މީރާ މުހައްމަދު މާޖިދު

ސަނަމް ބޭންޑާއެކު މީރާ ރިކޯޑްކުރި ވީޑިއޯ ލަވަ: ގައިން ހީބިހި ނަގާނެ!

Nov 10, 2015
11

ސަނަމް ބޭންޑާއި މިރާއާ ދެމެދު އޮތީ ހިތާއި ހިތުގެ ގުޅުމެއްކަން ސާބިތުކޮށްދީފި އެވެ. ސަނަމް ބޭންޑްގެ އާ ކަވާ ސޯންގް "ޔެ ވާދާ ރަހާ" މިއަދު އެމީހުންގެ ޔޫޓިއުބު ޗެނަލްގައި އާންމުކޮށްފައިވާއިރު މި ލަވަ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުންނާއި އެފަދަ ދެ ވަނައެއް ނެތް ދިވެހި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ގަދަފަދަ އަޑުންނެވެ.

"ގައިން ހީބިހި ނަގައިގެން ހިނގައްޖެ،" ލަވަ ބެލި މީހަކު މީރާގެ ހުނަރުވެރިކަމަށް އަދި ސަނަމް ބޭންޑާއި އޭނާއާ ދެމެދު އޮތް ކެމިސްޓްރީ އަށް ތައުރީފު އޮއްސަމުން ބުނީ މިހެންނެވެ.

"ޔަގީނަށް ވެސް މިއީ އަޑުއަހައި ފޫހިވާނެ ލަވައެއް ނޫން. މީރާ އާއި ސަނަމް ޕޫރީގެ ހިތްގައިމު އަޑުން ލަވަ އަށް މުޅިން އާ ދިރުމެއް ގެނެސްދީފި،" އެހެން މީހަކު ބުންޏެވެ.

މީރާގެ ފަރި ހަރަކާތްތަކާއި ރާއްޖޭގެ ވިލުނޫކުލަ އާއި ފެހިކަމުން މި ލަވައިގެ ނޯޓް މައްޗަށް ހިއްލާލާފައިވާއިރު އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ލަވައިގެ ވަކި ހިސާބަކަށް ފައްތާފައިވާ ދިވެހި ލިރިކްސް އެވެ. މިއީ ސަނަމް ބޭންޑް މާލޭގެ ރާޅުގަނޑޫ ސަރަހައްދުގައި ދިން ޝޯގައި ވެސް މީރާއާ އެކު އެމީހުން މި ލަވަ ޕާފޯމްކުރި ގޮތެވެ.

"ޔެ ވާދާ ރަހާ" ގެ އަސްލު ނުގެއްލޭ ގޮތަށް ސަނަމް ބޭންޑުން މި ލަވަ އަށް ގެނެސްފައިވާ އުނިއިތުރުތަކަށް އެމީހުންގެ ޔޫޓިއުބް ޗެނަލްގައި ދަނީ އެތައް ބައެއް ތައުރީފު އޮހެމުންނެވެ.

ސަނަމް ބޭންޑުން ބުނެފައި ވަނީ އެމީހުންގެ މި ކަވާ ސޯންގްގައި ދިވެހި ލިރިކްސް ބޭނުންކޮށްފައި ވަނީ ދިވެހިންނާއި "މި ރީތި ރާއްޖެ" އަށް ކޮށްފައިވާ އިހްތިރާމެއްގެ ގޮތުން ކަމަށެވެ. ލަވައިގައި މީރާގެ ފަހަތުން ސަނަމް ޕޫރީ ވެސް ދިވެހިން ޕާފޯމްކުރެ އެވެ. މީގެ އިތުރުން ހިންދީ ލިރިކްސް އަށް ސަނަމްއާ އެކު މީރާ ވެސް އެއްވަރެއްގައި ހިފަހައްޓާލާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ލަވަ އަށް ފަހު ބޭންޑުން ބުނެފައި ވަނީ ރާއްޖޭގައި އަދި މީރާއާ އެކު މި ލަވައެއް ޝޫޓްކުރުމުގައި ވަރަށް ހިތްގައިމު ވަގުތުކޮޅެއް ރާއްޖޭގައި ހޭދަކޮށްލެވުނު ކަމަށެވެ. ޔަގީނަށް ވެސް އެއީ ވަރަށް ބޮޑު ތެދެކެވެ.

ސަނަމް ބޭންޑް ވަނީ މާލޭގައި ޝޯއެއް ދިނުމަށް ފަހު އައްޑޫ ސިޓީގައި ވެސް ޝޯއެއް ދީފަ އެވެ. އެމީހުންގެ މި ލަވަ ޝޫޓްކޮށްފައި ވަނީ އައްޑޫގެ ހެރެތެރެ ރިސޯޓްގަ އެވެ.

ޔޫޓިއުބް އައި ސޯޝަލް މީޑިއާގައި ދަނީ މިހާރު މި ލަވަ އަށް ނިކަން ބޮޑު ތަރުހީބެއް ލިބެމުންނެވެ. ހާއްސަކޮށް ދިވެހިންގެ ސޯޝަލް މީޑިއާގެ އިމުގައި ލަވައިގެ ފޯރި މިވަގުތު ވަރަށް ވެސް ގަދަ އެވެ.