ކުޅިވަރު

ސްޕެއިން ވެސް ޔޫރޯއަށް ކޮލިފައި ވެއްޖެ

ސްވިޑެން ކޮޅަށް ފަހު ވަގުތު ވައްދާލި ލަނޑު މެޗު 1-1 ން އެއްވަރުކޮށް އަންނަ އަހަރު ޔޫރޯއަށް، އެ މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި ސްޕެއިން ކޮލިފައި ވެއްޖެ އެވެ.

ކޮލިފައިންގެ ޖާގަ ކަށަވަރު ކުރުމަށް ސްޕެއިން އަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެވެ. ސްވިޑެންއިން ދެ ވަނަ ހާފު ކުރީ ކޮޅު ލީޑް ނަގާފައި ވަނިކޮށް ސްޕެއިންއަށް މެޗުގެ ނަތީޖާ ފަހު ވަގުތު ހަމަހަމަކޮށް ދިނީ ވެލެންސިއާގެ ފޯވަޑް ރޮޑްރިގޯ މޮރޭނޯ އެވެ. އޭނާ ލަނޑު ޖެހީ ފަބިއަން ރުއިޒް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ސްވިޑެންއަށް ލީޑް ނަގައިދިނީ މާކޯސް ބޭރީ އެވެ. މެޗުގައި ލަނޑު ޖަހާނެ އެހެން ފުރުސަތުތައް ވެސް ސްވިޑެންއަށް ލިބުނެވެ. ރޮބިން ކްއާސަން ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ ދިފާއު ކުރި އެވެ. އޭގެ ފަހުން މެޗުގައި ޑެހެއާއަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނެވެ.

ޑެހެއާގެ ފަލަ މަސްގަނޑަށް ކޮންމެވެސް ވަރަށް އަނިޔާވި އެވެ. އިނިގިރޭސި ޕްރިމިއާ ލީގްގައި އަންނަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑް ކުޅޭ މެޗުގައި ޑެހެއާއަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.

ސައުވީސް ޓީމަށް ޖާގަ ލިބޭ ޔޫރޯއަށް، ސްޕެއިން ކޮލިފައިވީ ހަ ވަނަ އަށެވެ. މީގެ ކުރިން ބެލްޖިއަމް، އިޓަލީ، ރަޝިއާ، ޕޮލެންޑް އަދި ޔޫކްރޭން ވަނީ ކޮލިފައި ވެފަ އެވެ.