އެ ޒަމާނެއްގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖަހަމުންދިޔަ ތަރިންގެ މެދުގައި ހިނގާފައިވާ ލޯބީގެ ހާދިސާތަކުގެ ވާހަކަތައް ވަރަށް ގިނައިން އަޑު އިވެ އެވެ. މިގޮތަށް ލޯބިވެގެން އުޅުނު ޖޯޑުތަކުގެ ތެރެއިން މަދު ބަޔަކަށް ނޫނީ އެމީހުންގެ ލޯބި ކާމިޔާބު ކުރެވި ކައިވެންޏާ ހަމައަށް ދެވިފައެއް ނުވެ އެވެ. ބައެއް ތަރިން ރުޅިވެފައިވަނީ އެކަކު އަނެކަކަށް ބޭވަފާތެރި ވެވިގެންނެވެ. އަނެއްބަޔަކު އެމީހުންގެ ސިނގު ރުޅި ކޮންޓްރޯލް ނުކުރެވިގެންނެވެ.
ހަޔާތުގެ ބައިވެރިޔަކަށް މީހަކު ޚިޔާރުކުރުމަށްފަހު ކޮންމެ މީހަކުވެސް ފުރަތަމަ ބޭނުންވަނީ އޭނާގެ މައިންބަފައިންގެ ރުހުން އެމީހަކަށް ހޯދުމަށެވެ. ޚާއްސަކޮށް މަންމައަކު އެ މީހަކު އެ ޚިޔާރުކުރާ މީހަކު ދެކެ ރުޙެން ވަރަށް ގިނަ މީހުން ބޭނުންވެ އެވެ. ބޮލީވުޑް ތަރިންގެ ވިސްނުން ވެސް ގިނަ ފަހަރަށް ހުންނަނީ މިގޮތަށެވެ. އެހެންވެ ލޯބިވިޔަސް ބައެއް މީހުންނާ މަޖްބޫރުން މި މީހުން ވަކިވެފައި ވެއެވެ. މިފަހަރު މި ގެނެސްދެނީ މިރޮނގުން އެންމެ ފާހަގަ ކޮށްލެވުނު ފަސް ޖޯޑެވެ.
ރަންބީރު ކަޕޫރު – ކެޓުރީނާ ކައިފް: 2010ގެ އަހަރު ތަކުގައި ރަންބީރާއި ކެޓުރީނާ އަކީ ވަކިނުވެވޭ ވަރަށް ލޯބި ވެވިފައި ތިބި ދެ ލޯބިވެރިންނެވެ. އެމީހުން އެކުގައި 2009ގައި ކުޅުނު "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ"ގެ ޝޫޓިންގް ދުވަސްވަރު ގުޅުން ބަދަހިވީ ގޮތަށް ގާތްގަނޑަކަށް ހަ އަހަރު ދުވަހު އެމީހުން ރައްޓެހިވެގެން އުޅެފައި ވެއެވެ. އެމީހުން ރުޅިވީ ކަމުގެ ޚަބަރުތައް ފެތުރެންފެށީ "ޖައްގާ ޖާސޫސް" ކުޅެން ފެށިތަނާ އެވެ. އަދި މި މީހުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކުގެ ސަބަބުން ފިލްމު ވަރަށް ބޮޑަށް ލަސްވާން މެދުވެރިވި އެވެ.
ރަންބީރާއި ކެޓުރީނާގެ ލޯބީގައި މައްސަލަ ޖެހުނީ އަދި އެމީހުން ވަކިވާން މަޖްބޫރުވީ ރަންބީރުގެ މަންމަ ނީތޫ ސިންގް ހިތްހަމަޖެހޭ ޅީދަރިއަކަށް ކެޓުރީނާ ނުވާތީ އެވެ. ރަންބީރު އާއި ދީޕިކާ ޕަދުކޯން އަށް ވެސް ރުޅިވާން ޖެހުނީ ނީތޫ ނުގަބޫލު ވެގެންނެވެ. ކެޓުރީނާ އާ ވެސް ނީތޫ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ. ކެޓުރީނާގެ 2015ގެ އިންޓަވިއު އެއްގައި މި ވާހަކަ ކޮންމެވެސް ވަރަކަށް ބުނެފައި ވެއެވެ.
