ހައިކޯޓް

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި އެވެ.

ފަނޑިޔާރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް މިއަދު އައްޔަންކުރެއްވީ މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އާއިޝަތު ނުޒުހާ އެވެ.

މީގެ އިތުރުން ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި އައިޝަތު ޝިހާބު ވަނީ ހުވާ ކުރައްވާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ގދ.ގައްދޫ، ހަނދުވަރީނާޒް، މުހައްމަދު ޝަނީޒް އަބްދުﷲ އައްޔަންކުރުމަށް ނިންމާފައިވާނީ މިދިޔަ މަހު 24 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 35 ވަނަ ބައްދަލުވުމުގަ އެވެ.

މުހައްމަދު ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލުކުރައްވާފަ އެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގައި ނުވަ އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޝަނީޒް ވަނީ ވަކީލުކަމާއި މެޖިސްޓްރޭޓްކަން ކުރައްވާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރިއިރު ޝަނީޒް ހުންނެވީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމުގަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް މާލެގަން، ފެނާތުރު، ޏ.ފުވައްމުލައް، އާއިޝަތު ނުޒުހާ އައްޔަންކުރުމަށް ޖޭއެސްސީން ނިންމީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 33 ވަނަ ބައްދަލުވުމުގަ އެވެ.

އާއިޝަތު ނުޒުހާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބެޗްލާސް އޮފް ޝަރިއާ އެންޑް ލޯ (ވިތު އޮނާސް) އަދި މާސްޓާ އޮފް ލޯ ހާސިލް ކުރައްވާފަ އެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމު އަދާކުރައްވަމުން ގެންދެވި އާއިޝަތު ނުޒުހާ ވަނީ ގާނޫނީ ދާއިރާގައި ހަތް އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ހިދުމަތްކުރައްވާފަ އެވެ.

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް މުސްތަރީގެ، ގއ. ވިލިނގިލި، އައިޝަތު ޝިހާބް އައްޔަންކުރުމަށް ނިންމާފައިވާނީ މި މަހު ހަތަރުވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 39 ވަނަ ބައްދަލުވުމުގަ އެވެ.

އައިޝަތު ޝިހާބް ވަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ބެޗްލާސް އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވައިފަ އެވެ. ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ނިންމެވިއިރު، އައިޝަތު ޝިހާބް ހުންނެވީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.