ރަންބީރު ކަޕޫރަކީ ބޮލީވުޑްގެ ބްރެޑް ޕިޓް އޭ މީހުން ކިޔަ އެވެ. އޭނާގެ ލޯބީގެ ހަޔާތުގެ ކުލަ ގަދަ ކަމުންނެވެ. ބޮލިވުޑްގެ އެންމެ ރީތި ބަތަލާއިންގެ ތެރެއިން ގިނަ ބަތަލާއިންނަކާ ރަންބީރު ވަނީ ލޯބިގެ ގޮތުން ގުޅިގެން ގިނަ ދުވަސް ތަކަކު އުޅެފަ އެވެ. ދީޕިކާ ޕަދުކޯން، ކެޓުރީނާ ކައިފް، ސޯނަމް ކަޕޫރު އަދި ނަރުގިސް ފަހުރީ އަކީ ރަންބީރުގެ ލޯބިވެރިންގެ ލިސްޓުގައި ހިމެނޭ ތަރިންނެވެ.
ހުރިހާ ރީތި ބަތަލާއިންނަށް "ލަނޑު ދެމުން" ދަނިކޮށް ރަންބީރުގެ ހިތް ވަގަށް ނެގީ އާލިއާ ބަޓް އެވެ. އާލިއާގެ ލޯބީގައި ރަންބީރު ޖެހުނީ ދެން ސަލާމަތް ނުވެވޭ ފަދަ ދަރަޖައަކަށެވެ. އަދި ފަސް އަހަރު ރައްޓެހިވެގެން އުޅުމަށްފަހު މިދިޔަ އެޕްރީލްމަހު ދެ މީހުން ވަނީ ކައިވެނިކޮށްފަ އެވެ. ރަންބީރުގެ ލޯބީގެ ވާހަކަތަކުގެ ތެރެއިން އެންމެ މަޝްހޫރުވި އެއް ވާހަކައަކީ ދީޕިކާ އަށް އޭނާ ބޭވަފާތެރިވީ ވާހަކަ އެވެ.
މި ދެ އެކްޓަރުން ބައްދަލުވީ އެކުގައި ކުޅުނު "ބަޗްނާ އޭ ހަސީނޯ" ގެ ސެޓުންނެވެ. އިސާހިތަކު ދެ މީހުންގެ ގުޅުން ލޯތްބަށް ބަދަލުވި އެވެ. ނަމަވެސް އޭގެ ފަހުން ކުޅުނު "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ" ގެ މަސައްކަތް ފެށިއިރު ރަންބީރުގެ ހިތް އޮތީ ކެޓުރީނާ ކައިފަށް ދީފަ އެވެ. އެ ދުވަސްވަރަކީ ރަންބީރު އާއި ކެޓުރީނާ ވެސް އެކުގައި ފިލްމެއް ކުޅެމުން ދިޔަ ދުވަސް ވަރެކެވެ.
ރަންބީރު، 2011 ގައި ސްޓާޑަސްޓް މަޖައްލާއަށް ދިން އިންޓަވިއު އެއްގައި ދީޕިކާ އާ ރައްޓެހިވެގެން އުޅެމުން އޭނާއަށް ބޭވަފާތެރިވީ ކަމަށް އެއްބަސްވެފައި ވެއެވެ.
"އަހަންނަށް ބޭވަފާތެރި ވެވުނު. އެއީ އަހަރެން އެހާ ހަރުދަނާ މީހަކަށް ނުވާތީ އާއި ތަޖުރިބާ ނެތީމަ ކުރެވުނު ކަމެއް. ބައެއް ކަހަލަ ދަޅަތަކަށް ހެއްލެވުނީ. މިހާރު އެކަން ގަބޫލު ކުރެވޭ. އުމުރުން ދުވަސްވާ ވަރަކަށް ލޯބީގެ ގުޅުމުގެ އަގު ވަޒަންކުރަން ދަސްވާނީ. ވަކި މީހަކަށް ޚާއްސަވެފައި ނުހުރެވޭވަރުގައި މީހަކާ ރައްޓެހިވާނެ ކަމެއް ނެތްކަން މިހާރު ވިސްނޭ،" ރަންބީރު ބުނެފައި ވެއެވެ.
