ހަޔާތަށް އައިސް އެކުގައި އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ތިމާ ދޫކޮށްލާފައި ދިޔަ ލޯބިވެރިއެއްގެ ވާހަކަ ލަވައެއްގައި ކިޔައިދިނުމަކީ ފަސޭހަ ކަމަކަށް ވެދާނެ ހެއްޔެވެ؟ ބައެއް މީހުންނަށް މިކަން މާ އުނދަގޫ ކަމަކަށްވިޔަސް ގިނަ ލަވަކިޔުންތެރިންނަށް މިއީ ހަމަ އެއްވެސް ކަމެއް ނޫނެވެ.
މިސާލަކަށް މަޝްހޫރު އަދި އެހާމެ ހުނަރުވެރި ލަވަކިޔުންތެރިޔާ މީރާ މުހައްމަދެވެ. އެ ކުއްޖާގެ "ހާޓު ބުރޭކުވި" ވަރެއް ވެސް އަހަރެމެންނަކަށް ކިޔައިދޭކަށް ނޭނގެ އެވެ. ޔާމީނުއެއްގެ ލޯތްބަކާއި ޖުމާއެއްގެ ލޯތްބެއް ވެސް ފޮޅިގެން މިލައިގެން އެ ދިޔައީ ނިކަން ފަލަ ސުރުހީތަކުގަ އެވެ.
ކޮންމެއަކަސް މި އުޅެނީ އެ ވާހަކަތަކަށް ގޮސް މާޒީގެ ލޯބި ކޮންނާކަށް ނޫނެވެ. މީރާ މުހައްމަދުގެ އާ ލަވައެއްގެ ވާހަކަ ކިޔައިދޭށެވެ. އެ ލަވަ އަކީ ގޮތަކަށް ބުނަނީ ނަމަ ލޯބިވެރިންނަށް އޮތް ހަދިޔާއެކެވެ.
އެކަމަކު މީރާގެ ހަޔާތުގެ ލޯބީގެ ވާހަކައަކުންނެވެ. ލޯބީގެ އަމިއްލަ ވާހަކައެއް، ލޯބީގެ އަމިއްލަ ރާގަކުންނެވެ.
އަންނަ ފެބްރުއަރީ މަހު ނުވަތަ ލޯބިވެރިންގެ ދުވަހޭ ކިޔުނު ވެލެންޓައިންސް ޑޭ އަށް ހާއްސަކޮށް އެ ދުވަހު ނެރުމަށް މަސައްކަތްކުރަމުން އަންނަ މީރާގެ އާ ލަވަ އަށް އަދި ނަމެއް ދީފައި ނެތަސް މި ލަވަ ވަރަށް ވެސް ހާއްސަ އެވެ. ކުރިން ވެސް ބުނި ފަދައިން ހާއްސަވާ އެއް ސަބަބަކީ، މީރާގެ ހަޔާތުގެ ލޯބީގެ ވާހަކައަކަށް މި ލަވަވުމެވެ.
އަނެއް ސަބަބަކީ، މިއީ އޭނާ އެންމެފަހުން ގެނެސްދިން އަމިއްލަ ރާގުގެ ލަވަ، "ލޯތްބަކީ" ގެ ސީކުއެލްއެއް ނުވަތަ ދެ ވަނަ ބައެއް ނުވަތަ އޭގެ ނުނިމި އޮތް ބަޔަށްވުމެވެ.
"މިއީ މިފަހުން ނެރުނު ލޯތްބަކީ ލަވައިގެ ކޮންޓިނުއޭޝަންއެއް. އޭރު ވެސް ރާވާފައި އޮތީ މި ލަވަ މިގޮތަށް ސީކުއެލްއެއްގެ ގޮތުގައި ގެނެސްދޭން،" ލަވައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މީރާ ބުންޏެވެ.
