އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި ދޯނި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފުވެފައިވާތީ ޖޫރިމަނާކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އުތުރުން ރާއްޖެއާއި އިންޑިއާއާއި ގުޅޭ ކަނޑުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާ ސަރަހައްދަށް ވަދެ މަލިކުކައިރިން މަސްވެރިކަން ކުރަނިކޮށް މި މަހު ކުރީކޮޅު އަތުލައިގެންފައިވަނީ ށ. ކޮމަންޑޫ އަށް ނިސްބަތްވާ "އަންބަރީ" ނަމަކަށް ކިޔާ ދޯންޏެކެވެ.
ނަމަވެސް، ދިވެހި ސަރުކާރު މެދުވެރިގެން އިންޑިއާ ސަރުކާރުން ވަނީ އެ ދޯންޏާއި އޭގައި ތިބި ފަޅުވެރިން ދޫކޮށްލައިފަ އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އުޅަނދަށް އިދާރީގޮތުން ފިޔަވަޅުއެޅުމަށް ނިންމައި އުޅަނދުގެ ވެރިފަރާތް "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު"ގެ 73 ވަނަ މާއްދާގެ (ށ) ގެ ދަށުން 50،000 ރުފިޔާ ( ފަންސާސްހާސް ރުފިޔާ) އިން ވަނީ ޖޫރިމަނާކުރެވިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެގޮތަށް ނިންމާފައިވަނީ މަސްވެރިކަން ކުރުމަށް މިހާރު ދޫކުރަމުންދާ ލައިސަންސްގެ ދަށުން ދޮށީގެ މަސްވެރިކަމުގައާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް އުޅަނދެއް ރާއްޖޭގެ ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަޙައްދުން ބޭރުގައި ހަރަކާތްތެރިވުމަކީ ލައިސަންސްގެ ޝަރުތުތަކުގެ ދަށުން މަނާކަމަކަށްވާތީ ކަމަށެވެ.
އަދި ހާއްސަކޮށް ހުއްދަނެތި އެހެންގައުމެއްގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކުރުމަކީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ އާއި، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި، މުއާހަދާތަކާއި ހިލާފު ކަމެއް ކަމަށެވެ.
އަދި މިފަދަ އަމަލުތަކަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރެއް ކޮށްފާނެކަމެކެވެ،" ބަޔާނުގައި ބުންޏެވެ.
އަދި މިފަދަ ގާނޫނާ ހިލާފު އަމަލުތަކަކީ އުޅަނދު ބައިނަލްއަގުވާމީ ގޮތުން ބްލެކްލިސްޓް ކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އޮތްކަމަކަށް ވުމާއެކު، އެއީ އުޅަނދުގެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަކަށް އެކަމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެކަމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، ދިވެހި މަސްވެރި އުޅަނދުފަހަރު ގާނޫނާއި، ގަވާއިދާ ހިލާފަށް އެފަދަ އަމަލުތައް ނުހިންގުމަށާއި އެފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.