"އަހަރެން ބޭނުންވާ މިންވަރަކަށް އަހަންނާއި ރަންބީރުގެ އާއިލާ އާ ގާތެއް ނޫން. އަހަރެން ބޭނުން އެމީހުންނާއެކު މިހާރަށް ވުރެ ގިނައިން ވަގުތު ހޭދަކުރަން. ކައިވެންޏެއް ކުރާއިރު އެ މީހެއްގެ އާއިލާގެ މެންބަރުންގެ ލޯބިވެސް ލިބުން އަހަންނަށް ވަރަށް މުހިއްމު. އަހަންނަކީ ވަރަށް ޒިންމާދާރު މީހެއް. އަހަރެންގެ ލޯބިވެރިޔާ އަހަރެން ބުނާހާ ކަމެއް ކޮށްދޭނަމަ އަހަރެން ވެސް އެންމެ ރަނގަޅު ލޯބިވެރިޔާއަށް ވާނަން،" ކެޓުރީނާ ބުނެފައި ވެއެވެ.
ކެޓުރީނާ އާ ރުޅިވެ ރަންބީރު ރައްޓެހިވީ ކެޓުރީނާގެ ބެސްޓް ފްރެންޑެއްހާ ގާތް ގުޅުމެއް އޮތް އާލިއާ ބަޓް އާއެވެ. އާލިއާ އަކީ ނީތޫ އާއި ކަޕޫރު އާއިލާގެ އެންމެން ވަރަށް ގަޔަވާ މީހެކެވެ. ރަންބީރާ ރުޅިވެގެން އެތައް ދުވަހަކު ހުރުމަށްފަހު ކެޓުރީނާ މިހާރު ވަނީ ވިކީ ކޯޝަލް އާ ކައިވެނިކޮށްފަ އެވެ. ރަންބީރާއި އާލިއާ ވެސް ވަރަށް އަވަހަށް ކައިވެނިކުރާނެކަމަށް ޚަބަރުތައް ބުނެ އެވެ.
ޕްރީތީ ޒިންޓާ – ނެސް ވާދިއާ: އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނުން ތެރޭ ހިމެނޭ ނެސް ވާދިއާ އާއި ޕްރީތީ ޒިންޓާ އެމީހުންގެ ލޯބީގެ ގުޅުން ރަސްމީކޮށް އިއުލާންކުރީ 2005 ގައެވެ. އޭގެ ފަހުން ދެ މީހުން އެކުގައި ވަރަށް ލޯބިން އުޅޭތަން ފެނިފައި ވެއެވެ. އަދި އިންޑިއަން ޕްރެމިއާ ލީގުގެ ކްރިކެޓް ޓީމެއް ވެސް އެކުގައި ގަތެވެ. އެންމެން ވެސް ހީކުރީ މި ލޯބީގެ ގުޅުން ކައިވެންޏާ ހަމައަށް ދާނެ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ފެނުނީ ދެ މީހުން ރުޅިވެ އެކަކު އަނެކަކުގެ ބޮލުގައި އިލްތިޒާމްތައް އަޅުވަން ފެށި ތަނެވެ.
ހަގީގަތުގައި ދެ މީހުންގެ މެދުގައި ޖެހުނުހާ ވެސް މައްސަލައަކީ ނެސްގެ މަންމަ މައުރީން ވާދިއާ އަށް ޕްރީތީ ކަމުނުދިއުމެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް މައުރީން ދިޔައީ ޕްރީތީ އާ ގުޅުން ކަނޑާލަން ނެސް އަށް މަޖްބޫރު ކުރަމުންނެވެ.
"އަހަންނަށް ވަރިހަމަ ނެސް ޒިބްރާ އަކާ ކައިވެނި ކުރިޔަސް،" މައުރީން އެއްފަހަރަކު ބުނެފައި ވެއެވެ.
ނެސް އާއި ޕްރީތީ 2009ގައި ރަސްމީކޮށް ރުޅިވިކަން އިއުލާން ކުރި އެވެ. ޕްރީތީ ބުނަނީ ޕާޓީއެއްގެ ތެރޭގައި ނެސް އޭނާގެ ގައިގައި ޖެހި ކަމަށެވެ. އަދި ރުޅިއައިމަ ވަރަށް ގިނައިން އަނިޔާ ކުރާ ކަމަށެވެ.
ނެސް އާ ރުޅިވެގެން ގިނަ ދުވަސްތަކަކު ހުރުމަށްފަހު މިހާރު ޕްރީތީ ވަނީ ޖީން ގުޑްއިނަފް ކިޔާ އެމެރިކާ މީހަކާ ކައިވެނިކޮށްފަ އެވެ. ޖީން އަކީ އެއް އިރެއްގައި ނެސްގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ވެއެވެ.
