ކެޓުރީނާ ކައިފް އާއި ސަލްމާން ޚާންގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮތް ނަމަވެސް ކެޓުރީނާ އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ހަފުލާ އަށް އެ އާއިލާގެ އެއްވެސް މީހަކަށް ދައުވަތު ނުދޭކަން ޔަގީން ވެއްޖެ އެވެ.
ޑިސެމްބަރު 7، 8 އަދި 9 ގައި އޮންނަ މި ކައިވެނީގެ ރަސްމިއްޔާތަށް ކެޓުރީނާގެ ކުރީގެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާނާއި ރަންބީރު ކަޕޫރަށް ވެސް ދައުވަތު ނުދޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
ރަންބީރާއި ސަލްމާނާ ވެސް ކެޓުރީނާ ރުޅިވީ ފަހުން އެކުވެރިކަން ބާއްވަމުން ގެންގޮސްފައި ވެއެވެ. އެހެންވެ އޭނާގެ ކައިވެންޏަށް މި ދެ ތަރިންނަށް ދައުވަތު ދޭނެ ކަމަށް ކުރިން އޮތީ ހީވެފަ އެވެ. ނަމަވެސް ރަންބީރުގެ އިތުރުން ސަލްމާނަށް ވެސް އަދި އޭނާގެ އާއިލާއަށް ވެސް ދައުވަތު ނުދިނުމުން ގިނަ މީހުންނަށް މިކަން ވެފައިވަނީ ވަރަށް އަޖައިބު ކަމަކަށެވެ.
ސަލްމާންގެ އާއިލާއަށް ދައުވަތު ނުލިބޭކަން އޭނާގެ ކޮއްކޮ އަރްޕިތާ ޚާން ވަނީ ޔަގީން ކޮށްދީފަ އެވެ. އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އަރްޕިތާ ބުނީ ރާޖަސްތާނުގެ ރިސޯޓެއްގައި އޮންނަ މި ކައިވެންޏަށް އޭނާ އާއިލާގެ އެއްވެސް މީހަކަށް ދައުވަތު ލިބިފައި ނުވާތީ އެމީހުން ނުދާނެ އެވެ.
ސަލްމާންގެ އާއިލާގެ ހުރިހާ މެންބަރުންގެ ތެރެއިން ވެސް އަރްޕިތާ އަކީ ކެޓުރީނާއާ އެންމެ ގާތް ގުޅުމެއް އޮންނަ އެކަކެވެ. ނަމަވެސް އޭނާ އަށް ވެސް ދައުވަތު ނުދީ ކެޓުރީނާ ދައުވަތު ދީފައިވަނީ މި ފަހަކަށް އައިސް އޭނާއާ ގާތް ގުޅުމެއް އޮތް މަދު މީހަކަށެވެ. ނަމަވެސް ކައިވެންޏަށްފަހު މުމްބައި އަށް އައިސް ބާއްވާ ބޮޑު ރިސެޕްޝަނަށް ހުރިހާ މީހުންނަށް ވެސް ދައުވަތު ދޭނެ ކަމަށްވެ އެވެ.
ކައިވެނީގެ ރަސްމިއްޔާތަށް ދާ މެހެމާނުން ތިބެން ރާޖަސްތާނުގެ ރަންތަމްބޯ ރަށުގެ 45 ހޮޓަލެއް ވަނީ ބުކް ކޮށްފަ އެވެ.