"ޝްރައްދާ ކަޕޫރް އާ ހާދަ ވައްތަރޭ! ބައެއް ފަހަރު ހީވޭ ޑިޝާ ޕަޓާނީ ހެން ވެސް! ހަމަ ރާއްޖެ ކުއްޖެއްތަ؟" މިއީ މި އާ ތަރި ބޮޑު ސްކްރީނުން އެންމެ ފުރަތަމަ ފެނިލުމުން ދިވެހިން ސިނަމާގައި މަޑުމަޑުން ތިބެ ދެއްކި ވާހަކަތަކެވެ. މި އަހަރު މުޅި ސިނަމާގައި އެންމެ ފޯރި ނެގި އެއް ފިލްމު، ޑާކްރެއިންގެ "ގޮށްރާޅުގައި" އައިމިނަތު ރަޝްފާގެ މޫނު އަލަށް ދައްކާލި އެވެ. ސިނަމާއަށް އަލަށެވެ. ނަމަވެސް އެންމެންގެ ފޯނުން މި މޫނު ފެންނަތާ އެތައް ދުވަހެކެވެ. މީގެ އަހަރެއް ކުރިން ޓިކްޓޮކް ފަށައިގެން އުޅުން ދުވަސްވަރު އެންމެ ގަދައަށް ވީޑިއޯ އަޕްލޯޑް ކުރި އެކަކީ ރަޝްފާ ނޫނީ ދިވެހި ސިނަމާގެ އާޝާ އެވެ.
ފޯނުން ނެގި ވީޑިިއޯތަކާއެކު ތަރި އަކަށް އާޝާ ބަދަލުވީ ކުޑަ ދުވަސްކޮޅެއް ތެރޭގަ އެވެ. ފުރަތަމަ ވެސް ލިބުނީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ހައުސް، ޑާކްރެއިންގެ ފިލްމެކެވެ. އެއަށްފަހު ފުރުސަތުތައް އޮހެން ފެށި އެވެ. އެތައް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ލޮލުގައި އަޅައިގަތެވެ. އެންމެ 21 އަހަރު ނަމަވެސް ކެމެރާއަކަށް އަލެއް ނޫނެވެ. ވާހަ ކަދެއްކުމާއި މޫނުމަތީގެ ހަރަކާތްތައް ގެނައުމުގައި ވެސް ވަރަށް ކުޅަދާނަ އެވެ.
މިހާރު ސިނަމާގައި ގަދަކޮށްލައިގެން އުޅޭ ތަރިންނަކަށް އާޝާ ވަކި ދޫ ނުކުރާނެ ކަން ސާބިތު ކުރީ ދެވަނަ ފިލްމުންްނެ އެވެ. ފެށީ ސަޕޯޓިން ރޯލަކުންނެވެ. މާ ގިނަ ހަރުފަތްތަކެެއް ގިިރާ ނުކޮށް މިހާރު އޮތީ ބޮންތިއާ ހަމައިގަ އެވެ. ޑައިރެކްޓަރު އަހްމަދު ޝިނާންގެ އާ ފިލްމު "ބަޅިނދު" ގެ ލީޑް ރޯލުން ފެންނާނީ އާޝާ އެވެ.
އާޝާގެ މި ކުރު ތައާރަފުން އަދި ނުނިމޭނެ އެވެ. މީޑިއާ ދުރުން އުޅުނަސް މިފަހަރު މިއޮތީ އާޝާ ރަސްމީކޮށް ނުދައްކާ އެތައް ވާހަކަ އެއް ހިއްސާ ކޮށްފަ އެވެ. އެންމެންވެސް އަބަދު އަހާ އާޝާގެ ބައެއް ޕާސަނަލް ވާހަކަތައް ވެސް މެ އެވެ.
މާލެ އައީ ހަމަ ފިލްމު ކުޅެންތަ؟
މާލެ އައީ ސީދާ ފިލްމު ކުޅޭކަށް ނޫން. ރަށުން [ގދ. ގައްދޫ] ކިޔަވައިގެން ލަންކާ އަށް ދިޔައީ ޑިޕްލޮމާ ހަދަން. އޭވިއޭޝަން އިން. ދެން ޑިޕްލޮމާ ނިންމާފަ މާލެ އައީ ވަޒީފާ އަކަށް. މާލޭގަ ދައްތައެއް ކައިރީ އެހެން ހުއްޓަ ފިލްމަށް ޗާންސް ލިބުނީމަ ހިތަށް އެރީ ޓްރައިއެއް ދޭން. އެއީ އެކްޓް ކުރުމަކީ އާޝާ އަބަދުވެސް ކުރާ ކަމަކަށް ވާތީ ހޮބީ އެއްވީމަ އަސްލު.
