ހައި ކޯޓުގެ ފަނޑިޔާރު އަހްމަދު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި އެވެ.
ޝަކީލް ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވި މައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ފަނޑިޔާރު ޝަކީލް ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާ ކަމަށް އަވަސް އަށް ވަނީ އެނގިފަ އެވެ.
ފަނޑިޔާރަކު ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވި ނަމަވެސް އެ ބޭފުޅެއްގެ ރިޓަޔަމަންޓާ މެދު ގޮތެއް ނިންމާނީ ޖޭއެސްސީ އިންނެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ޝަކީލް ކުރެއްވީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
ފަނޑިޔާރު ޝަކީލް ހައިކޯޓު ފަނޑިޔާރު ކަމަށް އައްޔަންކުރީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނަވައިގެން ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ހުކުމަށްފަހު އެވެ. މި ހުކުމާ އެކު ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ވަނީ ގެއްލިފަ އެވެ. އެހެންވެ އެއީ ރައީސް ޔާމީނަށް ސިޔާސީ ގޮތުން ޖަހައިދިން ހުކުމަކާ ގުޅިގެން ޝަކީލަށް ދިން ޕްރޮމޯޝަނެއް ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
ގާޒީ ޝަކީލް ރިޓަޔާކުރެއްވުމަށް ހުށަހަޅުއްވާފައި މިވަނީ ޕީޕީއެމް ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ ގާޒީ ޝަކީލް މަގާމުން ވަކިކުރާނެ ކަމަށް ބުނެ އިންޒާރުވެސް ކުރިން ދީފައި ވަނިކޮށެވެ.
ފަނޑިޔާރުން ރިޓަޔާކުރެއްވުމުން އެ ބޭފުޅުންނަށް މުޅި އުމުރަށް ކޮންމެ މަހަކުވެސް އެކަށީގެންވާ ބޮޑު އެލަވަންސެއް ލިބެ އެވެ.