ބޮލީވުޑް

ސައިފް އާ ކައިވެނިކުރަން ދެފަހަރު ކަރީނާ ދެކޮޅުހެދި

ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރަކީ ބޮލީވުޑްގެ އެންމެ މަގްބޫލު އެއް ޖޯޑެވެ. ނަމަވެސް ކައިވެނީގެ ކުރިން ކަރީނާ އަށް އެއްގޮތަކަށް ވެސް ސައިފް އާ ކައިވެނިކުރަން ގަބޫލު ނުވެވުނު އިރެއް ދިޔަ އެވެ. ސައިފް އާއި ކައިވެނި ކުރާނީތޯ ނުވަތަ ނޫންތޯ ވިސްނަން އޭނާ ވަރަށް ގިނަ ދުވަހު ހުއްޓެވެ.

ފިލްމީ ނޫހަކަށް ތަންކޮޅެއް ކުރިން ކަރީނާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ސައިފް އޭނާ ކައިރިން ކައިވެންޏަށް އެހީ "ތަޝަން"ގެ ޝޫޓިންގަށް ދެ މީހުން އެކުގައި ގްރީކަށް ގޮސް އުޅުނު ދުވަސްވަރު އެވެ.

"އަހަރެމެން ދެން ކައިވެނި ކުރަންވީ ނޫންހޭ ސައިފް އެހި ގްރީކްގައި ހުރެފައި. ފަހުން އަނެއްކާ އިންޑިޔާއަށް އައިސް ލަޑާކްގައި ޝޫޓިންގް އޮތްއިރު ދެ ވަނަ ފަހަރަކަށް ވެސް އެހި. އަހަރެން ބުނިން އަހަންނަކަށް ކަލެއެއް އަދި އެހާ ރަނގަޅަކަށް ދަހެއް ނުވެޔޭ. އެހެންވީމަ ކައިވެނި ކުރާނަމޭ ބުނާކަށް ނޭނގެޔޭ،" ކަރީނާ ބުނެފައި ވެއެވެ.

ކަރީނާ ކިޔައިދިން ގޮތުގައި އޭރު ސައިފް އަށް ދެ ފަހަރަށް ނޫނެކޭ ބުންޏަސް ސައިފް އިތުރަށް ދަސްކުރާ ހިތް އޭނާގެ ހިތުގައި އޮތެވެ. އެހެންވެ ކޮންމެ ފަހަރަކު ވެސް ބުނަނީ "އަދި އިތުރަށް ދަސްކުރަން ވަގުތު ބޭނުމޭ" އެވެ.

ސައިފް އާ ކައިވެނި ކުރުމަކީ އޭނާގެ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުންކަމަށް މިހާރު ކަރީނާ ގަބޫލު ކުރެ އެވެ.

ނަމަވެސް "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ކަރީނާ ބުނި ގޮތުގައި ސައިފް އާ ކައިވެނި ނުކުރަން ވަރަށް ގިނަ ބަޔަކު އޭނާއަށް އިންޒާރު ކުރި އެވެ.

"އަހަރެން ސައިފް އާ ކައިވެނި ކުރަން ނިންމުމުން އެންމެން ވެސް ބުނި ޔަގީންހޭ ތި ކުރަން އުޅޭ ކަންތައް. ސައިފް އަކީ މީހަކާ އިނދެ ވަރިކޮށްފައި ހުރި ބޮޑު ދެ ދަރިންގެ ބައްޕައެކޭ. ކަލޭގެ ކެރިއަރުގެ ދުވަސް ދާނޭ ތިކަން ކޮށްފިއްޔާ. އަހަރެން ބުނިން މީހަކު ދެކެ ލޯބި ވުމަކީ ތިބުނާ ވަރުގެ ބޮޑު ޖަރީމާއެއްހޭ. އަހަރެން ބޭނުމޭ މިކަން ކޮށްގެން މީގެ ތަޖުރިބާ ކުރަން،" ކަރީނާ ކިޔައިދީފައި ވެއެވެ.

ސައިފް އެންމެ ކުރިން ކައިވެނިކުރީ އޭރުގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ އަމްރިތާ ސިންގް އާއެވެ. މި ކައިވެންޏަށް ދެ ދަރިން ލިބިފައި ވެއެވެ. ސާރާ އާއި އިބްރާހީމެވެ.

ކަރީނާ އާއި ސައިފް ކައިވެނިކުރީ 2012 ގައެވެ. ކައިވެންޏަށް 10 އަހަރު ފުރުމާ ގާތް ވެފައިވާއިރު މި ދެ މީހުންނަށް ވެސް ދެ ދަރިން މިހާރު ވަނީ ލިބިފަ އެވެ.