ގޮށްރާޅަށް ޗާންސް ލިބުނީ ކިހިނެތް؟ ކިހާ ވަރެއްގެ ރޯލަކަށް އުއްމީދު ކުރީ؟
ގޮށްރާޅު ކުޅެން ލިބުނީ ފްރެންޑެއްގެ ފަރާތުން. އާޝާ ފްރެންޑެއް އެއީ. ދެން އޭނަ ބުނެގެން ދިއައީ ޕްރޮޑިއުސަރުންނާ މީޓް ކޮށްލަން. އޮޑިޝަން އަކަށް ނޫން. ހަމަ ދިމާވެލަން އަންނާށޭ ބުނީމަ ދިޔައީ. ދެން ލައިންސް ޕްރެކްޓިސް ކޮށްވެސް އެ ދުވަހަކު ނަހަދާ. ފަހުން ރިހާސަލްތައް ޖެއްސީ. ދިޔަ އިރުވެސް އެނގޭ ލީޑަކަށް ނޫންކަން. އެއީ ޑާކްރެއިން ވެފަ، އެހާ ފަަސޭހައިން ލީޑް އެއް ނުލިބޭނެކަން އެނގޭ. ހީކުރީ ލޯބީގެ ރޯލަކަށް ކަމަށް އަސްލު. އެކަމަކު އޯކޭ. ސަޕޯޓިން އެއް ލިބުމުންވެސް އެއީވެސް އަސްލު ބޮޑު އެއްޗެއް.
މިހާރު މަސައްކަތް ކުރާ ފިލްމުގެ ތައާރަފެއް ދީބަލަ؟
ދެން އެންމެ އަވަހަށް ފެންނާނީ ބަޅިނދު އިން. އެއީ ހަމަ ޑާކްރެއިން އިން ޕްރޮޑިއުސް ކުރާ ފިލްމެއް. މި ފިލްމަކީ ބިރުވެރި ފިލްމެއް. އާޝާ އާއެކު ޖުމައްޔިލް، ޖުމާހް، ޝަރާ، ހުނޭޝާ ވެސް ފެންނާނެ. އަންނަ އަހަރު ރިލީޒް ކުރާނީ.
ޑައިރެކްޓަރުން އުއްމީދު ކުރާ ލެވެލްގައި "ބަޅިނދު" ދަައްކާލެވޭނެތަ؟
މިއީ ކުރިންވެސް ވަރަށް ކުރާ ހިތްވި ކަމެއް ވީމަ ކޮންމެ ކަހަލަ ރޯލެއް ވިޔަސް ކުޅެލާނަން. ބިރުވެރި ފިލްމެއް ވީމަ އެކްސްޕެކްޓޭޝަންސް ހައިވާނެ. އެކަމަކު ޓީމާއެކު ވޯކް ކޮށްގެން ހަމަ އެންމެ ބެސްޓް ދީގެން އެކްޓް ކުރާނަން. ފޭނުން ޑިސަޕޮއިންޓް ނުވާނެ ވަރަށް. ސީނިއާސް އާއެކީގަ ވޯކް ކުރާއިރު ވެސް ވަރަށް ކިޔައިދޭނެ އެއްޗެހި. ރަނގަޅު ކުރަންވީ ތަންތަންވެސް.
ޖުމައިލް އާ ލޯބީގެ ގޮތުންް ގުޅިގެންތަ ތިއުޅެނީ؟
ޖުމައިލް އާއެކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނިން. މިހާރު އެކަމަކު އެކުގަ އެއް ނޫން.
