AVAS PHOTO ESSAY

ޑަބަލްޑޮޓްގެ މި ފޮޓޯތައް ބަލަންވާނެ!

ކަނޑުފަޅުގެ ދިރުންތަކުގެ އެއް ބަޔަކީ މުރަކަ އެވެ. މުރަކަތައް އެކަތި އަނެކައްޗާ ގުޅި ކޮންމެ އެއްޗަކަށް ތަފާތު ކުލައެއް ލިބިފައިވާ އިރު އެއީ ކަނޑު އަަޑީގެ ރީތި ބަގީޗާ ތަކެވެ. ކަނޑުގެ އަޑީގައި ފީނާ އެތައް ވަގުތެއް ހޭދަ ކުރާ ޑައިވަރުން ވެސް ބުނަނީ އެހެނެވެ. މުރަކައިގެ ގެތަކުގައި ދިރިއުޅޭ އެކި ފާޑު ފާޑުގެ މަސްމަހާމެއްސާއި ކަނޑުގެ ދިރުންތައް ބަލައިލަން ފީނާ ކޮންމެ މީހަކު ވެސް ބޭނުންވަނީ އެ ރީތި މަންޒަރުތައް ދެކިލާށެވެ. ކަނޑުގެ ދިރުންތަކާ ގުޅިފައިވާ މުރަކަތައް މަރުވުމާއި ކޮރަލް ބްލީޗިންގެ ބޮޑު މެސެޖު ރާއްޖޭގެ އިންޓަނޭޝަނަލް ފޮޓޯގްރާފަރު މުހައްމަދު އަޒްމީލް ނުވަތަ "ޑަބަލްޑޮޓްއެމްވީ" ދައްކުވައިދެނީ އެންމެން ވެސް ބަލަން ބޭނުންވާނެ ގޮތަަކަށެވެ.

"ވައިޓް ފަޔާ" އެގްޒިބިޝަންގެ މުހިންމު ފޮޓޯ: މި އެގްޒެބިޝަންގެ ހުރިހާ ފޮޓޯއެއް ރާއްޖެއިން ބޭރަށް ގެންދާނެ -- އަބްދުﷲ ޝަފީއު | އަވަސް

ގާ ހުދު ވުމާއި މަރުވުމުގެ ވާހަކައަކީ ކުރިން ވެސް މިހާރު ވެސް ބޭރުގެ އެންވަޔަރަމެންޓަލިސްޓުން ރާއްޖެ އައިސް ދައްކާ ވާހަކަ ތަކެވެ. އެއީ ވަމުންދާ ކަމެއް ކަމާއި ގާ ނެގުމާއި ގުޅުންހުރި މައްސަލަތަކުގެ އަސްލު ދިވެހިންނަށް ބުނެދޭތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ. އެންމެން ވެސް އުޅެނީ އޭގެ ބޮޑު މަންޒަރު ދައްކުވައި ދެވޭތޯ އެވެ.

"ވައިޓް ފަޔާ" އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ފޮޓޯތަކެއް: މި ފޮޓޯތަކުން ދިވެހިންނާއި ދިވެހިންގެ ތިމާވެއްޓަށް ވަރަށް މުހިންމު މެސެޖެއްދީފައިވޭ -- އަބްދުﷲ ޝަފީއު | އަވަސް

އަޒްމީލް ވެސް ކިޔައިދެނީ ހަމަ އެވާހަކަ އެވެ. އެކަމަކު އޭނާ އެ ވާހަކަތައް ކިޔައިދެނީ ތަފާތު އުކުޅެއް ބޭނުން ކޮށްލައި ގެނެވެ.

