ބޯހިޔާވަހިކަން

ރަށްރަށުގެ ބޯހިޔާވަހިކަމަށް 500 މިލިއަން ރުފިޔާގެ ލުއިލޯނު ދެނީ

އަތޮޅުތަކުގެ ބޯހިޔާވަހި ކަމަށް 500 މިލިއަން ރުފިޔާގެ ލުއި ލޯނު ދޭން ސަރުކާރުން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރޭ ބޭއްވި އެމްޑީޕީގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަން މުޅި ރާއްޖެއަށް ފޯރު ކޮށްދިނޭން ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އަންދާޒާކުރަނީ ގާތް ގަނޑަކަށް 500 މިލިއަން ރުފިޔާވަރުލުމަށް ފަހު ކޮންމެ ރަަށަކަށް ލުއި ލޯނެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދަން" ރައީސް ވިދާޅުވި އެވެ.

އެ ލޯންތައް ދޫކުރަން ފަށާނެ މުއްދަތާއި އެކަމުގައި ގެންގުޅޭނެ އެއްވެސް އުސޫލެއްގެ ތަފްސީލް ރައީސް ނުދެއްވަ އެވެ.

ރަށްރަށުގެ ބޯހިޔާވަހި ކަމަށް ރައީސް އާ އުއްމީދެއް ދެއްވިއިރު ރަށްރަށުގައި ހުރި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށް އެދޭ ފަރާތްތަަކުން ޝައުގުވެރިކަން ފާޅު ކުރުމަށް މި ސަރުކާރުގެ ކުރީކޮޅު ހުޅުވާވެސް ލިއެވެ. ނަމަވެސް އެކަން އެއްވެސް ކޮޅެއްގައި ނުޖެހެ އެވެ. އަދި ފަހުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ހައުސިން ޔުނިޓްތައް އިމާރާތްކުރަން ޝައުގުވެރިންކަން ފާޅުކުރަން ހުޅުވާލީ ހަމައެކަނި ޑިމާންޑަށް ބެލުމުގެ ގޮތުން ކަމަށެވެ.

ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެންމެ ފަހުން ފްލެޓްތައް ދިންއިރު ބައެއް ކެޓަގަރީތަކުން ދިން ފްލެޓްތައް އަތުލުމާއި ވަރަށް ދަތި ހާލުގައި އުޅޭ މީހުންނަށްވެސް ފްލެޓް ނުލިބުމުން އެތައް ބައެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.