ބޭބެ އާ ކޮއްކޮގެ ގޮތުގައި ޖުމައިލް އާއެކު ގޮށްރާޅުގަ މަސައްކަތް ކުރި އިރު އުނދަގޫވިތަ؟
ފުރަތަމަ އުނދަގޫވި މަސައްކަތް ކުރަން. މިހާރު އުނދަަގުލެއް ނޫން، ވަރަށް ފަސޭހަ. ޖުމައިލްއާ ރައްޓެހިވެގެން އުޅެފަ ރުޅިވިއަސް ދެން މިހާރުވެސް އެކީ އެއް ފިލްމެއްގަ ވޯކް ކުރަނީ މި. އެކަމަކު މަސައްކަތް ކުރާއިރު ޝޫޓިންސް އަށް ގޮސް އުޅޭއިރު ޕްރޮފެޝަނަލިޒަމް ހިފަހައްޓަން. ޕާސަނަލް ލައިފް އެއީ އަދި ވަކި އެއްޗެއް. އެހެން ނުބުނެވޭނެ އުނދަގޫވެޔޭ އެއް.
ބޮޑު މައްސަލަ އެއް ޖެހިގެންތަ ރުޅިވީ؟ ހީކުރިންތަ ރުޅިވުމަށްފަަހު ދެން ދުވަހަކުވެސް އެކުގަ މަސައްކަތް ނުކުރެވޭނޭ؟
އެހެންްނެއް ހިޔެއް ނުކުރަން. އެއީ ދެން އެނގޭ ފޭސް ކުރަން ޖެހޭނެކަން. އެކަމަކު ޕްރޮފެޝަނަލް ވާންޖެހޭނެ ދޯ؟ ރުޅިވީ އަސްލު، އާޝާ އާ ޖުމައިލްގެ ތަަފާތުތަކެއް ހުރޭ. ޕާސަނަލިޓީ ވެސް ބިހޭވިއާ ވެސް މާ ބޮޑެއް ނޫން، ކޮންމެވެސް ވަރެއްގެ ޑިފަރެންސް އެއް. އެކަމަކު ރުޅިވީ ސީދާ އެހެން ވެގެނޭ ވެސް ނުބުނެވޭނެ. ވޯކް އައުޓް ނުކުރީމަ ދެން ހަމަ ދުރުވީ ދެމީހުން!
އާޝާގެ ފޭން ބޭސް އޮތީ ޓިކްޓޮކްގައިތަ ސިނަމާގަތަ؟
ޓިކްޓޮކް ވީޑިއޯތައް އިންސްޓަގްރާމް އަށް ލީމަ އަސްލު ފޮލޯވާސް ވެސް ގިނަވީ. މިހާރު 29 ކޭ. އޭރު ވަރަށް ގިނައިން ޓިކްޓޮކް ހަދަން. ދެން މާލެ އައިސް ވެސް އެހެން ޓިކްޓޮކް ހަދާނެ، އެކަމަކު މިހާރު ވަގުތެއް ނުވޭ. ވަރަށް ބިޒީ ކޮށް މިއުޅެނީ އަސްލު. ދެން ފިލްމުން ވެސް ހީކުރިވަރަށް ވުރެ ބޮޑަށް ރަަނގަޅު ފީޑްބެކް އެއް ލިބުނީ. ރަށްރަށުން ވެސް ހަމަ ވަރަަށް ސަޕޯޓް ލިބޭ. އީދުގަ ގޮސް އުޅުން އިރުވެސް ވަރަށް ސަޕޯޓް ލިބުނު.
ފިލްމީ ދާއިރާ ދޫކޮށް ދާނަންތަ؟ ކެބިން ކްރޫ އަަކަށް ވާން ކިޔަވާފައޭ ބުނީމަ މިހެން މި އެހީ؟
އަދި ހަމަގައިމުވެސް ނުދާނަން ދުރަކަށް. ހިޔެއް ނުވޭ ދުރުވެވޭނެ ހެން. މިހާރު ހަމަ ބޭނުންވަނީ ދާއިރާގަ މަޑުކޮށްލާފަ ފިލްމުތައް ކުޅެން. އެކަމަކު ކެބިން ކްރޫ އަކަށް ވުމަކީވެސް އަޅުގަނޑު ވަރަށް ބޭނުންވި ކަމެއް. މޭބީ ސިކްސް ވަރަކަށް އަހަރު ފަހުން ކެބިން ކްރޫ އެއްގެ ގޮތުގަ ވެސް ފެނިދާނެ. މިވަގުތު ހުސްވެގެން މިހުރީ ހަމަ ފިލްމުތަކަށް.