ރަންބީރު އޭނާއަށް ބޭވަފާތެރިވީ ގޮތުގެ ވާހަކަތައް 2010 ގައި ދީޕިކާ ވެސް ކިޔައިދީފައި ވެއެވެ. ދީޕިކާ ބުނި ގޮތުގައި އޭނާއަށް ލޯތްބަކީ ހަމައެކަނި ޖިސްމާނީ ގުޅުމެއް ނޫނެވެ. ލޯތްބަކީ ޖަޒުބާތު އެކުލެވޭ އެއްޗެކެވެ. އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން ދުވަހަކުވެސް އެ މީހަކަށް މަކަރު ހަދައި ބޭވަފާތެރިވެފައި ނޯންނާނެ ކަމަށް ދީޕިކާ ބުންޏެވެ.
އެގޮތަށް އެކަކު ކައިރިން އަނެކަކު ކައިރިން މަޖާ ކުރަމުން ދުވަން ބޭނުންނަމަ މީހަކާ ރައްޓެހިވި ނުވެ ސިންގަލްކޮށް ހުރުން މާ ރަނގަޅު ނޫންތޯ ދީޕިކާ ސުވާލު ކުރި އެވެ.
"ނަމަވެސް އެންމެންގެ ވިސްނުން ހުންނަނީ މިގޮތަކަށް ނޫން. މާޒީގައި އަހަންނަށް ލޯބިވެރިޔާގެ ފަރާތުން ބޭވަފާތެރިކަމާއި ހިތްދަތިކަން ތަޖުރިބާކުރަން ޖެހުނީ އެހެންވެ. ފުރަތަމަ ފަހަރު އޭނަ އަހަންނަށް ބޭވަފާތެރިވިކަން އެނގުމުން އަހަރެން ހިތަށް އެރި އަހަރެމެންގެ ގުޅުމަކީ މައްސަލަ ހުރީ. ނުވަތަ އަހަރެންގެ އޭ މައްސަލަ އުޅެނީ. ނަމަވެސް މީހަކު އާދައަކަށް ހަދައިގެން އަބަދު އަބަދު އެހެން މީހުންނާ ގުޅުންތައް ބާއްވައި ބޭވަފާތެރިވަމުންދާނަމަ އެނގޭނެ އެއީ އޭނާގެ މައްސަލައެއްކަން. އޭނާގެ އާދަކަން. އެ އާދަ ބަދަލު ނުކުރެވޭނެކަން،" ވާވް މަޖައްލާއަށް 2010ގައި ދީޕިކާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
ދީޕިކާ ބުނެފައިވާ ގޮތުގައި ރަންބީރު އާއި ކެޓުރީނާ އެކުގައި ތިއްބާ އޭނާ އެއްފަހަރު ރެޑްހޭންޑްކޮށް ހިފި އެވެ. ރަންބީރާ ރުޅިވާން އޭނާ ނިންމީ އެ ހާދިސާ އަށް ފަހުގައި ކަމަށް ވެސް ދީޕިކާ ބުންޏެވެ.
ރަންބީރު ބޭވަފާތެރި ވުމުން ލިބުނު ހިތާމައާއި ހިތްދަތިކަމުގައި ދީޕިކާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ގިނަ ދުވަސްތަކަކު އެ ބަލީގައި އުޅެފައި ވެއެވެ. ފިރިމީހާ ރަންވީރު ސިންގް އޭނާގެ ހަޔާތަށް އައީ ދީޕިކާގެ ނަފްސާނީ މައްސަލަތައް އެންމެ ބޮޑުވި ދުވަސްވަރު އެވެ.
ޑިޕްރެޝަނުން ސަލާމަތްވެ އަލުން އުފާވެރި ދިރިއުޅުމެއް އުޅެން ދީޕިކާ އަށް ދަސްކޮށްދިނީ ރަންވީރު ކަމަށް އޭނާ ބުނެފައި ވެއެވެ.
ކެޓުރީނާ އާ ހެދި ދީޕިކާ އަށް ލަނޑު ދިފައި ވެސް ރަންބީރަށް ކެޓުރީނާ އާއެކު ވެސް މުޅި އުމަރަކަށް ނޫޅެވުނެވެ. ހަތް އަހަރަށް ފަހު އޭނާ އާއި ކެޓުރީނާ ވަކިވީ ވެސް ހަމަ އަންހެންކުއްޖެއްގެ މައްސަލައިގަ އެވެ. ނަމަވެސް އާލިއާ އާ ބައްދަލުވުމަށްފަހު އޭނާ މުޅިން ބަދަލުވެ އިސްލާހުވެފައިވާ ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.