ބަޔަކު މީހުންނަށް ގަބޫލު ނުކުރެވުނަސް އަދި ހަޖަމުކުރަން އުނދަގޫވިޔަސް މީރާ މުހައްމަދު މާޖިދަކީ މިވަގުތު ރާއްޖެއިން ނެގެން ހުރި އެންމެ މަގްބޫލު އަދި އެންމެ ގަދަފަދަ އަޑުގެ ވެރިޔާ އެވެ. އޭނާގެ ހުނަރާއި ރާއްޖެ އާއި ދިވެހިންގެ ރީތި ނަން މި ޒުވާން ލަވަކިޔުންތެރިޔާ އެ ވަނީ އެންމެފަހުން ބައިނަލްއަގުވާމީ ސްޓޭޖަށް ވެސް ގެންގޮސްފަ އެވެ.
އެހެންވީމަ މި ފެންވަރުގެ ލަވަކިޔުންތެރިޔަކު "ރާއްޖެ ކަހަލަ ސުވަރުގެއެއްގައި" ފައްކާވަމުން އަންނައިރު އޭނާ ކުރާ ކޮންމެ ކަމެއް ވެސް އަދި އޭނާއާ ދިމާވާ ކޮންމެ ގޮތެއް ވެސް ވާނީ މީހުންނަށް މުހިންމު ނުވަތަ އާންމުން ޝައުގުވެރިވާނެ ކަންކަމަށެވެ.
މީރާ ކުއްލިއަކަށް "ހިކިއްޖެއޭ" މީހުން ކިޔަނީ ވެސް މި ސަބަބާ ހެދި އެވެ.
އެއީ ތެދެކެވެ. މީގެ މަސް ދުވަސްތަކެއް ކުރިން "ފަލަކޮށް" ފެނުނު މީރާ މިހާރު ފެންނަނީ ފުދޭވަރަކަށް ވުރެ ބޮޑަށް އަދި މީހުންގެ ލޮލުގައި އަޅައިގަންނަ ވަރަށް ހިކިގެން ގޮސްފައި ހުއްޓަ އެވެ.
އޭނާ ބުނަނީ މިއީ އެއްވެސް ޑައެޓެއްގެ ސިއްރެއް ނޫން ކަމަށެވެ. އަދި ކުރިން ފަލަވީ ވެސް ކެއުން އޮޅުންބޮޅުންވުމަކުން ނޫން ކަމަށެވެ.
"އެއްގޮތަކަށް ވެސް ޑައެޓެއް ނަގަނީކީ ނޫން އަޅުގަނޑު. އަޅުގަނޑު ފަލަވީ ވެސް އަދި ހިކިފައި ހުރި ނަމަ ހިކޭހެން ހީވަނީ ވެސް އަޅުގަނޑުގެ ހުރި މެޑިކަލް ކޮންޑިޝަނަކަށް ފަރުވާ ހޯދަން ގަވާއިދުން ނަގަން ޖެހިފައިވާ ބޭސްތަކެއްގެ ސަބަބުން،" އަވަސްއާ ފޯނުން ވާހަކަ ދައްކަމުން މީރާ މިއަދު ބުންޏެވެ.
އޭނާ ބުނީ މަޝްހޫރު މީހުން އެމީހުންގެ ސިފައަށް ނުވަތަ ބޮޑީ އިމޭޖަށް ހާއްސަ ސަމާލުކަމެއް ދީގެން އުޅުނަސް ބޭރުފުށުގެ ސިފައަށް އޭނާ އެވަރުގެ ސަމާލުކަމެއް ނުދޭ ކަމަށެވެ.
"އަޅުގަނޑަކީ ބޮޑީ އިމޭޖަށް ބަލާ މީހެއް ނޫން. މީހަކު ހުންނަ ސިފައެއް ނޫން ނިންމާނީ އެމީހަކީ ކިހާ ވަރެއްގެ މީހެއް ކަމަށް. ސެލްފް އެސްޓީމް އާއި ސެލްފް ކޮންފިޑެންސް ވަރުގަދަވީމަ ނިމުނީ،" މީރާ ބުންޏެވެ.
