ރަންބީރު ކަޕޫރު

ރަންބީރު ކަޕޫރު ނަފްސާނީ ބައްޔަށް ފަރުވާ ހޯދަނީ

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ނަފްސާނީ ބައްޔަށް ފަރުވާ ހޯދަން ފަށައިފި އެވެ.

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ ޑަބްލިއުޓީއެފް އިން ދެއްކި ޕްރޮމޯއެއްގައި ވާހަކަދައްކަމުން ރަންބީރު ބުނީ އޭނާގެ ބައްޕަ އަދި ކުރީގެ އެކްޓަރު ރިޝީ ކަޕޫރަކީ ދަރިންނަށް ރަނގަޅު މީހެއް ކަމަށާއި ނަމަވެސް ރުންކުރު މިޒާޖެއްގެ މީހެއް ކަމަށެވެ.

ރަންބީރު ބުނީ ބައްޕަ ރުންކުރު ކަމުން ބުނާ އެއްވެސް ކަމަކަށް ދުވަހަކުވެސް ނޫނެކޭ ބުނަން ނުކެރޭ ކަމަށާއި އަދި އޭނާގެ އިހްސާސްތައް ވެސް ބައްޕަ ކައިރީ ބޭރުކުރަން ނުކެރޭ ކަމަށެވެ.

ބައްޕަ ކައިރީގައި ކޮންމެ ވާހަކައެއް ބުނަން ނުކެރި އެ ވާހަކަތައް ހިފަހައްޓާލައިގެން ހުންނަންޖެހުމުން އުދަނގޫތައް ކުރިމަތިވި ކަމަށްވެސް ރަންބީރު ބުންޏެވެ. އެކަމަކު އެކަމާ ރޮވޭ ގޮތެއްވެސް ނުވާ ކަމަށް ބުންޏެވެ.

ރަންބީރު ބުނީ އޭނާ ބުނަން ބޭނުންވާ ބައެއް ވާހަކަތައް ނުބުނާތީއާއި އަދި އޭނާގެ އިހްސާސްތައް ބޭރުނުކުރާތީ ހަޔާތުގެ ވަރަށް ބޮޑު ބައެއްގައި އުޅެންޖެހުނީވެސް "މަކަރުވެރިއެއްގެ" ލޭބަލް ޖެހިގެން ކަމަށެވެ.

"އަދިވެސް އެކަން އޮތީ އެހެން،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ރަންބީރު ބުންޏެވެ.