އަޒްމީލް ބުނި ގޮތުގައި އެގްޒިބިޝަނެއް ބާއްވައި މުރަކަތަކެއް އަަތުރައި މީހުން ގެންގޮސް ފަރުތައް ހަލާކު ވަމުންދާ ވާހަކަ ދެއްކިޔަސް އެކަން ގަބޫލު ކުރަން ވެސް އަދި ބަލާނެ މީހަކު ނުވާނެ އެވެ. ބެލިއަސް މާ ބޮޑު އަސަރެއް ނުކުރާނެ އެވެ. އެހެންވެ އަޒްމީލް ބެލީ އޭނާގެ ސްޓައިލުގައި އެ މެސެޖް ސިކުނޑިއަށް ލައިދެވޭތޯ އެވެ.

އަޒުމީލްގެ "ވައިޓް ފަޔާ" އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް: މުޅި އެގްޒެބިޝަން ހާއްސަކޮށްފައި ކޮރަލް ބްލީޗިންއަށް -- އަބްދުﷲ ޝަފީއު | އަވަސް

އަޒްމީލްގެ ހާއްސަ މެސެޖްގެ ނަމަކީ "ވައިޓް ފަަޔާ" އެވެ. އެ ނަން ބޭނުން ކޮށްގެން އޭނާ އާޓް ގެލަރީގައި މިދިއަ ހަފުތާގައި ބޭއްވި އެގްޒިބިޝަންގައި ތަފާތު 10 ފޮޓޯ ގަނޑެއް އަތުރި އެވެ. އެއީ ހުދު މުރަކައާ އެކުގައި މޮޑެލް އެކެވެ.

ކޮންމެ މުރަކަގަނޑަކީ ވެސް ދިރުމެއް ހުރި އެއްޗެއްކަން ފެންނަ ކަހަލަ ގޮތަކަށް މީހުން ބޭނުންކޮށްފައި ވެއެވެ. ބައެއް ފޮޓޯތަކުގައި މުރަކަތަކާއެކު މީހުން ކެމޮފުލާޖް ކޮށްފައި ހުއްޓެވެ.

އެ ފޮޓޯތަކުން ފެންނަ މޮޑެލުންގެ މޫނުމަތީން އެއްވެސް އުފާވެރިކަމެއް ނުފެނެ އެވެ. މުޅީން ފެންނަނީ ނުތަނަވަސް ކަމާއި ހާސް ކަމާއި ބިރުގެންފައިވާ ތަނެވެ. ފަނާވެ ނެތި ދިއުމުގެ ބިރުގަތުމެއް ސިފަވާ ފަދަ ބެލުމެއް އެ މޮޑެލުންގެ އެކްސްޕްރެޝަނުން ދައްކުވައިދެ އެވެ. އަދި އެކުދިންނާއެކުގައިވާ ހުރިހާ މުރަކަ އެއްހެން ވަނީ ހުދުވެފަ އެވެ. އިތުރު ކުލައެއް ދެން ނުފެންނާނެ ގޮތަކަށް މުޅީ މަރުވެފަ އެވެ.

އަޒްމީލްގެ އެގްޒެބިޝަންގައި ހިމެނި މުހިންމު މެސެއްޖެއް ދީފައިވާ ފޮޓޯއެއް -- އަބްދުﷲ ޝަފީއު | އަވަސް
ކަނޑުފަޅުގެ ދިރުންތައް އަހަރެމެންގެ މުއްސަނދި ތިމާވެށި ހަލާކުވަމުންދާ ގޮތް މި އެގްޒަބިޝަނުން ދައްކުވައި ދިން

ބައެއް މުރަކަތަކުގައި މީހަކު ފެންނަވަރު ވަނީ ކިރިޔާ އެވެ. އެކަމަކު އެއީވެސް އިރެއްގައި ރީތި ކުލަތައްޖެހި ދިރުމެއް ވެސް ހުރި މުރަތަކެއް ކަން އެނގެ އެވެ. ހުރިހާ މުރަކައެއް ހުދުވެފަ އެވެ.

