ފިނިޕޭޖް

މީރާ އާއި ޔާމިންގެ ސިލްސިލާ އަށް އެންމެފަހުން ލޯބި ނިމުމެއް!

މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު އާއި އޭނާގެ އެއްއިރެއްގެ ލޯބިވެރިޔާ ޔާމިންގެ ޑުއެޓް ޕާފޯމެންސްތަކަކީ އަޑުއަހައި ފޫހިވާނޭ ލަވަތަކެއް ނޫނެވެ. ދެ މީހުން ލޯބިން ގުޅިގެން އެކުގައި ހޭދަކުރި ދުވަސްތަކުގައި ރިކޯޑްކޮށް އާންމުކުރި ކަވާ ސޯންގްސްތަކަށް އާންމުންގެ މެދުގައި ލިބުނު ތަރުހީބު މި ވާހަކަ އަށް ފުދެ އެވެ.

ކޮންމެއަކަސް މީރާ އާއި ޔާމިންގެ ލޯބީގެ ސިލްސިލާ ނިމުމަކަށް އައިގޮތަށް ދެ މީހުންގެ ޑުއެޓް ޕާފޯމެންސްތަކަށް ވެސް މި ވަނީ އެންމެފަހުން ނިމުން އައިސްފަ އެވެ.

މީރާ މިކަން އިއުލާނުކޮށްފައި ވަނީ ޔާމިންއާ އެކު އަލަށް ރިކޯޑްކޮށްފައިވާ ކަވާ ސޯންގެއް މިއަދު ހެނދުނު ފޭސްބުކްގައި ޕޯސްޓްކުރުމަށް ފަހު އެވެ. މީރާ ބުނެފައި ވަނީ ޔާމިން އާއި އޭނާގެ އިތުރު ޑުއެޓް ޕާފޯމެންސެއް ދެން މިގޮތަށް އަޑުއިވުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

މިފަހަރު ދެ މީހުން ރިކޯޑްކޮށްފައި ވަނީ ހިންދީ ލަވަ "ދީރެ ދީރޭ ސޭ" ގެ ރާގަށް އަލީ ރަމީޒް ކިޔާފައިވާ ދިވެހި ލަވަ "ހާދަ ލޯބިންނޭ" އެވެ.

"އަހަރެމެން ދެ މީހުން ތިބީ މި ލަވައެއްގެ ކަވާއެއް ރިކޯޑްކުރަން އަބަދުވެސް ބޭނުންވެފައި. އެކަމަކު ހާލަތާއި ވަގުތާއި ތަންނުދީ އެފަދަ ފުރުސަތެއް ލިބިފައި ނުވަނީ މިދިޔަ ދުވަސްތަކުގައި. އެކަމަކު އެންމެފަހުން މި އޮތީ އެ ލަވަ،" ރަސްމީ ފޭސްބުކް ޕޭޖުގައި މީރާ ބުނެފައިވެ އެވެ.

މި ކަވާ ސޯންގެއް މީރާ އާއި ޔާމިން އާންމުކޮށްފައި މި ވަނީ ދެ މީހުން އެކުގައި މިފަދަ ލަވައެއް ރިކޯޑްކޮށް އާންމުނުކުރާތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްކޮށްފަ އެވެ.

މި ލަވަކިޔުންތެރިން ކުރިން ކަވާކޮށްފައި ވަނީ "ޔާރު މި ވަނީ ލޯތްބޭ ހަގީގީ" އާއި "ތީ ތީއެ މަގޭ" މި ލަވަ އެވެ. މި ދެ ލަވަ އަށް އެހުންތެރިންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔަ އެވެ.