ފާހަގަކޮށްލަން ޖެހެނީ މީރާ "ތަންކޮޅެއް ފަލަވެގެން" ދިޔައިރު އެކަން ފާހަގަކޮށް ބައެއް ފަރާތްތަކުން އެ ދުވަސްކޮޅު މީރާ އަށް މަލާމާތްވެސް ކުރި ކަމެވެ. އެކަމަކު މީރާ ބުނީ މީހުން އެގޮތަށް ކިޔާ އެއްޗިއްސަށް ވެސް އޭނާ ސަމާލުކަމެއް ނުދޭ ކަމަށެވެ.
"އަޅުގަނޑު ހިތަކަށް ނާރާ އެއްވެސް އެއްޗެއް މީހުން އެގޮތަށް ކިތަންމެ އެއްޗެއް ކިޔަސް. މީހާ މޮޅު ލަވަކިޔުންތެރިޔަކަށް ވަނީ އެމީހާގެ ބޮޑީ އިމޭޖު ހުންނަ ގޮތަކުން ނޫން،" މީރާ ބުންޏެވެ.
"މިސާލަކަށް މައިކަލް ޖެކްސަން އަކީ ވަރަށް ހިކި މީހެއް މުޅި ކެރިއަރުގައި ވެސް. އެޑެލް ހުންނަނީ ފަލަކޮށް. އަދުނާނު ސާމީ އަކީ މަޝްހޫރުކަން ހޯދިއިރު ވަރަށް ފަލަކޮށް ހުރި މީހެއް."
"އެހެންވީމަ ފަލަވެގެން މުޅި ރާއްޖެއަށް އަޅުގަނޑު ހަޑިވެގެން އުޅުނަސް އެކަމުގައި މައްސަލައެއް ނެތް. އަޅުގަނޑު ކިޔާ ލަވަތައް މީހުންނަށް ރީތިވީމަ އަޅުގަނޑަށް ނިމުނީ."
ޔަގީނަށް ވެސް މީރާގެ ލަވަތަކުގައި މައްސަލައެއް ނެތެވެ. އެކަން އޭނާ ސާބިތުކޮށް ދެމުން އަންނައިރު އޭނާގެ ފޭނުން ވެސް އެކަން ގަބޫލުކުރެ އެވެ. އެންމެފަހުން ރިކޯޑްކޮށް ވީޑިއޯއަކާ އެކު ނެރުނު ކަވާ ސޯންގާއި އިންޑިއާގެ ޕޮޕް ބޭންޑް ސަނަމްއާ އެކު ރިކޯޑްކޮށް ޝޫޓްކޮށްފައިވާ "ޔެ ވާދާ ރަހާ" އަކީ ވެސް ދެގޮތެއްވުމެއް ނެތި މީރާ ދެމިހުރިކަން ސާބިތުކޮށްދިން މަސައްކަތެކެވެ.
އޭނާ ބުނީ މިހާރު ވެސް ދެ ތިން ލަވައެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު މަސައްކަތްކުރަމުން ދަނީ މެނޭޖަރެއް ވެސް ހަމަޖައްސައިގެން ކަމަށެވެ. ޔަގީނަށް ވެސް ސަނަމްއާ އެކު ރިކޯޑްކުރި ލަވައަކީ މީރާ އަށް ބޭރުން ހާއްސަކޮށް އިންޑިއާ އިން އިތުރު ފުރުސަތުތަކެއް ލިބިގެން ހިނގައިދާނެ ކަމެކެވެ.
އާ ކަވާ ލަވަތަކެއްގެ މަސައްކަތްކުރަމުން އަންނައިރު މީރާ ދަނީ އަމިއްލަ ރާގުގެ ލަވައަކަށް ވެސް ތައްޔާރުވަމުންނެވެ. މީގެ އިތުރުން އަދިވެސް ވަރަށް ހާއްސަ އެހެން ވާހަކައެއް އެބައޮތެވެ.
މި އަންނަ ހުކުރު ދުވަހުގެ ރޭ މީރާގެ ލައިވް ޕާފޯމެންސެއް ސީހައުސް ކެފޭގައި އޮންނާނެ އެވެ.