ދިވެހިންނަށް އަޒްމީލް ދޭން ބޭނުންވީ މި މެސެޖެވެ. ބޭނުންވީ ކުރިއެކޭ އެއްގޮތަށް މުރަކަތައް ހުދުވާކަން އަންގައިދޭށެވެ. އެތައް އަހަރަކުން ހެދި ބޮޑުވި ދިރުންތައް ދުވަސްކޮޅެއް ތެރޭ ހުދުވެ މަރުވެ ނެތި ދަނީ އަހަރެމެންގެ އަމަލުތަކުން ކަން އަންގައިދޭން ބޭނުންވީ އެވެ. ގުދުރަތީ ވެށި ހަލާކުކޮށްލައިގެން މާއްދީ ބޭނުމަށް ނަގަމުންދާ މުރަކަތައް ތަންތަނުގައި ވިއްކަން ބެހެއްޓެންވީ ކޮން ސަބަބަކާ ހުރެތޯ އަޒްމީލް ސުވާލު ކުރަނީ އޭނާގެ ތަސްވީރުތައް ބޭނުން ކޮށްގެނެވެ.

އަޒްމީލްގެ "ވައިޓް ފަޔާ" އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ފޮޓޯތަކުގެ ތެރެއިން ފޮޓޯ އެއް -- އަބްދުﷲ ޝަފީއު | އަވަސް

ބަލައިބަލާށެވެ؛ އެ ފެންނަނީ މީގެ ކުރިން ރީއްޗަށް ލެތްޕިފައި އޮންނާނެ ރިނދައްޔެކެވެ. ފިސާރި އަގު ވެސް ހުންނާނެ ރިނދައްޔެކެވެ. އެތެރޭގެ ވިދުންވެސް ގަދަވެފައި ބަބުޅާނެ އެވެ. އަދި ބޮޑަށް ހުޅުވާލައިފިތަ؟ ދެން ފެންނާނީ އެތައް ރުފިޔާ ހާހަކަށް ވިއްކާލެވޭނެ އަގުހުރި މުތެކެވެ.

އަޒްމީލް އަތުރައިދިން ފޮޓޯގައިވާ ރިނދަލީގައި ދިރުމެއް ވެސް ވިދުމެއް ވެސް ނެތެވެ. އިތާގެ ރިނދަލި ދެފަޅި ކޮށްލުމުން އޮންނަ މުތް ވެސް އެއޮތީ މަރުވެ، ހަރުވެ ދުވަސްވެފަ އެވެ. އަދި ކައިރިން ބަލައި ބަލާށެވެ. އިތާ ފަޅީގައި ތަތްވެފައި އެއޮތީ ބޮޑު ސިންގާ ޕްލާސްޓިކް ގަނޑެކެވެ. މިއީ އެންމެ ރިނދަައެއް ނޫނީ އެންމެ އިތާ ފަޅިއެކެވެ. މީގެ އެތައް ރިނދައެއް އެތައް އިތާ ފަޅިއެއް ކަނޑާއި ވިލާއި ފަޅުގެ އަޑީގައި ވާނެ އެވެ. އަޒްމީލް ބުނާ ވާހަކައަކީ މިއީ އެވެ.

އަޒްމީލްގެ "ވައިޓް ފަޔާ" އެގްޒިބިޝަންގައި ބޭނުން ކުރި މުހިންމު ފޮޓޯއެއް: މުޅި އެގްޒަބިޝަނަށް ބޮޑު ހޭދައެއް ކޮށްފައިވޭ -- އަބްދުﷲ ޝަފީއު | އަވަސް
އަޒްމީލްގެ "ވައިޓް ފަޔާ" އެގްޒިބިޝަންގައި ބޭނުން ކުރި މުހިންމު ފޮޓޯއެއް: މުޅި އެގްޒަބިޝަނަށް ބޮޑު ހޭދައެއް ކޮށްފައިވޭ -- އަބްދުﷲ ޝަފީއު | އަވަސް

