މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި މޯލްޑިވިއަން އައިޑޮލްއިން ވިދާލި އަބްދުﷲ ފާލިހުގެ ކައިވެންޏަކީ މިފަހުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓު އެއް ކަމެވެ. ދެ ތަރިން ކައިވެރިނިކުރި ހަފުލާގެ ފޮޓޯތައް މީރާ އާންމު ކުރަމުން ދިޔަ އެ ފޮޓޯތަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ އެވެ.
މީރާ އާއި ފާލިހުގެ ސަޕޯޓަރުންނަށް މިފަހަރު މިވަނީ ވަރަށް ބޮޑު ހަދިޔާއެއް ދީފަ އެވެ. އެތައް ބަޔަކު ބަލާލަން ބޭނުންވެފައި ތިބި، މީރާ އާއި ފާލިހުގެ ހާއްސަ މަންޒަރުތައް ލަވައެއްގެ ސިފައެއްގަ އެވަނީ ސަޕޯޓަރުންނަށް ދޫކޮށްލާފަ އެވެ.
މީރާ އާއި ފާލިހުގެ ކަވާ ލަވައެއް މިއަދު ވަނީ ނެރެފަ އެވެ. އެ ކަވާއަކީ ވަރަށް މަގުބޫލު ލަވައެއް ކަމަށްވާ "ކިޔާދެވުނީމަ ހާލު" ގެ ކަވާ އެކެވެ. މީރާ އާއި ފާލިހު ކިޔާފައިވާ މި ލަވައަށް އިތުރު ހިތްގައިމުކަން ގެނެސްދެނީ ލަވައިގެ ވީޑިއޯ އެވެ.
ޗޮޕާޓްއިން ހަދާފައިވާ މި ވީޑިއޯއިން މީރާ އާއި ފާލިހު ކައިވެނީގެ ހަފުލާއަށް ތައްޔާރުވާ ތަނުން ފެށިގެން ކައިވެނިކުރާ މަންޒަރު ވެސް ފެނެ އެވެެ. އަދި ކައިވެންޏަށްފަހު އުފާ ފާޅުކުރާ މަންޒަރުތައް ވެސް ފެނިގެންދެ އެވެ. އެ ވީޑިއޯއިން ފާލިހާއި މީރާގެ ވަރަށް ހާއްސަ މަންޒަރުތައް ފެނިގެންދެ އެވެ.
އެ ހާއްސަ މަންޒަރުތައް ފެންނަ ވީޑިއޯ ސަޕޯޓަރުންނަށް ދޫކޮށްލަމުން މީރާ ވަނީ ވަރަށް އުފާވެރި ހަބަރެއް ވެސް ދީފަ އެވެ. އެއީ މީރާ އާއި ފާލިހުގެ އިތުރު ރީތި ލަވަތަކެއް ވެސް ކުރިއަށް އޮތްތާ ފެންނާނެ ކަމެވެ.
މީރާއަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ކާމިޔާބު ތަރި އެކެވެ. މީރާގެ މަގްބޫލުކަން އާންމުންގެ ތެރޭގައި ކުއްލިއަކަށް ބޮޑުވެ ގޭތެރޭގައި ހިފައިގެންގުޅޭ ނަމަކަށް "މީރާ" ބަދަލުކޮށްލީ ޓީވީއެމްގެ ކާމިޔާބު އެހަނދާނުގައި ޝޯތަކެވެ. މޯލްޑިވިއަން އައިޑޮލްގެ މިހާރުގެ ޖަޖު އައްމަޑޭއާ އެކު މީރާ ރިކޯޑްކުރި "އަދު މިހާލާތު" ވެގެން ގޮސްފައި ވަނީ އިންސްޓެންޓް ހިޓަކަށެވެ.
މީރާގެ ލޯބިވެރިޔާ ފާލިހު އަކީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދައިގަތް ތަރިއެކެވެ. މޯލްޑިވިއަން އއިޑޮލް އަށްފަހު ފާލިހުގެ އާ ލަވައެއް އަދި މިހާތަނަށް އިވިފައި ނެތަސް ކުރިއަށް އޮތްތަނުގައި އިވޭނެ ކަމަށް ފާލިހު ބުނެ އެވެ. ފާލިހުއަކީ އެ ސީޒަންގެ ފަސް ވަނަ އެވެ.