ރާނީ މުކަރުޖީ – ގޯވިންދާ: 90ގެ އަހަރު ތަކުގައި ރާނީ އާއި ގޯވިންދާ ބައްދަލުވީ ދެ މީހުން އެކުގައި ކުޅުނު "ހަދް ކަރްދީ އާޕްނޭ"ގެ ސެޓުންނެވެ. މި ފިލްމުގެ ޝޫޓިން ސްވިޒަލެންޑާއި އެމެރިކާގައި ވެސް ގިނަ ދުވަސް ތަކެއްގެ މަތިން ކުރިޔަށް ދިޔަ އެވެ. އޭރުވެސް ގޯވިންދާ އުޅެނީ ސުނީތާ އާ ކައިވެނިކޮށްގެންނެވެ. އެ ދުވަސްވަރު ބައެއް މަޖައްލާތަކުގައި ލިޔެފައިވާ ގޮތުގައި ގޯވިންދާ އާއި ރާނީ ހޮޓަލެއްގެ ކޮޓަރިއެއްގައި ތިއްބާ ނޫސްވެރިއަކަށް ރެޑް-ހޭންޑް ކޮށް ހިފުނެވެ. މި ޚަބަރު ސުނީތާ އަށް އިވުމުން ރުޅިއައިސްގެން އޭނާގެ މައިންބަފައިންގެ ގެޔަށް ދިޔަ އެވެ. ފަހުން އަނެއްކާވެސް ގޯވިންދާ ވަރަށް މަސައްކަތްކޮށްގެން ސުނީތާ ހައްދާލައިގެން ގެޔަށް ގެނަ އެވެ.
ހަގީގަތުގައި ރާނީގެ މަންމަ އެ ދެމެދަށް ހުރަސް ނޭޅިނަމަ ގޯވިންދާ އާއި ރާނީ ރުޅިއެއް ނުވީ އެވެ. ގޯވިންދާ އޭރު އަގުބޮޑު ހަދިޔާތައް ރާނީ އަށް ދެމުން ދިޔަ އެވެ. އެކަމާ ރާނީގެ މައިންބަފައިން އިންތިހާއަށް ރުޅިއައެވެ. އަދި ގޯވިންދާ އާ ރުޅިވާން އެމީހުން ރާނީ އަށް މަޖްބޫރު ކުރި އެވެ. ފަހުން ރާނީ ކައިވެނިކުރީ ޔާޝްރާޖް ފިލްމްސްގެ ހެޑް އަދިތުޔާ ޗޯޕްޅާ އާއެވެ.
ކަރިޝްމާ ކަޕޫރު – އަބީޝެކް ބައްޗަން: ކަރިޝްމާ އާއި އަބީޝެކް ފަސް އަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުނެވެ. އަދި ރަސްމީކޮށް އެންގޭޖްވެސް ވިއެވެ. ކަރިޝްމާގެ ދެބެންގެ ދެ ދަރި ނިކިލް ނަންދާ އާއި އަބީޝެކްގެ ދައްތަ ޝްވޭތާ ބައްޗަން 1997ގައި ކައިވެނިކުރި އެވެ. އަބީޝެކް އާއި ކަރިޝްމާގެ ގުޅުން ބަދަހިވީ މި ކައިވެނީގެ ކަންތައްތައް ކުރިޔަށް ދިޔައިރު އެވެ. އޭރުވެސް ކަރިޝްމާ އަކީ ބޮލީވުޑްގައި ފިޔަޖަހަމުންދިޔަ އަލިގަދަ ތަރިއެކެވެ. އަބީޝެކް ބޮލީވުޑަށް ތައާރަފްވީ ކަރިޝްމާގެ ކޮއްކޮ ކަރީނާ އާއެކު "ރެފިއުޖީ" އިން 2000 ވަނަ އަހަރު އެވެ. އަމީތާބުގެ 60 ވަނަ އުފަން ދުވަހު 2002 ގައި އަބީޝެކް އާއި ކަރިޝްމާގެ އެންގޭޖް ކުރި އެވެ. އޭނާގެ ޅީދަރިފުޅުގެ ގޮތުގައި ޖާޔާ ބައްޗަން ވަނީ އެންމެންނަށް ކަރިޝްމާ ތައާރަފްކޮށްފަ އެވެ. ނަމަވެސް އެންގޭޖްވިތާ އެންމެ ހަތަރު މަސް ތެރޭ ދެ މީހުން ވަކި ވެފަ އެވެ.
