ބޮލީވުޑް

ދީޕިކާ އާއި އާލިއާ: އަޅާ ކިޔޭ ވަރަށް ވުރެ މާ މޮޅު

ދީޕިކާ ޕަދުކޯން އާއި އާލިއާ ބަޓް އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ދެ އެކްޓަރުންނެވެ. އެ މީހުންނަށް ލިބިފައިވާ ބޮޑު ކާމިޔާބީގެ ސިއްރަކީ އެމީހުންނަށް ލިބިފައިވާއެކްޓިންގެ ހުނަރެވެ. އަދި މި ހުނަރުގެ ސަބަބުން އެމީހުންގެ ފޭނުންނަށް ވެފައިވާ އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.

ނަމަވެސް މި ދެ ތަރިންގެ ތެރެއިން މޮޅީ ކާކު ހެއްޔެވެ؟ މިހާރަކަށް އައިސް މި ބަހުސް ފޭނުންގެ މެދުގައި ވަރަށް ބޮޑަށް ހިނގަ އެވެ. ޚާއްސަކޮށް އާލިއާ ބައިވެރިވި މެޓް ގާލާ އިވެންޓުގައި އާލިއާގެ ވިދުން ކަނޑުވާލަން ދީޕިކާ މަސައްކަތް ކުރި ކަމަށް ބުނެ ފެތުރި ޚަބަރަކާ ގުޅިގެން މި ބަހުސް އިތުރަށް ހޫނުވެފައި ވެއެވެ. އާލިއާ މެޓް ގާލާ އިވެންޓުގައި ބައިވެރިވުމުގެ އެއް ދުވަސް ކުރިން ދީޕިކާ ވަނީ އޮސްކާ އެވޯޑަށް އޭނާ ގޮސް އުޅުނުއިރު ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން މިހާތަނަށް އެއްވެސް މީހަކަށް ނުފެންނަ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެހެންވެ އާލިއާގެ ފޭނުން ގަބޫލުކުރީ މިއީ އާލިއާގެ މަގްބޫލުކަން ކުޑަކުރަން އޭނާ ކުރި ކަމެއްގެ ގޮތުގަ އެވެ.

ދެ ބަތަލާއިންނަށް ބަލާއިރު ދީޕިކާ ބޮލީވުޑަށް ނުކުތީ 2007ގައި ރިލީޒްކުރި "އޯމް ޝާންތީ އޯމް" އިންނެވެ. މި ފިލްމުގެ ބަތަލަކީ ޝާހް ރުކް ޚާނެވެ. އޭގެ ފަހުން "ކޮކްޓެއިލް"، "ޔޭ ޖަވާނީ ހޭ ދީވާނީ" އަދި "ޕަދްމާވަތު" ފަދަ ފިލްމުތަކުގެ ކާމިޔާބީން ދީޕިކާގެ ފިލްމީ ކެރިއަރަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރި އެވެ.

ދީޕިކާ އޭނާއަށް ކުޅެން ލިބޭ ކޮންމެ ރޯލެއް ވެސް މޮޅަށް ކުޅެލާ އެކްޓަރެކެވެ. ކްރިޓިކްސްގެ ތައުރީފާއި ބެލުންތެރިންގެ ލޯބި އޭނާ ހޯދާފައިވަނީ މޮޅުކަމުންނެވެ. ކޮންމެ ކަހަލަ ރޯލެއް ވެސް އެންމެ ފުރިހަމައަށް ކުޅެލުމުގެ ގާބިލްކަން އޭނާގެ ވެއެވެ. ދުވަސްވީ ބައްޕައަކު ބަލަން ޖެހިފައިވާ ޒުވާން އަންހެނެއްގެ ރޯލު އޭނާ ކުޅެފައިވާ "ޕީކޫ" އަކީ މީގެ ރަނގަޅު މިސާލެކެވެ.

ދީޕިކާގެ އަނެއް ޚާއްސަ ސިފައަކީ ފެޝަން އެވެ. ވަރަށް ގިނަ ފެޝަން ބްރޭންޑްތަކުގެ ބްރޭންޑް އެމްބެސެޑަރަކީ އޭނާ އެވެ. މިއީ އޭނާގެ ފެޝަން ދެނެގަތުމުގެ ގާބިލްކަން ރަނގަޅުކަމުގެ ހެއްކެކެވެ.

ދީޕިކާގެ ބަލި ފަޔަކީ އެއް ކަހަލަ ރޯލުތަކެއް މާ ގިނައިން ކުޅުމެވެ. ގޮންޖެހުންބޮޑު އަދި ތަފާތު ވައްތަރުގެ ރޯލުތަކަށް އޭނާ ޝައުގުވެރިނުވާ ކަމެވެ.

އަނެއްކޮޅުން އާލިއާ ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ. އޭގެ ފަހުން "ރާޒީ"، "ގަލީ ބޯއީ"، "އުޅްތާ ޕަންޖާބު" ފަދަ ފިލްމުތަކުގައި މޮޅު ޕާފޯމަންސެއް ދައްކައިގެން ގިނަ އަދަދެއްގެ އެވޯޑުތައް އާލިއާ ވަނީ ހޯދާފަ އެވެ. އޭގެ ތެރޭގައި ފިލްމްފެއާ އެވޯޑުގެ ހަތަރު އެވޯޑު ހިމެނެ އެވެ.

އާލިއާގެ އެންމެ ރަނގަޅު އެއް ސިފައަކީ ކޮންމެ ކަހަލަ ރޯލެއް ވިޔަސް އެއްވެސް ޖެހިލުމެއް ނެތި ފަސޭހަ ކަމާއެކު ކުޅެލާ ކަމެވެ. "ރާޒީ" އާއި "ހައިވޭ" ފަދަ ފިލްމުތަކުގައި އޭނާ ކުޅެފައިވަނީ ވަރަށް އުނދަގޫ ރޯލުތަކެވެ. ނަމަވެސް ފިލްމު ބަލާއިރު އެއީ އެހާ އުނދަގޫ ރޯލުތަކެއް ކަމެއް ބެލުންތެރިންނަށް އިހްސާސެއް ނުވެ އެވެ. އެ ރޯލުތައް އޭނާ ކުޅެފައިވާލެއް މޮޅުކަމުންނެވެ. އަދި ކޮންމެ ވައްތަރެއްގެ ފިލްމެއް ވެސް އާލިއާ އަށް ކުޅޭކަށް އުނދަގުލެއް ނޫނެވެ. އެއީ ރޮމެންޓިކް ފިލްމެއް ނަމަ އޭނާ އެހާ ރޮމެންޓިކް ވާނެ އެވެ. ކޮމެޑީ ފިލްމެއް ނަމަ އެހާ މޮޅަށް އެ ބައި ވެސް ކުޅޭނެ އެވެ.

އަދި ދީޕިކާ އާ ޚިލާފަށް ކެރިއަރަށް ނުރައްކާ ވެދާނެ ފަދަ ކަންކަން ކުރަން އާލިއާ ފަހަކަށް ނުޖެހެ އެވެ. ކެރިއަރުގެ އެހާ ކުރީކޮޅު ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ރަނގަޅަށް ފައިތިލަ ސާބިތުކުރެވިފައިވާތީ އޭނާއަށް ލިބިފައިވާ އިތުބާރުގެ ބޮޑުކަމުންނެވެ. އަދި ޑައިރެކްޓަރު ކަރަން ޖޯހަރް ފަދަ ބޮލީވުޑްގެ ނުފޫޒުގަދަ މީހުން އާލިއާ ޕްރޮމޯޓްކުރަން ރެއާ ދުވާލު މަސައްކަތް ކުރަމުން ދިއުމަކީ ވެސް އާލިއާ އަށް ހަމަޖެހިލައިގެން ކަންކަން ކުރަން ލިބޭ ހިތްވަރެކެވެ.

ނަމަވެސް އާލިއާގެ ވެސް ބަލި ފައި އެބަހުއްޓެވެ. ބައެއް ފިލްމުތަކުގައި ބައެއް މަންޒަރުތަކުގައި އޯވަ-އެކްޓް ކުރުމެވެ. އެނޫން އެހެން އެއްވެސް ބަލިފައެއް އާލިއާގެ ނެތެވެ.

އެހެންކަމުން މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ބަލާއިރު ދީޕިކާ އަށް ވުރެ ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވަނީ އާލިއާ ކަމަށް ކަމަށް ބުނެވިދާނެ އެވެ.