ފޮރިން މިނިސްޓްރީ

ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު ސާފުކޮށްދޭން އެދިއްޖެ

އިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އެރި ސަބަބު ލިޔުމުން ސާފުކޮށްދިނުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވަނީ އަވަސް އަށް މިކަން ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް މިކަމުގައި އިންޑިއާ ސަރުކާރުގައި އެދުނު ވަކި ދުވަހެއް ސާފެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް މިކަމުގައި އިތުރު ފިޔަވަޅެއް އަޅަންޖެހޭ ނަމަވެސް އެޅޭނީ މިކަމުގެ ސަބަބު ސާފުވީމާ. އެހެންވީމާ އެ ސަބަބު ސާފުކޮށްދިނުމަށް އެދިފައިވާނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އެރި ސަބަބު ލިޔުމުން ސާފުކޮށްދިނުމުން ދިވެހި ސަރުކާރުން ދެން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.

ދިވެހި މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. އެ ޔޫނިއަނުން މިއަދު ވަނީ އެ ދޯނިތަކުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވީޑިއޯވެސް އާންމުކޮށްފަ އެވެ.

ރާއްޖޭގެ ކަނޑު ސަރަހައްދުގައި ދިވެހި މަސް ދޯނިތައް ހަރަކާތްތެރިވަނިކޮށް އިންޑިއާ ސިފައިން މިދިޔަ ދުވަހު އަރައި ބަލައި ފާސްކޮށްފައިވަނީ ދިވެހި ތިން މަސް ދޯންޏަކަށެވެ. އެއީ "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏެވެ.