ބޮލީވުޑް

މައިދައިތަ ޝަރުމީލާއަށް ކަރީނާ ވަރެއް ނެތް

ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓޭގޯރަށް އޭނާގެ ޅީދަރިފުޅު ކަރީނާ ކަޕޫރު ހާން ވަރެއް ނެތެވެ. ޝަރުމީލާ ބުނި ގޮތުގައި ކަރީނާ ވަރުގެ ޅީދަރިއެއް އޭނާއަކަށް ނުލިބޭނެ އެވެ. އެހާވެސް އޭނާ ކަރީނާ ދެކެ ލޯބިވެ އެވެ.

ކަރީނާގެ ކިބައިގައި ހުރި ޝަރުމީލާ އެންމެ ހިތްހަމަޖެހޭ އެއް ސިފައަކީ އޭނާގެ ގޭގައި ގެންގުޅޭ މީހުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރާތީ އެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ އިންޓަވިއު އެއްގައި ޝަރުމީލާ ބުނީ ކަރީނާއަކީ ވަރަށް ހަމަޖެހޭ އޯގާތެރި މީހެއް ކަމަށެވެ. އަދި އަމިއްލަ ނަފްސަށް ކަރީނާ ވަރަށް ބަލާ ކަމަށާއި އެއީވެސް އޭނާގެ ކިބައިގައި ހުރި ވަރަށް ރަނގަޅު ސިފައެއް ކަމަށް ޝަރުމީލާ ބުންޏެވެ.

"އޭނާގެ ހެއާ ޑްރެސާ އާއި ޑިޒައިނާ އާއި އަދި ގޭގައި އޭނާގެ އެކި މަސައްކަތްތައް ކޮށްދޭން ގެންގުޅޭ މުވައްޒަފުންނާ ކަރީނާ ވާހަކަ ދައްކާ ހަދާގޮތް އަހަރެންނަށް ފެނޭ. ވަރަށް ހަމަޖެހިގެން މައިތިރިކޮށް އެމީހުންނާ މުއާމަލާތް ކުރަނީ. އަހަރެން ބައެއް ފަހަރަށް އަހަރެންގެ ހެއާ ޑްރެސާއަށް އެއްޗެތި ބުނަން. ތަންކޮޅެއް އަވަސް ކޮށްބަލާށޭ ކަހަލަ ޖުމްލަތައް އެމީހުންނާ މުޚާތަބުކޮށް ބުނަން. އެކަމަކު ކަރީނާ ނުބުނާނެ،" ޅީދަރިފުޅަށް ތައުރީފު ކުރަމުން ޝަރުމީލާ ބުންޏެވެ.

"ކަޝްމީރު ކީ ކަލީ" ގެ ބަތަލާ ބުނި ގޮތުގައި އޭނާއަށް ޅީދަރިފުޅާއޭ ކިޔާފައި ނުގޮވާ ދަރިފުޅާއޭ ގޮވަން ކަރީނާ އަބަދުވެސް އޭނާގެ ކިބައިން އެދެ އެވެ.

"އޭނާ އެއްވެސް މީހަކާ އޭނާއާ އަޅާ ނުކިޔާނެ. އޭނާ އަމިއްލައަށް ބޭނުންވާ ކަންކަން ކޮށްގެން އުޅޭނީ. ކަރީނާ ކަހަލަ ޅީދަރިއަކު ލިބުމުން އަހަރެން ވަރަށް އުފާވޭ،" ޝަރުމީލާ ބުންޏެވެ.

ފިލްމު އިންޑަސްޓްރީ އާ ދުރުގައި ޝަރުމީލާ ހުންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. ނަމަވެސް މިހާރު އޭނާ ހުރީ އަނެއްކާ ވެސް ކެމެރާ އާ ކުރިމަތިލާން ތައްޔާރަށެވެ. ޝަރުމީލާ ބޭނުން ވަނީ އޯޓީޓީ ޕްލެޓްފޯމްގައި ދައްކަން ތައްޔާރުކުރާ ފިލްމެއްގައި އޭނާ ދުވަހަކު ވެސް ނުކުޅޭ ކަހަލަ އަދި މިހާތަނަށް ތަޖުރިބާ ކޮށްފައި ނެތް ކަހަލަ ރޯލުތަކެއް ކުޅޭށެވެ.

ޝަރުމީލާ ބުނީ ވެބް ސީރީޒް ކުޅެން ބޭނުން ވިޔަސް ކޮވިޑް-19 އިގެ ތިން ވަނަ ރާޅެއް އިންޑިޔާއަށް ބިންދާލަން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތީ އަދި މަޑުކޮށްލައިގެން ވާނުވާ ބަލަން ހުރީ ކަމަށެވެ.

"މި އުމުރުގައި އަހަރެންގެ ވެސް ކޮންމެވެސް ވަރެއްގެ ތަކުލީފުތަކެއް ހުރޭ. އެހެންވީމާ ކޮވިޑް-19ގެ ހާލަތު ތަންކޮޅެއް ރަނގަޅުވާނެ ދުވަހެއްގެ އިންތިޒާރުގައި މިހުރީ،" ޝަރުމީލާ ބުންޏެވެ.