ބޮލީވުޑް

ނީތޫ ބަހުގެ ހަމަލާދިނީ ކެޓުރީނާ އާއި ދީޕިކާ އަށްތަ؟

ރަންބީރު ކަޕޫރުގެ މަންމަ އަދި ބަތަލާ ނީތޫ ސިންގް ސޯޝަލް މީޑީއާގައި ޕޯސްޓްކުރި މެސެޖަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެކަމާ ހައިރާން ވެއްޖެ އެވެ. އަދި ނީތޫގެ މި ލިޔުން ކިޔާފައި މީހުންނަށް ހީވެގެން އުޅެނީ މިއީ ރަންބީރުގެ ކުރީގެ ލޯބިވެރިންނަށް އަމާޒުކޮށް ނީތޫ ފޮނުވާލި ބަހުގެ ހަމަލައެއް ހެންނެވެ. ޚާއްސަކޮށް މިއީ ކެޓުރީނާ ކައިފް އަށް ނީތޫ ދިން ހަމަލައެއް ކަމަށް ވަރަށް ގިނަ މީހުން ގަބޫލު ކުރެ އެވެ.

"އޭނަ ތިބާއާ ރައްޓެހިވެގެން ހަތް އަހަރު ދުވަހު އުޅުމުގެ މާނައަކީ އޭނާ ތިބާއާ ކައިވެނި ކުރާނެއެކޭ ނޫން. އަހަރެންގެ ބޮޑުބޭބެއަކު ވެސް ހަ އަހަރު ވަންދެން ޑޮކްޓަރީކަން ކިޔެވި. އެކަމަކު މިހާރު އޭނަ އުޅެނީ ޑީޖޭ އަކަށް،" ނީތޫގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

މި ޕޯސްޓް ކިޔާފައި ގިނަ ބަޔަކު ބުމަ އަރުވައި ނީތޫއަށް ފާޑުކިޔާފައިވާއިރު މިއީ ސީދާ ކެޓުރީނާއާ ދިމާކުރުމުގެ ގޮތުން ނީތޫ ލިޔެފައިވާ އެއްޗެއް ކަމަށްވެސް މީހުންނަށް ވަނީ ގަބޫލުކުރެވިފަ އެވެ. ސަބަބަކީ ރަންބީރު ރައްޓެހިވީ މީހުންގެ ތެރެއިން ކެޓުރީނާ އާއެކު ނޫނީ ހަތް އަހަރު ދުވަހު އުޅެފައެއް ނުވެ އެވެ.

ނީތޫ މިގޮތަށް ދިމާކޮށްލުމުން ކެޓުރީނާގެ ފޭނުން ރުޅިގަދަވެގެން ނީތޫ އަށް ވެސް ބަހުގެ ހަމަލަތައް ފޮނުވާފައި ވެއެވެ. އަދި މިހާރު ދެން ނީތޫ މި ވާހަކަތައް ދައްކަނީ ކީއްކުރަންތޯ ބައެއް މީހުން ސުވާލު އުފައްދާފައި ވެއެވެ. ސަބަބަކީ ރަންބީރު ވެސް ކެޓުރީނާ ވެސް މިހާރު ކައިވެނިކޮށް އެމީހުންގެ ޒަވާޖީ ހަޔާތް އުފާވެރިކަމާ އެކު ހޭދަކުރަމުން ދާތީ އެވެ.

މި ޕޯސްޓުގެ ސަބަބުން އޭނާއަށް ފާޑުކިޔަމުންދާ މީހުންނަށް ނީތޫ ރައްދެއް ނުދެ އެވެ. އަދި މިއީ ކީއްވެގެން ލިޔުނު ލިޔުމެއް ކަންވެސް އޭނާ އޮޅުންފިލުވައި ދީފައެއް ނުވެ އެވެ.

ނީތޫގެ ފިރިމީހާ އަދި އެކްޓަރު ރިޝީ ކަޕޫރު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަރުވުމުން ނީތޫ ވަނީ އަލުން އެކްޓިންގެ މަސައްކަތް ވެސް ފަށާފަ އެވެ. އެގޮތުން އޭނާ ކުޅެފައިވާ ވަރުން ދަވަން އާއި ކިއާރާ އަދުވާނީގެ "ޖުގް ޖުގް ޖިޔޯ" މިދިޔަ އަހަރު ވަނީ ރިލީޒްކޮށްފަ އެވެ.