ބޮލީވުޑް

ޝާހިދުއާ ރުޅިވާން ޖެހުނު ސަބަބު ކަރީނާ ކިޔައިދީފި

ކަރީނާ ކަޕޫރާއި ޝާޙިދު ކަޕޫރުގެ ލޯބީގެ ވާހަކައަކީ ބޮލީވުޑްގައި އެއް ޒަމާނެއްގައި ވަރަށް މަޝްހޫރުވި ވާހަކަ އެކެވެ. ޝާޙިދު ކަޕޫރާ ރައްޓެހިވެގެން އުޅޭކަން ހުދު ކަރީނާ ވެސް އެ ދުވަސްވަރު ޔަގީންކޮށްދީފައި ވެއެވެ. ނަމަވެސް މީގެ 13 އަހަރު ކުރިން މި ދެ އެކްޓަރުން ރުޅިވީ ސަބަބު މިހާތަނަށް ވެސް އެއްވެސް މީހަކަށް އޮތީ ނޭނގިފަ އެވެ. ނަމަވެސް ވަރަށް ފަހުން ކަރީނާ ދީފައިވާ އިންޓަވިއުއެއްގައި ކަރީނާ ވަނީ އޭނާ އާ ޝާހިދު ވަކިވީ ދުވަސްތަކުގެ ވާހަކަތައް ވެސް ކިޔައިދީފަ އެވެ.

ޝާޙިދުއާ އެތައް އަހަރެއް ވަންދެން ރައްޓެހިވެގެން އުޅެފައި ރުޅިވެފައިވަނީ ޝާހިދު އާއެކު "ޖަބް ވީ މެޓް" ކުޅެމުން ސައިފް އަލީ ޚާނާއެކު "ޓަޝަން"ގެ މަސައްކަތް ވެސް ކުރަމުންދިޔަ ދުވަސްވަރު އެވެ.

"އަހަރެން އޭރު ޔާޝްރާޖް ފިލްމްސްގެ 'ޓަޝަން' ވެސް ކުޅެމުން ދިޔައިން. އަހަރެން ހީކުރީ 'ޓަޝަން" އަކީ އަހަރެންނަށް ބޮލީވުޑްގެ އެންމެ އުހަށް ގެންގޮސްދޭނެ ފިލްމެއް ކަމަށް. އެ ފިލްމުގައި ސައިފް އާއި އަކްޝޭ ކުމާރު އަދި އަނިލް ކަޕޫރު ވެސް މަސައްކަތް ކުރާތީ އާއި އެ ފިލްމަށްޓަކައި އަހަރެން ބަރުދަން ލުއިކޮށް ސައިޒް ޒީރޯ އަށް ހަށިގަނޑު ބަދަލުކޮށްލާފައިވާތީ ހިތަށް އެރި އެއްޗެއް އެއީ،" ކަރީނާ ބުންޏެވެ.

"ޖަބް ވީ މެޓް" ކުޅުނުއިރު ޝާހިދު އާ އޮތް ގުޅުން ކިޔައިދެމުން ކަރީނާ ބުނި އެ ފިލްމު ކުޅެން އޭނާއަށް ލަފާ ދިނީ ވެސް ޝާހިދެވެ. ފިލްމުގެ ސްކްރިޕްޓް އަޑުއަހާލާ ފިލްމު ގަބޫލު ކުރުމަށް ވިސްނަން މަޖްބޫރު ކުރުވީ ވެސް ޝާހިދެވެ.
ކަރީނާ ބުނި ގޮތުގައި "ޓަޝަން" އާއި "ޖަބް ވީ މެޓް" ކުޅެމުންދިޔައިރު ވަރަށް ގިނަ ކަންތައްތަކެއް އޭނާގެ ހަޔާތުގައި ވެސް ދިމާވި އެވެ. އަދި ތަގްދީރުގައި ރޭވިފައިވަނީ މުޅިން ތަފާތު ކަންތައްތަކެއް އޭނާގެ ހަޔާތުގައި ދިމާވާން ކަމަށް ވާތީ "ޖަބް ވީ މެޓް" ގެ ޝޫޓިން ނިމުނުއިރު އޭނާ އާއި ޝާހިދުގެ ގުޅުން ވެސް ހީނަރުވެގެން ގޮސް ނިމުމަކަށް އައީ އެވެ.
އޭރު ކަރީނާ "ޓަޝަން"ވެސް ކުޅެމުންދާނީ ސައިފްއާ ވެސް އޭނާއާ ވަނީ ބައްދަލުވެފަ އެވެ.

"އަހަރެންނާ ސައިފް އާ ބައްދަލުވީ "ޓަޝަން" ކުޅުނުއިރު. އަހަރެން ހީކުރީ އަހަރެންގެ ކެރިއަރަށާއި ހަޔާތަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ 'ޓަޝަން' އިން ކަމަށް. ނަމަވެސް އަހަރެންގެ ފިލްމީ ހަޔާތަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ 'ޖަބް ވީ މެޓް' ގެ ސަބަބުން. އަދި ޒާތީ ދިރިއުޅުމަށް އެންމެ ރަނގަޅު ގޮތެއް ދިމާވީ "ޓަޝަން" ކުޅެން ލިބުމުން. ސަބަބަކީ އަހަރެން އެ މީހެއްގެ ހުވަފެންތައް ދެކެމުން އައި ކަހަލަ މީހަކާ (ސައިފްއާ) ބައްދަލުވީ އެ ފިލްމު ކުޅުނުއިރު ކަމަށް ވާތީ. އަދި އެންމެ ފަހުން އަހަރެން ކައިވެނި ކުރީ ވެސް ހަމަ އަހަރެންގެ ޑްރީމް މޭން އާ،" ކަރީނާ ބުންޏެވެ.

"ޖަބް ވީ މެޓް" 2007 ގައި ރިލީޒްވީއިރު "ޓަޝަން" ރިލީޒްކުރީ 2008 ގައެވެ.

ކަރީނާ އާއި ޝާހިދު ލޯބީގެ ގޮތުން ގުޅުނީ 2004 ގައި "ފިދާ"ގެ ސެޓުން ބައްދަލުވުމުންނެވެ. އަދި ރުޅިވީ 2007 ގައި "ޖަބް ވީ މެޓް"ގެ ޝޫޓިން ތެރޭގަ އެވެ. މި ދުވަސްވަރު "ޓަޝަން"ގެ ސެޓުން ސައިފް އާ ބައްދަލުވެ ޝާހިދުއާ ރުޅިވީތާ މާ ގިނަ ދުވަހެއް ނުވެ ސައިފް އާ ރައްޓެހިވީ އެވެ. ބައެއް ނޫސް ރިޕޯޓްތައް ބުނާ ގޮތުގައި ކަރީނާ އާއި ސައިފް ރައްޓެހިވީއިރު ކަރީނާ ރަސްމީކޮށް ޝާހިދުއާ ރުޅިއެއް ނުވެ އެވެ.

ކަރީނާ ރުޅިވީފަހުން ޝާހިދު ކަޕޫރު ވަނީ ވިދްޔާ ބާލަން އާއި ޕްރިޔަންކާ ޗޯޕްޅާއާ ވެސް ލޯބީގެ ގުޅުން ބާއްވާފަ އެވެ. އެންމެ ފަހުން 2015 ގައި އޭނާ ވަނީ މީރާ ރާޖްޕޫތު އާ ކައިވެނިކޮށްފަ އެވެ.

ކަރީނާ އާއި ސައިފް ވެސް ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށައި މިހާރު އެމީހުންނަށް ވެސް ދަރިއަކު ވަނީ ލިބިފަ އެވެ.