ހަބަރު

އެމްއެމްސީގެ މެންބަރު ކަމުން ޝީރީން އިސްތިއުފާ ދެއްވައިފި

Oct 17, 2019
1

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު ޝީރީން ނާހިދާ ލަތީފް އެ ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްސީން ބުނީ އެ ކައުންސިލްގެ މެންބަރު ކަމުން ޝީރީން އިސްތިއުފާ ދެއްވާފައިވާ ކަމުގެ ސިޓީ އެ ކައުންސިލަށް ލިބުމާ ގުޅިގެން އެ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމަކަށްފަހު އޭނާގެ އިސްތިއުފާ ގަބޫލު ކޮށްފައިވާ ކަމަށެވެ.

އެމްއެމްސީގެ މެންބަރު ކަމަށް ޝީރީން އިންތިހާބު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އިންތިހާބުގަ އެވެ. އެމްއެމްސީގެ މެންބަރުން އިންތިހާބު ކުރަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެމްއެމްސީގެ މެންބަރު ކަމުން ޝީރީން އިސްތިއުފާ ދެއްވިއިރު، ކުރީގެ ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވާ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ކޮމިޓީގައި އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެމްއެމްސީގައި 15 މެންބަރުންގެ ތިބެ އެވެ. އޭގެ ތެރެއިން އަށް މެންބަރުންނަކީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުން އިންތިހާބު ކުރާ މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނެވެ. އަނެއް ހަތް މެންބަރުންނަކީ އާންމުންގެ ތެރެއިން މީޑިއާތަކުން އިންތިހާބު ކުރާ މެންބަރުންނެވެ.