ހަބަރު

ބްރޯޑްކޮމްއާ މީޑިއާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި

Oct 21, 2019
1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގައި ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބުވި ޝީރީން ނާހިދާ ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. އަދި ބްރޯޑްކޮމްއަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެ ކޮމިޝަންގެ މެންބަރުކަމުން ފާތިމަތު ޒައިނާ ވަކި ކުރުމުންނެވެ.

އެގޮތުން ހޯމް މިނިސްޓްރީ އިން ބުނީ އާންމުންގެ ތެރެއިން އިންތިހާބުވާ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި މަހުގެ ނިޔަަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތުތަކު ތެރޭގައި ގާނޫނީ ދާއިރާއާ، ދިވެހި ބަހުގެ ދާއިރާއާ، އިންސާނީ ހައްގުތަކުގެ ދާއިރާ އަދި ދީނީ، އިޖްތިމާއީ ނުވަތަ ސައިންސަސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ މިއަދުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުމާއި ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއަށް މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި އެ ދެ މުއައްސަސާ އެއްކޮށްލުމުގެ މަސައްކަތް އެބަ ހިނގަ އެވެ.