މީރާ މުހައްމަދު މާޖިދު

މީރާގެ "ލޯބީގެ ވާހަކަ" އަށް އަސަރުގަދަ ނިމުމެއް!

މިހާރު ރާއްޖޭގައި ހުރި އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިޔާ ކަމަށްވާ މީރާ މުހައްމަދުގެ "ލޯބީގެ ވާހަކައަށް" ނިމުމެއް އަތުވެއްޖެ އެވެ. ޓްރިލޮޖީއެއްގެ ގޮތުގައި މީރާ ނެރުމުން އައި ލަވަތަކުގެ ފަހު ލަވަ ރޭ ވަނީ ނެރެފަ އެވެ. ލަވަ ލޯންޗުކުރީ މޯލްޑިވިއަން އައިޑޮލްގަ އެވެ.

ރޭ މީރާ ވަނީ އެ ޝޯގައި ލަވައެއް ވެސް ހުށަހަޅައިދީފަ އެވެ. އަދި މީރާގެ އަމިއްލަ ޅެމާއި ރާގު އެކުލެވޭ، "ނެތް ދުވަހަކުން"ގެ ޕްރޮމޯއެއް ދައްކާލާފަ އެވެ. "ނެތް ދުވަހަކުން" މި ލަވައަކީ ހިތްގައިމު ރީތި ލަވަ އެކެވެ.

"ނެތް ދުވަހަކުން" މި ލަވައަކީ އެންމެ ފަހުން މީރާ ނެރުނު "ވައުދުވަމޭ" ލަވައިގެ ވާހަކައަށް އިތުރު ކޮށްލި ބޮޅެކެވެ. "ވައުދުވަމޭ" އެ ލަވައިން ފެނިގެންދިޔައީ މީރާގެ ލޯބިވެރިޔާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކޮށް ކައިވެނިކުރާ މަންޒަރެވެ. ނަމަވެސް ލަވަ ނިމިގެން ދިޔައީ ހިތްދަތި ގޮތަކަށެވެ. މީރާގެ ފިރިމީހާ އެކްސިޑެންޓްވެ މަރުވީ އެވެ.

އަލަށް މީރާ ނެރުނު ލަވައިން ފެނިގެން ދަނީ ފިރިމީހާއާ ނުލައި، ދުވަސްތައް ހޭދަކުރަމުންދާ ތަނެވެ. އެ ހިތްދަތި ދިރިއުޅުމެވެ. ފިރިމީހާއާގެ މަރާއެކު ކުރީގެ ހަނދާންތަކަށް މީރާ ގެނބިގެންދާ މަންޒަރެވެ.

ލަވަ ކިޔުމުގައި ދެވަނައެއް ނެތް މީރާގެ ތަފާތު ހުނަރެއް ވެސް "ނެތް ދުވަހަކުން" އިން ވަނީ ފެނިގެން ގޮސްފަ އެވެ. މީރާގެ އެކްޓިންނެވެ. މި ލަވައިން މީރާގެ ތަފާތު މޮޅު އެކްޓިންނެއް ފެނިގެންދެ އެވެ. މީރާގެ އެކްޓިންނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ލަވައިގެ މަންޒަރުތަކެވެ. މި ލަވައިގެ މަންޒަރުތައް ބަލާލަން ވަރަށް ޗާލެވެ. ފުރިހަމަ އެވެ. އަދި ވީޑިއޯ ނެގުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ލަވަ ބަލާލުމުން އެނގެ އެވެ.

ރޭ މޯލްޑިވިއަން އައިޑޮލްގައި މީރާ ވަނީ އޭނާ ކިޔައިދެމުން އައި ލޯބީގެ ވާހަކައަށް ނިމުން އައި ވާހަކަ ބުނެފަ އެވެ. ސިމްބޮލިކްސް ރެކޯޑްސް ޕްރޮޑަކްޝަނުން ވީޑިއޯ ހަދައިފައިވާ "ނެތް ދުވަހަކުން" މި ލަވައަކާއެކު މީރާގެ ވާހަކަ ނިމިފައިވިޔަސް މީރާގެ ލަވަތައް އަދި އޮތީ ކުރިއަށެވެ.

މީރާ މިހާރު ދަނީ އޭނާގެ ސޯލޯ އަލްބަމެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ. މީރާގެ އަމިއްލަ ރާގުތަކެއް އެކުލެވޭ މި އަލްބަމުގައި މީރާ އެންމެފަހުން ނެރުނު ތިން ވީޑިއޯ ލަވަ ވެސް ހިމެނޭނެ އެވެ.