ހަބަރު

ބިޑަށް ނުލައި ގުޅިފަޅު ހިއްކަން ދިން މައްސަލަ ކޮމިޓީން ބަލަނީ

Oct 23, 2019

ގުޅީފަޅުގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ހެދުމުގެ މަސައްކަތް ކުރަން ގުޅިފަޅު ހިއްކަން ބިޑަށް ނުލައި ކުންފުންޏަކަށް ހަވާލު ކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

ބިޑަށް ނުލައި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ދިނީ ހޮލެންޑްގެ ބޮސްކާލިސް ކުންފުންޏަށެވެ. އެ ކުންފުންޏަށް އެ މަޝްރޫއު ހަވާލު ކުރީ 53 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 817 މިލިއަން ރުފިޔާ) އަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށަހެޅުއްވީ އެ މަޝްރޫއު ސަރުކާރުން ހަވާލު ކުރި ގޮތް ބެލުމަށް އޭގެ މައުލޫމާތުތައް ކަމާ ބެހޭ މުއައްސަސާތަކާއި މިނިސްޓްރީން ހޯދާށެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ވޯޓުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ބިޑަށް ނުލައި ކުންފުންޏަކަށް ހަވާލު ކުރުމުން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ކަނޑައަޅާ މަޝްރޫއެއް ހިންގަން ބިޑް ކުރުމަކާ ނުލައި ކެބިނެޓުން ނުވަތަ ކެބިނެޓްގެ
ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ކުންފުންޏަކަށް ހަވާލު ކުރެވިދާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ވެ އެވެ. މާލިއްޔަތު ގަވާއިދު އެހެން އޮތުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އޮވެ އެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސް އަށް ދިންއިރު ރާއްޖޭގައި ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެމްޓީސީސީއަށް އަށް ހޯދާފައިވާ މަހާޖައްފާރުގެ ޑްރެޖަރެއް ވެސް އޮވެ އެވެ.