ބޮލީވުޑް

އާލިއާ އާއި ދީޕިކާ: ބާންސާލީ ހިޔާރު ކުރާނީ ކާކު؟

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ކުރެން ފޭނަކު ވަރަށް ރަނގަޅު ސުވާލެއް ކުރި އެވެ. ޕާފޯމަރުންގެ ގޮތުގައި ދީޕިކާ ޕަދުކޯން އާއި އާލިއާ ބަޓް އާ ދެ ތަރިންގެ ތަފާތު ބުނެ ދިނުމަށެވެ. ދީޕިކާ އާއެކު ބާންސާލީ މިހާތަނަށް ތިން ފިލްމެއްގެ މަސައްކަތް ކޮށްފި އެވެ. އަދި އާލިއާ އަކު އެއް ފިލްމުގައި މަސައްކަތް ކޮށްފައި ވެއެވެ.

ބޮލިވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ބާންސާލީ ވަނީ މި ފޭން ކުރި ސުވާލުގެ ޖަވާބު ދީފަ އެވެ.

ބާންސާލީ ބުނީ އެ ދެ އެކްޓަރުންނަކީ ވަކި ދެ ފަރުދުން ކަމަށާއި ދެ މީހުން އެމީހުންގެ ރޯލާ މެދު ދެކޭ ގޮތް އަދި އެ ރޯލަކަށް ޕާފޯމްކުރަން ގެންގުޅޭ ވިސްނުން ތަފާތު ކަމަށެވެ.

"ދެ މީހުން އިސްކޮޅުގެ ގޮތުން ވެސް ވަރަށް ތަފާތު. އަޑު ގެންގުޅޭ ގޮތް ވެސް ތަފާތު. ބޮޑީ ލޭންގުއޭޖް ވެސް ތަފާތު. ދީޕިކާ އަކީ ވަރަށް ރީތި އަންހެންކުއްޖެއް. ވަރަށް މޮޅު އެކްޓަރެއް. އަހަރެންގެ ނަޒަރުގައި އާލިއާއަކީ ވެސް ވަރަށް ރީތި ކުއްޖެއް. އަދި އެހާމެ މޮޅު އެކްޓަރެއް. ނަމަވެސް އަހަރެން އަދިވެސް "ބާޖީރާއޯ މަސްތާނީ" އުފައްދާނަމަ އަހަރެން ބޭނުމީ ދީޕިކާ. އަދި "ގަންގޫބާއީ" އުފައްދާނަމަ އަދިވެސް އާލިއާ ބޭނުމީ. އެހެންވީމަ އެ ރޯލަކާ ގުޅޭ ގޮތުން ބަތަލާއަކު ޚިޔާރު ކުރެވޭނީ. ކިތަންމެ ރީތި މޮޅު އެކްޓަރަކަށް ވެސް އޭނާ އާ ނުގުޅޭ ރޯލެއް ނުދެވޭނެ،" ބާންސާލީ ބުންޏެވެ.

އާލިއާގެ "ގަންގޫބާއީ ކަތިއާވަޅީ" މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރިލީޒްކޮށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދަމުން އެބަދެ އެވެ.

ބާންސާލީ ދެން އުފައްދަން ހަމަޖެހިފައި ވަނީ ނެޓްފްލިކްސް އަށް ތައްޔާރު ކޮށްދޭ ސީރީޒް އެއް ކަމަށްވާ "ހީރާމަންޑީ" އެވެ. މި ސީރީޒްގައި މާދުރީ ޑިކްޝިޓް އާއި ސޮނާކްޝީ ސިންހާ ފަދަ ބަތަލާއިން ބައިވެރިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.