ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރުގެ "ޖަބް ވީ މެޓް" އަކީ ވަރަށް ގިނަ ބަޔެއްގެ މަގްބޫލުކަން ލިބިފައިވާ ފިލްމެކެވެ. އިމްތިޔާޒު އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރީ 2007 ގައެވެ. ފިލްމުގައި ކަރީނާ އާއި ޝާހިދު ކުޅެފައިވާ ގީތު އާއި އަދިތުޔާގެ ކެރެކްޓާއަށް ފިލްމުބަލާ ޒުވާން ފުރައިގެ ކުދިން ބޮޑު ތަރުހީބެއް ދިފައި ވެއެވެ.
"ޖަބް ވީ މެޓް" އެހާ ކާމިޔާބު އަދި އެހާ މޮޅު ފިލްމަކަށްވީ ފިލްމުގައި ލީޑް ރޯލު ކުޅުނު ދެ ތަރިންގެ އެކްޓިންގެ ފުރިހަމަ ކަމާއި ލަވަތައް ރީތިވުން އަދި ފިލްމުގައި ކިޔައިދީފައިވާ ވާހަކަ ވެސް ރީތިވީމަ އެވެ. މިހާ ބޮޑު ކާމިޔާބެއް ލިބުނު ފިލްމަކަށް ވާތީ މީގެ ދެ ވަނަ ބައެއް ބަލާލުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅުކުރާތާ ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ.
ޚުދް ކަރީނާ ވެސް މި ފިލްމުގެ ސީކުއަލް އެއް އުފައްދާނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ބުނެފައި ވެއެވެ. އަދި އެ ފިލްމުގެ ބަތަލާއަކަށް ބޭނުމީ ވެސް ކަރީނާ އެވެ.
ކަރީނާ މިގޮތަށް ބުނީ އިންސްޓަގްރާމްގައި ވަރަށް ނުފޫޒުގަދަ ކުޝާ ކަޕީލާ ކިޔާ މީހެއް ޝެއާ ކުރި ޕޯސްޓަކަށް ކޮމެންޓް ކުރަމުންނެވެ. އޭނާ ވަނީ "ޖަބް ވީ މެޓް"ގެ މަންޒަރެއް ބަދަލުކޮށް ކަރީނާގެ ކެރެކްޓާ ސައުތު އިންޑިއާ މިހެއްގެ ކެރެކްޓާއަކަށް ބަދަލުކޮށްފަ އެވެ. އަދި އެ ފިލްމުގައި ކަރީނާ ކުޅުނު ކެރެކްޓާ އަކީ ސައުތު އިންޑިއާ މީހަކަށް ވީނަމަ އޭނާގެ ފޭވަރިޓް ކެރެކްޓާއަކީ އެއީއޭ ބުނެފަ އެވެ.
ޖަވާބުގައި ކަރީނާ ބުނީ "ޖަބް ވީ މެޓް 2" އުފައްދަން އެދި ޕެޓިޝަނެއް ތައްޔާރުކުރަން ކުޝާ ކިބައިން އެދިފަ އެވެ.
ކަރީނާގެ މި ޖަވާބު ޑައިރެކްޓަރު އިމްތިޔާޒާ ހަމަޔަށް ފޯރައިފިނަމަ މިކަމާ މެދު ވިސްނާނެކަން ޔަގީނެވެ.
ކަރީނާ މިވަގުތު ހުރީ ދެ ވަނަ ދަރިފުޅު ވިހައިގެން ޗުއްޓީގަ އެވެ. އޭނާގެ ބަނޑުން މާ ބޮޑަށް އެނގެން ފެށުމުގެ ކުރިން އޭނާ ވަނީ އާމިރު ޚާނާއެކު ކުޅެން ސޮއިކުރި "ލާލް ސިންގް ޗައްޑާ"ގައި އޭނާ ކުޅެން ޖެހޭ ބައި ފުރިހަމަކޮށްފަ އެވެ.