ޖާޔާ ބުނަނީ އެ ދެ މީހުން ރުޅިވީ އަބީޝެކް ބޭނުން ވެގެން ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެމީހުންނަށް ވަކިވާން މަޖްބޫރުކުރީ ކަރިޝްމާގެ މަންމަ ބަބީތާ އެވެ. އެ ދުވަސްވަރު އަބީޝެކް އަށް ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ނުލިބެ އެވެ. އަދި އަމީތާބުގެ މާލީ ހާލަތު ވެސް އޭރު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ހަދައިގެން އެ ކުންފުނި ބަނގުރޫޓުވުމުގެ ސަބަބުންނެވެ. ބަބީތާ ބޭނުންވީ އަމީތާބުގެ އަތުގައި އޭރު ހުރި ބައެއް މިލްކިއްޔާތު އަބީޝެކްގެ ނަން މައްޗަށް ބަދަލުކުރުމަށެވެ. ކަރިޝްމާއަށް ރަނގަޅު މުސްތަގްބަލެއް ހޯދާދިނުމުގެ ބޭނުމުގަ އެވެ. އެކަމާ ބައްޗަން އާއިލާ ހިތްހަމަނުޖެހުނީ އެވެ. ޚާއްސަކޮށް މިފަދަ ޝަރުތަކާއެކު ކަރިޝްމާ އާ ކައިވެނިކުރަން އަބީޝެކް ބޭނުން ނުވީ އެވެ. ފަހުން އަބީޝެކް ވަނީ އައިޝްވަރިޔާ ރާއީ އާ ކައިވެނިކޮށްފަ އެވެ. ކަރިޝްމާ ވެސް ވިޔަފާރިވެރިއަކާ ކައިވެނިކުރި އެވެ. ނަމަވެސް މި ކައިވެނި ވަނީ ރޫޅިފަ އެވެ.
ކަރީނާ ކަޕޫރު – ޝާހިދު ކަޕޫރު: ކަރީނާ އާއި ޝާހިދު ރައްޓެހިވީއިރު ޝާޙިދަށް އެންމެ 23 އަހަރެވެ. އޭރު އޭނާއަށް ކުޅެވިފައިވަނީ މަދު ފިލްމެކެވެ. ދެ މީހުންނަކީ ވަރަށް ތަފާތު މިޒާޖެއްގެ ދެ މީހުންނަށް ވިޔަސް އެކަކު އަނެކަކު ދެކެ ވަރަށް ގަދަޔަށް ލޯބި ވެވުނުކަމަށް ކަރީނާ އާއި ޝާހިދު ވެސް ބުނެފައި ވެއެވެ. ނަމަވެސް "ޖަބް ވީ މެޓް" ކުޅުނު ދުވަސްވަރު ދެ މީހުން ރުޅިވީ ކަމުގެ ޚަބަރުތައް އިވެން ފެށި އެވެ. ދެން ފެނުނީ ސައިފް އަލީ ޚާނާއި ކަރީނާ ރައްޓެހިވީ ޚަބަރެވެ.
މި މީހުން ރުޅިވާން ޖެހުނު ހަގީގީ ސަބަބު ދެ މީހުން ކުރެ އެކަކުވެސް ކިޔާދީފައެއް ނުވެ އެވެ. ނަމަވެސް ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުން އެ ދެ މީހުން ވަކިވީ ކަރީނާގެ މަންމަ ބަބީތާ އާއި ދައްތަ ކަރިޝްމާ އަށް ޝާހިދު ކަމުނުދާތީ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ކަޕޫރު ޚާންދާނާއި އަޅާ ބަލާއިރު ޝާހިދު އަކީ މާ ދަށް ފަންތިއެއްގެ މީހެކެވެ.
ޝާހިދު ދެކެ ދީވާނާ ވާ ދަރަޖައަށް ކަރީނާ ލޯބިވި އެވެ. އަދި އޭނާ ސޮއިކުރާ ހުރިހާ ފިލްމެއްގެ ބަތަލަކަށް ޝާހިދު ހަމަޖައްސަން ޕްރޮޑިއުސަރުން ކިބައިން ކަރީނާ އެދެމުން ދިޔަ އެވެ. ނަމަވެސް މަންމަ އާއި ދައްތަގެ ނަސޭހަތް ގަބޫލުކޮށް ޝާހިދު އާ ވަކިވާން އޭނާ ނިންމީ އެވެ.