އިމްތިޔާޒު އަލީ ޑައިރެކްޓަރެއްގެ ގޮތުގައި އުފެއްދި ފުރަތަމަ ފިލްމަކީ ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރުގެ "ޖަބް ވީ މެޓް" އެވެ.
ފޭނުންގެ ލޯބި އިންތިހާއަށް ލިބުނު މި ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ އަދި މިއުޒިކާއި އެކްޓިން މިއަދާ ހަމައަށް ވެސް ފިލްމު ބެލި ގިނަ ބަޔެއްގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. ނަމަވެސް މި ފިލްމުގައި ބަތަލާގެ ރޯލު ކުޅެން ފުރަތަމަ ހަމަޖެހުނީ ކަރީނާ ނޫންކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ.
ދާދިފަހުން އިންޑިޔާގެ ނޫސްވެރިޔަކަށް ދިން އިންޓަވިއު އެއްގައި "ތޭރޭ ނާމް"ގެ ބަތަލާ ބޫމިކާ ޗައުލާ ބުނި ގޮތުގައި "ޖަބް ވީ މެޓް"ގެ ބަތަލާއަކަށް ފުރަތަމަ ހަމަޖެހުނީ އޭނާ އެވެ.
ފިލްމީ ކެރިއަރުގައި އެންމެ ހިތްހަމަނުޖެހޭ ކަމަކަށް ދިމާވީ ކޮން ކަމެއްތޯ ނޫސްވެރިޔާ ސުވާލުކުރުމުން ބޫމީ ބުނީ އެންމެ ދެރަވި ކަމަކަށް ދިމާވީ "ޖަބް ވީ މެޓް" ކުޅެން ސޮއި ކުރިފަހުން އެ ފިލްމުން އޭނާ ވަކި ކުރުން ކަމަށެވެ.
"އަހަންނާއި ބޮބީ ޑެއޯލް އާ އެ ފިލްމުގެ ލީޑް ރޯލު ކުޅޭ ގޮތަށް ހަމަޖެހި އަހަރެމެން އެ ފިލްމު ކުޅެން ސޮއިވެސް ކުރިން. އޭރު އެ ފިލްމަށް ކިޔަން ހަމަޖެހިފައި އޮތީ 'ޓްރެއިން' އިން. ފަހުން ޕްރޮޑަކްޝަން ހައުސް ބަދަލުވުމުން ޝާހިދު އާއި އަހަރެން އެ ފިލްމު ކުޅޭ ގޮތަށް ހަމަޖެހުނީ. ދެން ފަހުން އަނެއްކާ ޝާހިދު އާއި އައިޝާ ކުޅޭ ގޮތަށް ހަމަޖެހިފައި ފަހުން ކަރީނާ ހަމަޖެހުނީ،" ބޫމިކާ ބުންޏެވެ.
ބޫމިކާ އިތުރަށް ބުނި ގޮތުގައި "މުންނާބާއީ ރަގޭ ރަހޯ" ކިޔާ ފިލްމެއް ކުޅެން ވެސް އޭނާ ސޮއި ކުރި އެވެ. ނަމަވެސް އެ ފިލްމު ވެސް އުފެއްދޭ ގޮތެއް ނުވި އެވެ.
ސަލްމާން ޚާންގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އިން ބޫމިކާ ފެނިފައި ވެއެވެ. މިއީ 19 އަހަރު ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު ބޫމިކާ ކުޅުނު ފިލްމެކެވެ.
ބޫމިކާ ބޮލީވުޑަށް ތައާރަފްވީ ފިލްމު "ތޭރޭ ނާމް"ގެ ބަތަލަކީ ވެސް ސަލްމާނެވެ. އޭގެ ފަހުން ސަލްމާނާއި ބޫމިކާގެ މެދުގައި ގާތް އެކުވެރިކަމެއް އަބަދުވެސް އޮވެ އެވެ. އެހެންވެ ސަލްމާންގެ މިފަހަރުގެ ފިލްމުގައި ބައިވެރިވުމަށް ލިބުނު ދައުވަތު ބޫމިކާ ގަބޫލުކުރީ އެވެ.