އަދި ބަލައިބަލާށެވެ. ހިތަށް އަރާނީ އެންމެ ސުވާލެކެވެ؛ މުރަކަ ހުދުވުމާ މުރަކަ ނެގުމާބޭހޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވަން ބޭނުންވި އެގްޒިބިޝަނެއްގައި އަސްލު މުރަކަ ބޭނުންކޮށްފައި މި ހުރީ ކީއްވެގެން ހެއްޔޭ އެވެ؟ އެއަކީ ވެސް ދޮގެއްވާ ނޫނެވެ. އެކަމަކު ކިތަންމެ ކައިރިން ބެލިއަސް އެއަކީ އަސްލު މުރަކަތަކެއް ނޫނެވެ. އެއީ ރާއްޖެއިން ބޭރުން އަޒްމީލް ބޭނުންވާ ގޮތަށް ތައްޔާރު ކޮށްފަައިވާ އާޓިފިޝަލް މުރަކަތަކެކެވެ. އޭނާ ދިވެހި ފަޅުތަކުން ހަމަ އެންމެ މުރަކަގަނޑެއް ވެސް ނުނަގަ އެވެ. އެ ޔަގީންކަން އަޒްމީލް ދެ އެވެ. އެކަމަކު މި "ފޭކް މުރަކަތައް" ޑީޓެއިލް ކަމުން އަސްލު ހަގީގަތާ ވަރަށް ކައިރިއަށް ގެންގޮސްދެ އެވެ.

މާލޭގެ އާޓްގެލަރީގައި މިދިއަ ހަފުތާގައި ނިންމާލި ފޮޓޯ އެގްޒިބިޝަންގައި ބެހެއްޓި ފޮޓޯގަނޑަކަށް މީހަކު ބަލަހައްޓައިގެން: މި އެގްޒެބިޝަނަށް މީހުންގެ ސަމާލުކަން ދިޔަ -- އަބްދުﷲ ޝަފީއު | އަވަސް

އަޒްމީލްގެ މި ޕްރޮޖެކްޓަކީ އޭނާގެ އެންމެ ފުރަތަމަ ސޯލޯ އެގްޒިބިޝަނެވެ. ރާއްޖޭގެ ލޯކަލް އާޓިސްޓުން ހިމަނައިގެން ދިން މި ބޮޑު މެސެޖުގެ ފަހަތު މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރީ ރުތުބާ އަހްމަދު އެވެ.

މި 10 ފޮޓޯގަނޑު ނަގަން އެތައް ގަޑި އިރެއް ހޭދަ ކުރި އިރު މުޅި ޕްރޮޖެކްޓަށް ބައި ލައްކައެއްހާ ރުފިޔާ ހަރަދުކުރި އެވެ. މިއީ އަޒްމީލްގެ އެންމެ ބޮޮޑެތި ޕްރޮޖެކްޓުތަކުގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.

އަޒްމީލްގެ "ވައިޓް ފަޔާ" އެގްޒިބިޝަންގައި ބޭނުން ކުރި މުހިންމު ފޮޓޯއެއް: މުޅި އެގްޒަބިޝަނަށް ބޮޑު ހޭދައެއް ކޮށްފައިވޭ -- އަބްދުﷲ ޝަފީއު | އަވަސް

ހުދު މުރަކައިގެ މި ފޮޓޯތައް ހިފައިގެން އަޒްމީލްގެ މިސްރާބު ދެން އޮތީ ރާއްޖޭން ބޭރަށެވެ. އަހަރުގެ ފަހުކޮޅު ޖުމެއިރާ ވިޓަވެލީގައި މި އެގްޒިބިޝަން ބާއްވާނެ އެވެ. އަންނަ އަހަރު ދެން ގެންދާނީ އިނގިރޭސި ވިލާތުގެ ލަންޑަނަށެވެ. އެހެން ނޫނީ ދުބާއީ އަށެވެ. ވިހިވިހީގެ މާޗު މަހު ޖަރުމަނުގެ ބާލިންގައި މި ފޮޓޯގަނޑުތައް އަތުރާނެ އެވެ.