ހައިކޯޓް

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަނީ

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާނު ކޮށްފައި ވަނީ އެ ކޯޓްގެ ފަނޑިޔާރުންގެ އަދަދު ނުވަ އަކުން 11 އަށް ބަދަލު ކުރުމަށް ނިންމާ އެކަން ރައްޔިތުންގެ މަޖިީހުން ފާސްކުރުމާއި ގުޅިގެންނެވެ. 18 ވަނަ މަޖިލީހުގައި މި ނިންމުން ނިންމާފައި ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވި ފަނޑިޔާރުން މަގާމުގައި ތިބޭނެ ކަމަށާއި އަދަދު ހަމަކުރުމަށް ބޭނުންވާ ފަނޑިޔާރުން އިސްލާހު ފާސްކޮށް، ގެޒެޓްކުރެވޭތާ ތިން މަސް ތެރޭގައި އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

ހައިކޯޓުން މިއަދު ވަނީ އެ ދެ މަގާމަށް ފަނޑިޔާރުން ހޯދަން އިއުލާނުކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ނޫނީ އެ ދެ ކަމުގައި މަދުވެގެން ފަސް އަަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއާގެ ރޮނގުން ނުވަތަ ނޫނީ އިސްލާމީ ޝަރީއާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާން ޖެހޭނެ ކަމަށެވެ.

އަދި އުމުރުން 25 އަހަރު ފުރިފައިވުމާއި، އަޚުލާގާ ސުލޫކު ހުންނަންވާ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ.

ހައިކޯޓްގެ ފަނޑިޔާރަކަށް މުސާރައިގެ ގޮތުގައި 36،000 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާ ފޯން އެލަވަންސް ލިބޭނެ އެވެ. އަދި މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތް އިންޝުއަރެންސް ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.