އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރުމާއެކު ސޯޝަލް މީޑިއާގައި އެންމެ ގިނައިން މަލާމާތް ރައްދުވީ ރަންބީރުގެ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ކެތުރީނާ ކައިފް އަށެވެ.
އާލިއާ އާއި ރަންބީރު ކައިވެނިކުރީ މިއަހަރުގެ އެޕްރީލް މަހު އެވެ. ދީޕިކާ އާއި ރަންވީރު ސިންގް އަދި ކެޓުރީނާ އާއި ވިކީ ކޯޝަލް އޭގެ މާކުރިން ވަނީ ކައިވެނި ކޮށްފަ އެވެ. ނަމަވެސް މި މީހުންނަށް އަދި ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައެއް ނުވެ އެވެ. ދީޕިކާ އާއި ކެޓުރީނާ އުޅެނީ އެމީހުން ކުޅޭ ފިލްމުތަކުގެ މަސައްކަތުގައި މަސްއޫލުވެގެން ވަރަށް ބުރަކޮށެވެ.
ވީމާ ފިލްމު ކުޅެމުންވެސް އާލިއާ މާއަވަހަށް ދަރިއަކު ހޯދާއިރު ދީޕިކާ އާއި ކެޓުރީނާ އަދި ދަރިއަކު ނުހޯދުން ވެސް ބައެއް މީހުންނަށް މައްސަލަ އަކަށް ވީއެވެ.
މިކަމާ ގުޅުވައިގެން ހެއްވާ މަޖާ މީމްސްތައް ހަދައި ޝެއާކޮށް ސޯޝަލް މީޑިއާ ބަންޑުންވާވަރު ކޮށްފައި ވެއެވެ.
އަލް ޕަކީނޯގެ ނަމުގައި ޓުވީޓްކުރި މީހަކު ބުނި ގޮތުގައި ރަންބީރު ބޭނުންވަނީ ކެރިއަރާއި އާއިލީ ގުޅުން ބެލެންސް ކުރެވޭ ކަހަލަ އަންބެކެވެ. އާލިއާ އަކީ އެކަހަލަ އަންބެއްކަން އޭނާ ސާބިތު ކޮށްދީފި އެވެ. ދީޕިކާ އާއި ކެޓުރީނާ ދޫކޮށްލަން ރަންބީރު ނިންމީ އެމީހުންނަކީ އެހެން ހުރިހާ ކަމަކަށް ވުރެ ކެރިއަރަށް ފޯކަސް ކޮށްފައި ތިބި ބަޔަކަށް ވާތީކަމަށް ވެސް ޓްރޯލްކުރާ މީހުން ބުނެ އެވެ.
ކުރު ފިލްމީ ކެރިއަރުގައި ބޮޑެތި ކާމިޔާބުތައް ހޯދުމުގެ ގޮތުން ވެސް އާލިއާ ވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލާއިންނަށް މިސާލު ދައްކާފަ އެވެ. އޭނާގެ ހުނަރާއި މަސައްކަތުން އެއްވަނަ ބަތަލާގެ މަގާމަށް ދަތުރުކޮށްފައިވަނީ ވަރަށް ބާރު ސްޕީޑުގައި މަދު ދުވަސްކޮޅަކުންނެވެ. ހަމަ އެގޮތަށް ޒާތީ ދިރިއުޅުމުގައި ވެސް އާލިއާ މިވަނީ ނަމޫނާ ދައްކާފަ އެވެ.
އާއްމުކޮށް ފިލްމީ ކެރިއަރާ މެދު ވިސްނާ ބަތަލާއިން އުމުރުން ވަރަށް ދުވަސް ނުވަނީސް ކައިވެނިކުރަން ފަސް ޖެހެ އެވެ. އަދި 35 ވަރަކަށް އަހަރުގައި ކައިވެނި ކުރިޔަސް އެ ކައިވެނި ސިއްރު ކޮށްގެން ވެސް ގިނަ އަހަރުތަކަކު އުޅެވޭތޯ ބަލަ އެވެ. އަދި މި އުމުރުގައި ކައިވެނި ކުރިޔަސް އެހާ އަވަހަށް ދަރިން ހޯދާކަށް ވެސް ގިނަ ބަތަލާއިން ބޭނުމެއް ނުވެ އެވެ.
ނަމަވެސް އަންހެނަކަށް ކެރިއަރަށް ވުރެ އާއިލާއެއް ބިނާކުރުން މާ މުހިއްމުކަމާއި އެމީހެއްގެ ކިބައިގައި ހުނަރާއި ގާބިލްކަން ހުރިނަމަ ކައިވެނިކޮށް ދަރިން ލިބުނަސް ކެރިއަރު ވަޅު ނުޖަހާނެކަމާއި ފޭނުން އެމީހަކު ގަބޫލުކުރާނެކަން އާލިއާ މިވަނީ ސާބިތުކޮށްދީފަ އެވެ.