ފޮރިން މިނިސްޓްރީ

ނާމް ސަމިޓް މިނިސްޓީރިއަލް މީޓިންގައި ފޮރިން ސެކްރެޓަރީ ބައިވެރިވެއްޖެ

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނައިން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މި ބައްދަލުވުމަކީ ނަން-އެލަންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. ބާކޫގައި އޮންނަ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް މިމަހުގެ 24 ވަނަ ދުވަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަޒަރްބައިޖާނަށް ވަޑައިގަންނަވާނެ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ ގަފޫރު ވިދާޅުވީ ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މެމްބަރު ގައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށެވެ. އަދި ގައުމުތަކާއި ގުޅިގެން މައްސަލަތަކަށް ހައްލު ހޯދުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކަކީ މުޅި ދުނިޔެއަށްވެސް އަދި ޚާއްސަކޮށް ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ވިދާޅުވިއެވެ. އެހެންކަމުން ތިމާވެއްޓާއި ރައްޓެހި އިގްތިސާދަކަށް ބަދަލުވުމަށް ގައުމުތަކުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ހަމައެއާއިއެކު، ގަފޫރުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން މި ބައްދަލުވުމުގައިވެސް ހާމަކުރެއްވިއެވެ.