އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރި ލަނޑާއެކު 1-0 ން މާޒިޔާގެ މައްޗަށް ކާމިޔާބު ހޯދައި މި ސީޒަންގައި މާޒިޔާ ބަލި ކުރި ފުރަތަމަ ޓީމަކަށް އީގަލްސް ވެއްޖެ އެވެ.
އީގަލްސް ހޯދި މޮޅާއެކު އެ ޓީމު ވަނީ އެއް ވަނައިގައި ހިފަހައްޓަމުން ދާ މާޒިޔާއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ކުޑަ ކޮށްފަ އެވެ. އަދި އީގަލްސް ވަނީ ތާވަލުގެ ދެ ވަނައަށް ޖެހިލާފަ އެވެ. މާޒިޔާ އާއި އީގަލްސްއާ ދެމެދު ފަސް ޕޮއިންޓް އެބައޮތެވެ.
މާޒިޔާގެ މައްޗަށް ހޯދި މޮޅާއެކު އީގަލްސްއަށް އަދި އެހެން ހާއްސަ ޝަރަފެއް ވެސް އެބައޮތެވެ. އެއީ މި ސީޒަންގައި މިހާތަނަށް މެޗަކުން ބަލި ނުވާ ހަމައެކަނި ޓީމަކީ އެ ޓީމެވެ.
އީގަލްސްގެ ލަނޑު ސެންޓޭ ކާމޔާބު ކުރީ 31 ވަަނަ މިނެޓްގަ އެވެ. މާޒިޔާގެ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ސެންޓޭ ވައްދާލީ ގޯލްގެ ތިރީ ކަނަށެވެ.
މެޗުގެ ދެ ވަނަ ހާފުގެ ގިނަ ވަގުތު މާޒިޔާއިން ކުޅުނީ އީގަލްސްގެ ހާފުގެ ތެރޭގަ އެވެ. އީގަލްސްއިން އާންމު ގޮތެއްގައި އެޓޭކު އުފައްދާއިރު ގިނަ އަދަދެއްގެ ކުޅުންތެރިން ކުރިއަށް ޖެހިގެން ކުޅޭ ޓީމު، ދެ ވަނަ ހާފުގައި ގިނަ އިރު ކުޅުނީ އަމިއްލަ ހާފަށް ފައިބައިގެން ތިބެ އެވެ. އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ، އޭނާގެ ޓީމުން މެޗު ކުޅުނީ އާންމުކޮށް ކުޅޭ ސްޓައިލް އާ ތަފާތު ގޭމެއް ކަމަށެވެ. އެއީ މެޗުން ކޮންމެހެން މޮޅެއް ހޯދުމުގެ ވިސްނުމުގައި ގޭމް އަތުރާލަން ބޭނުންވި ގޮތް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ކުޅުނީ މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ކުޅޭ ފުޓްބޯޅަ އާ މުޅިން ތަފާތު ގޭމެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "މިއަދު އެންމެ މުހިންމު ކަމެއް ދިނީ ހަމަ ސީދާ ނަތީޖާ އަށް، އަޅުގަނޑުމެން އާންމުކޮށް ކުޅޭ ފުޓްބޯޅައާ މުޅިން ތަފާތު ގޭމެއް، ފުދޭ ވަރަކަށް ޑިފެންސިވް ގޭމެއް، ދެ ވަނަ ހާފުގައި މާޒިޔާއަށް އެންމެ ބޯޅައެއްވެސް އޯޕަން ކޯށް ނުލިބޭވެސް ބުނެވިދާނެ، އައި ހުރިހާ ބޯޅައަކަށްވެސް އަޅުގަނޑުމެން ޖެއްސިން."
މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ، މުޅި މެޗުހެން ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅުނީ މާޒިޔާ ކަމަށެވެ. އޭނާ ބުނީ މާޒިޔާއިން އުފެއްދި ބޯޅަތައް އީގަލްސް ކުޅުންތެރިން ހުއްޓުވީ ގިނަ ފައުލުތަކެއް ކޮށްގެން ކަމަށެވެ. އެ ފައުލުތަކަށް ރެފްރީ އިލްތިމާސް ކުރިނަމަ އީގަލްސް ކުޅޭނީ އެއް ކުޅުންތެރިޔަކު މަދުކޮށް ކަމަށެވެ.
މެޗުގައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) އަށް އަނިޔާ ވެގެން އޭނާއަށް ދަނޑުމަތީގައި ފަރުވާ ދެމުން ދިޔައިރު އޭނާ ދަނޑުން ބާލަން އަށިގަނޑު އަރުވުން ލަސްވެގެން ދިޔަ އެވެ. އެކަމާ މާޒިޔާގެ ބޭންޗުންވެސް ހިތްހަމަ ނުޖެހުނެވެ. ދާދުއަށް އަނިޔާވީ މާޒިޔާއިން ނެގި ހުރަހެއް އީގަލްސްގެ އޭރިއާ ތެރެއިން ބޮލުން ފޮނުވާލަން އުޅުމުގެ ތެރޭގަ އެވެ.