ބޮލީވުޑް

ރަންބީރުގެ "ޝަމްޝޭރާ" ކަމުދާ ފިލްމަކަށް ނުވި!

ރަންބީޜު ކަޕޫރާއި ވާނީ ކަޕޫރު އަދި ސަންޖޭ ދަތު ލީޑް ރޯލުތައް އަދާކޮށްފައިވާ "ޝަމްޝޭރާ" އިއްޔެ ރިލީޒްކޮށްފައިވާއިރު ކްރިޓިކްސް އަށް މި ފިލްމު އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. ފިލްމުގެ ގިނަ ރިވިއުތަކުގައި ފިލްމަށް ދީފައިވަނީ ފަސް ތަރީގެ ތެރެއިން 1.5 ތަރި އެވެ. އެންމެ މަތިން ދީފައިވާ މީހުން ވެސް ދީފައިވަނީ ފަސް ތަރީގެ ތެރެއިން 2.5 އެވެ.

މިއީ "ސަންޖޫ"ގެ ކާމިޔާބަށްފަހު ރިލީޒްކުރި ރަންބީރުގެ ފުރަތަމަ ފިލްމަށް ވާތީ ވަރަށް ކާމިޔާބު ވާނެކަމަށް ގިނަ ބަޔަކު އުންމީދުކުރި އެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ބޮކްސް އޮފީހުގައި ވެސް ފިލްމުގެ ފެށުން އެހާ ރަނގަޅެއް ނޫނެވެ.

ކުރިން ބެލެވިފައި އޮތީ ފިލްމަށް ފުރަތަމަ ދުވަހު ވެސް މަދުވެގެން 15 ވަރަކަށް ކްރޯޑުގެ ވިޔަފާރި ވާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ދުވަހުގެ ވިޔަފާރި އުޅެނީ 10 ކްރޯޑުގަ އެވެ. މިއީ ފިލްމުގެ ޕްރޮޑިއުސަރު ޔާޝްރާޖް ފިލްމްސްގެ ނާކާމިޔާބު ފިލްމުތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. އަދި މި ފިލްމު ފްލޮޕް ވެއްޖެނަމަ އެ ފިލްމު ކުންފުނީގެ މުސްތަގްބަލް ވަރަށް ބޮޑަށް ބަނަވާނެކަން ވަނީ ޔަގީން ވެފަ އެވެ.

ކަރަން މަލްހޯތުރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރަންބީރު އެކްޓްކޮށްފައިވަނީ ވަރަށް މޮޅަށް ކަމަށް ފިލްމު ބެލި އެންމެން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް ސަންޖޭ ދަތުގެ ކެރެކްޓާއަށް އޭނާއަށް އެކަށީގެންވާ ވަރަށް އިންސާފު ކޮށްދެވިފައި ނުވާ ކަމަށާއި އޯވާ-އެކްޓިން ކޮށްފައިވާ ކަމަށް ބައެއް ރިވިއުތަކުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި ފިލްމު އާދަޔާ ޚިލާފަށް އަޑުގަދަވެފައި ދިގު ކަމަށާއި ފިލްމުގެ ވާހަކަ ވެސް މި ޒަމާނާ ނުގުޅޭ ކަމަށް ރިވިއުތަކުގައި ވެއެވެ.