ބޮލީވުޑް

ސަންޖޭދަތަށް ކާމިޔާބު ހޯދައިދޭން މަހޭޝް ބަޓް ނުކުމެއްޖެ

ސަންޖޭ ދަތުގެ ފިލްމީ ކެރިއަރާއި ދިރިއުޅުން އަޑިގަނޑަކަށް ވެއްޓި ސަލާމަތް ނުވޭވަރު ވެފައި އޮއްވާ 1986 ގައި އޭނާ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދިނީ މަޝްހޫރު ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓެވެ. އެއީ މަހޭޝް އުފެއްދި "ނާމް" ގެ ލީޑް ރޯލު ދީގެނެވެ. އެއީ އެއްބަނޑު އެއްބަފާ ދެ ފިރިހެނުންގެ ވާހަކަ އެވެ. އެކަކު ރަނގަޅެވެ. އަނެކަކު ގޯހެވެ. މި ދެ މީހުންގެ ރަނގަޅު މަންމަގެ ރޯލު ކުޅުނީ ނޫތާން އެވެ. މި ފިލްމުގައި ސަންޖޭ ދަތު ކުޅުނީ ދެބެންގެ ތެރެއިން އެކެއްގެ ރޯލެވެ.

އެ ފިލްމުން ސަންޖޭ ދަތަށް ކާމިޔާބީގެ ރަހަ ލިބުނެވެ. މިހާރު އަނެއްކާވެސް ސަންޖޭ ދަތުގެ ކެރިއަރު ވަނީ ވަޅުޖަހާފަ އެވެ. ޖަލުގައި ގިނަ ދުވަސްތަކަކު ހުރުމަށްފަހު ނުކުމެ ކުޅުނު އެއްވެސް ފިލްމެއް ކާމިޔާބެއް ނުވެ އެވެ. އޭނާގެ އެންމެ ފަހުގެ ރިލީޒް ކަމަށްވާ "ޕްރަޝްތާނަމް" ވެސް ވީ ފްލޮޕެވެ.

އެހެންކަމުން މިފަހަރުވެސް ސަންޖޭ ދަތަށް އަލުން ކާމިޔާބު ހޯދައިދިނުމުގެ ޒިންމާ އުފުލީ މަހޭޝް ބަޓަށެވެ. މަހޭޝް ވަނީ 1998 ގައި ނުކުތް "ޒަޚަމް" އަށް ފަހު ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ހުއްޓާލާފަ އެވެ. ގިނަ ދުވަސް ތަކަކަށްފަހު އަލުން ފިލްމެއް ޑައިރެކްޓް ކުރުމުގެ މަސައްކަތް މަހޭޝް ފެށީ މި އަހަރު އެވެ. އެހާ ގިނަ އަހަރު ތަކަކަށް ފަހު ވެސް މަހޭޝް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުގައި ސަންޖޭ ދަތު ވަނީ ބައިވެރިކޮށްފަ އެވެ.

ގިނަ ބަޔަކު ހީކުރީ މަހޭޝް އަލުން ފިލްމު ޑައިރެކްޓް ކުރަން ފެށީ ދަރިފުޅު އާލިއާ އާއެކު މަސައްކަތްކުރާ ހިތުން ކަމަށެވެ. ނަމަވެސް މަހޭޝްގެ ގާތް މީހަކު ބުނި ގޮތުގައި އޭނާ އަލުން ފިލްމެއް ޑައިރެކްޓްކުރަން ނިންމީ ސަންޖޭ ދަތުގެ ވަޅުޖަހާފައިވާ ކެރިއަރަށް ދިރުން ގެނެސްދިނުމުގެ އުންމީދުގަ އެވެ. މަހޭޝް ބަޓް ދެކޭ ގޮތުގައި ރާޖްކުމާރު ހިރާނީ އުފެއްދި ސަންޖޫ (ސަންޖޭ ދަތުގެ ބައޮޕިކް) އިން ބެލުންތެރިންގެ މެދުގައި އެހާ ބޮޑަށް ސަންޖޭ ދަތު މަގްބޫލުވެއްޖެ އެވެ. އެހެންކަމަށްވާނަމަ ރަނގަޅު ފިލްމެއް ކުޅެން ލިބިއްޖެނަމަ ފަނޑުވެފައިވާ އޭނާގެ ކެރިއަރަށް ވެސް އާ ދިރުމެއް ލިބުމަކީ ހަމަ ވަރަށް ގާތް ކަމެކެވެ.