެ ކޮން މުދަލެއް ވިއްކައިގެންތޯ ކުރީގެ ދެ މިނިސްޓަރުންނަށް އަމާޒު ކުރައްވައި އީވާ ސުވާލު ކުރެއްވި އެވެ.

މާލެއާއި ހުޅުމާލޭގައި ޗައިނާގެ ލޯނުތަކުން ހިންގާފައިވާ މަޝްރޫއުތަކަށާއި ހުޅުލޭގައި އޮންނަ ވެލާނާ އިންޓަނޭޝަން އެއާޕޯޓްގައި އެ ލޯނުތަކުގެ އެހީގައި ހިންގާފައިވާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ، މާލެ ސަރަހައްދުގެ ބިންތަކުން ޗައިނާއަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރާ ގާތަށް ދަރާފައިވާ ކަމަށެވެ.

"ޗައިނާގެ ދަރަނީގެ ދަންތުރަކަށް މި ރާއްޖެއަށް ހަދައިފި، ކުރީގެ ދެ ފިނޭންސް މިނިސްޓަރުން މި ކަމުގައި ޒިންމާ ނަގަން ޖެހޭނެ، ޖިނާއީ ދައުވާ ވެސް ކުރަން ޖެހޭ،" އީވާ ވިދާޅުވި އެވެ.

ޗައިނާގެ ލޯނުތަކާ ގުޅޭ ގޮތުން އީވާ އަމާޒު ކުރެއްވި އެއްވެސް ސުވާލަކަށް ދެ ބޭފުޅުން ވެސް ޖަވާބެއް ނުދެއްވަ އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ މަޖިލީހަށް ހާޒިރުވާން އެންގި ސިޓީގައި ވެސް ސުވާލު ކުރެވޭނެ މައުލޫމާތުތައް ބަޔާން ކޮށްފައި ނުވާތީ އެ މައުލޫމާތުތައް ނެތް ކަމަށެވެ.

ދެ މިނިސްޓަރުން އެ ގޮތަށް ވިދާޅުވުމުން އީވާގެ ސުވާލަށް ޖަވާބު ދެއްވަން އޭނާ ވިދާޅުވި އެވެ. އީވާ އެހެން ވިދާޅުވުމުން މުނައްވަރު ދެން ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ނެގި ލޯނުތައް ދައްކައި ދަރަނި މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި ލޯނު ނަގާފައި ވާނީ ވެސް އެ ގޮތުގެ މަތިން ކަމަށެވެ.

އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ޗައިނާއިން ނެގި ލޯނެއް ކަމަށް ވިޔަސް އަދި އިންޑިއާއިން ނެގި ލޯނެއް ކަމަށް ވިޔަސް އޭގެ މައުލޫމާތުތައް މިހާރު ވެސް ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ. އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ވެސް ހުންނާނެ ކަމަށެވެ.

މިނިސްޓަރު އަމީރު ވެސް މިއަދު އެ ކޮމިޓީގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭރުގެ ދަރަނި ނުދެއްކި ސޮވެރިން ޑިފޯލްޓްއަކަށް ދާން ޖެހޭ ހިސާބުގައި ރާއްޖެ ނެތް ކަމަށެވެ. ދަރަނިތައް އަދާކުރެވި މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ފިނޭންސް މިނިސްޓްރީގެ އަގު ވެއްޓޭނެ ގޮތަށް ވާހަކަތައް ނުދައްކަން ވެސް އެދިވަޑައިގަތެވެ.