"މި ދެ ލަވައިގައި ވެސް ކިޔައިދެނީ މީރާގެ ލައިފަށް އައި މީހެއްގެ ވާހަކަ. އައިސްސަ ގޮސްސަވީ މީހެއްގެ ވާހަކަ."
އަނެއްކާ އެ މީހަކީ ކާކު ހެއްޔެވެ؟ އަންނަ ފެބްރުއަރީ މަހުގެ 14 އަށް ވީޑިއޯ ލަވައެއް ތައްޔާރުކޮށްގެން އުޅޭ މީރާގެ ކުރީގެ ލޯބިވެރިޔާ ޖުމައި (ޖުމާ) ހެއްޔެވެ؟ އެއެއް ނޭނގެ އެވެ.
ފާހަގަކޮށްލަން ޖެހެނީ ހުނަރުން ފުރިފައިހުރި މީރާގެ ހުނަރުވެރިކަން މިފަހުން އާ އުސްމިނަކަށް އަރައިގެން ގޮސްފައިވާ ކަމެވެ. ވަކިން ހާއްސަކޮށް އަމިއްލަ ރާގުތަކެއް އެންމެފަހުން އޭނާ އާންމުކުރަން ފަށާފައިވުމަކީ ގިނަ ބަޔަކު އެކަމަކަށް ތަރުހީބުދޭ ކަމެކެވެ.
މީރާ ބުނީ ކަވަ ލަވަތަކެއް މީގެ ކުރިން ގެނެސްދިން ނަމަވެސް އަމިއްލަ ރާގަކީ އަބަދުވެސް އެންމެ ޕާފޯމްކުރަން ބޭނުންވާ ވައްތަރުގެ ލަވަ ކަމަށެވެ.
"ހަގީގަތުގައި އަބަދުވެސް ބޭޏުންވޭ އަމިއްލަ ރާގުކިޔަން. އެކަމަކު ވާގޮތަކީ އަމިއްލަ ރާގަށް ލަވަކިޔަން ކުރިން ވަގުތު ނުވަނީ،" އަމިއްލަ އަށް ލަވަ ލިޔެ އެއަށް މެލޮޑީ އާއި މިއުޒިކް ވެސް އުފައްދަމުން އަންނަ ހުނަރުވެރިޔާ ބުންޏެވެ.
އޭނާ ބުނީ އަމިއްލަ ރާގުގެ އަލްބަމެއް ވެސް ނެރުމުގެ ވަގުތު މިހާރު ޖެހިއްޖެ ކަމަށެވެ. ޔަގީނަށް ވެސް މިއީ މީރާގެ މިއުޒިކަށް އަދި ވަކިން ހާއްސަކޮށް ދިވެހި އަމިއްލަ ރާގުތަކަށް ލޯބިކުރާ ފަރާތްތަކަށް އޮތް އުފާވެރި ޚަބަރެކެވެ.
މީރާގެ އާ ލަވައިގެ ވީޑިއޯގައި ވެސް އޭނާއާ އެކު ފެނިގެންދާނީ "ލޯތްބަކީ" ގެ ވީޑިއޯ އިން އޭނާގެ ހިތްއަތުލި ޒުވާން އައިމަން އަހުމަދު އެވެ. މި ލަވައިގެ ވީޑިއޯ މަސައްކަތްކުރަމުން އަންނަނީ ހިޕްހޮޕް މިއުޒިކްގައި ފާހަގަކޮށްލެވޭ ޒުވާން ހުނަރުވެރިންތަކެއް ނިސްބަތްވާ ޕްރޮޑަކްޝަން ހައުސްއެއް ކަމުގައިވާ ސިމްބޮލިކް ރިކޯޑްސް އިންނެވެ.
މީރާ ބުނީ "ލޯތްބަކީ" ގެ ވީޑިއޯއާ އަޅާބަލާއިރު މި ލަވައިގެ ވީޑިއޯ ތަފާތުވާ ކަމަށެވެ.