ދުނިޔެ

ލުބުނާނުގެ ބޮޑުވަޒީރު ހަރީރީ އިސްތިއުފާ ދެއްވައިފި

ލުބުނާނުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެ ގައުމުގެ ބޮޑުވަޒީރު ސާދު ހަރީރީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ ކުރާ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ދާނެ ކަމަށް ލަފާ ކުރެވުމުން ބޮޑު ވަޒީރު ސާދު ހަރިރީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ފެށި، ވަޓްސްއެޕް ކޯލްތަކުން ޓެކްސް ނަގަން ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން އިއުލާން ކުރުމާއި ގުޅިގެންނެވެ. މިކަމާ ގިނަ ބަޔަކު ދެކޮޅު ހެދުމުން އެ ނިންމުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ނަމަވެސް މުޒާހަރާގެ އިސްކޮށް އުޅުނު ސިޔާސީ ލީޑަރުން ވަނީ، ލުބުނާނުގެ އިގްތިސޯދީ އަދި ސިޔާސީ މީހުންގެ ކޮރަޕްޝަންގެ ވާހަކަތަށް ފެންމަތިކޮށް މުޒާހަރާ ކުރުން ކުރިއަށް ގެންގޮސްފަ އެވެ. އެ ހިސާބުން ފުލުހުންނަށް މުޒާހަރާގެ ކޮންޓްރޯލް ވަނީ ގެއްލެން ފަށައިފި އެވެ.

އިސްތިއުފާ ދެއްވުމުގެ ގޮތުން ގައުމާ މުހާތަބު ކުރައްވާ ހަރީރީ ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ ގައުމު މިހާރު މިއޮތް ހާލަތުން އަރައިގަނަން ބަދަލެއް ގެންނަން ޖެހޭތީ ކަމަށެވެ. ހަރީރީގެ އިސްތިއުފާއެކު އިދިކޮޅު ފަރާތްތަކުން ދަނީ މަގުތަކަށް ނުކުމެ އުފާ ފާޅު ކުރަމުންނެވެ.

މުޒާހަރާތަކާ ގުޅިގެން ލުބުނާނުގެ ހުރިހާ ބޭންކުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަށް ބަންދު ކުރުމުގެ ސަބަބުން ސަރުކާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މުޒާހަރާތައް ދިގު ދެމިގެން ގޮސްފައިވަނީ 13 ދުވަހަށެވެ.

ހަރީރީގެ އިސްތިއުފާއާ ގުޅޭ ގޮތުން ރައީސ އަޔޫން އަަދި ވަކި ގޮތެއް ނުނިންމަ އެވެ. ލުބުނާނުގެ ގާނޫނު އަސާސީ ބުނާ ގޮތުން އިސްތިއުފާ ހުށަހެޅުއް ވިއަސް އާ ސަރުކާރެއް އެކުލަވައިލެވެންދެން މަގާމުގައި ހަރީރީ ދެމި ހުންނަވަން ޖެހި ވަޑައިގަންނަވާނެ އެވެ.