ހަތެއް

ތަރަައްގީގެ މަރުކަޒަކަށް ކުޑަހުވަދޫ ވާނެ: ރައީސް

ކުރިއަށް އޮތްތަނުގައި ދ. ކުޑަހުވަދޫ ވެގެންދާނީ ތަރައްގީގެ މަރުކަޒަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅުގެ ސިއްހީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަހުވަދޫގެ ތަރައްގީއަށް ސަރުކާރުގައި ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި ދ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާ އަތޮޅެއް ކަމަށާ މަސްވެރިކަމާއި އެ ނޫން ވެސް ބައެއް ދާއިރާތަކުން އެ އަތޮޅު ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން ކުޑަހުވަދޫ މިހާރު އޮތީ ތަރައްގީއަށް ވަރަށް ބޮޑަށް ފައްކާވެފައި ކަމަށާއި އެ ރަށުގެ ހޮސްޕިޓަލާއި ސުކޫލާއި، މަގުތައް ތަރައްގީކޮށް ކުޑަހުވަދޫއަކީ ތަރައްގީގެ ބޮޑު މަރުކަޒަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.

"އެހެންވީމަ މި ރަށް މި އޮތީ ތަރައްގީއަށް ހަމަ ފައްކާވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭންގައި މި ސަރަހައްދުގައި ގާއިމުކުރެވޭ އާބަން ސެންޓަރެއްގެ ގޮތުގައި މިރަށް [ކުޑަހުވަދޫ] ތަރައްގީ ކުރާނަން. އަދި އެފަދަ އާބަން ސެންޓަރަށް ބޭނުންވާ ހުރިހާ ވަސީލަތެއް އިރާދަކުރެއްވިއްޔާ މި ރަށުގައި ގާއިމު ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު މި ދެންނެވި ފަދައިން ހޮސްޕިޓަލް ތަރައްގީވުމުގެ އިތުރުން ސުކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، މަގުތައް ހެދުމާ، ފެރީ ޓާމިނަލް ހެދުމާ، މި ރަށައް ބޭނުންވެފައިވާ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓާ އަދި މި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،"

ރައީސް ވިދާޅުވީ ކުޑަހުވަދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ ކުރެހުމާއި ފައިސާ ހަމަޖެހި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ވެސް ފަށާނެ ކަމަށެވެ. އަދި ޒުވާނުންނަށް ކުޅިވަރުތައް ކުޅެވޭނެ ޒޯން ސްޓޭޑިއަމެއް ވެސް އެ ރަށުގައި އަޅުއްވާނެ ކަމަށެވެ.

މި ރަށް މި އޮތީ ތަރައްގީއަށް ހަމަ ފައްކާވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭންގައި މި ސަރަހައްދުގައި ގާއިމުކުރެވޭ އާބަން ސެންޓަރެއްގެ ގޮތުގައި މިރަށް [ކުޑަހުވަދޫ] ތަރައްގީ ކުރާނަން. އަދި އެފަދަ އާބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް މި ރަށުގައި ގާއިމު ވާނެ. އަޅުގަނޑު މި ދެންނެވި ގޮތަށް ހޮސްޕިޓަލް ތަރައްގީވުމުގެ އިތުރުން ސުކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، މަގުތައް ހެދުމާ، ފެރީ ޓާމިނަލް ހެދުމާ، މި ރަށައް ބޭނުންވެފައިވާ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓާ އަދި މި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ އެ ހުރިހާ މަޝްރޫއުތަކެއް ލަސް ނުވެ ފަށާނެ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާ ބަޖެޓްގައި ގިނަ މަޝްރޫއުތައް ހިމަނުއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.