ރައީސް މުހައްމަދު ނަޝީދު

ސަރުކާރުން ވިޔަފާރި ކުރުމަކީ ހަދާ ބޮޑު ގޯހެއް: ނަޝީދު

ސަރުކާރުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި ވިޔަފާރިތަކަށް ފައިދާ ނުހޯދޭ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ގއ. ވިލިނގިލީގައި ކުރިއަށްދާ މަހާސިންތާ ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވިޔަފާރިއެއްގެ އެންމެ ބޮޑު އަސާސަކީ އެ ވިޔަފާރިއަކުން ހޯދާ ފައިސާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ވިޔަފާރި ކުރުމުން އެ ލަނޑުދަނޑިއެއް ހާސިލް ނުވާ ކަމަށެވެ. ސަރުކާރުން ވިޔަފާރިތަކަށް ވަނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވިޔަފާރިއެއްގެ އެންމެ ބޮޑު އަސާސަކީ އެ ވިޔަފާރިއަކުން ހޯދާ ފައިދާ. އެކަމަކު ސަރުކާރުން މި މަސައްކަތް ކުރަނީ މުސާރައަށް. އެމްޑީ ވެސް އިންނަނީ މުސާރައަށް. ޗެއާޕާސަން ވެސް އިންނަނީ މުސާރައަށް، އެހެންވެ ފައިދާ ހޯދުމަށް ކުރާ މަސައްކަތް އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކާ އެބަ ތަފާތުވެގެންދޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައެގެންނެވި އެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ކައުންސިލްތަކަށް މާލީ ބާރުވެރިކަމާއި މިނިވަންކަން ދިިނުމުން އެ އުސޫލު ގަބޫލުކޮށް ހިދުމަތްތައް ދިނުމަށް އަމިއްލަ ވިޔަފާރިތަކަށް ހުޅުވާލައިގެން ބީލަމަށް ލާން ވާނެ ކަމަށެވެ.

"އަމިއްލަ ކައުންސިލުން ވިޔަފާރި ކުރުމުގެ ބަދަލުގައި ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ބީލަމަށް ހުޅުވާލަން ޖެހޭނެ. ފެނާއި ނަރުދަމާގެ ހިދުމަތް ހޯދުމަށް ވެސް އެ ހިދުމަތް ދޭ ފެންވަރުގެ ވިޔަފާރިއަކަށް ހުޅުވާލަން ޖެހޭ," ނަޝީދު ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ބިލަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރަށްރަށުގައިވާ ހުރިހާ ވަސީލަތެއް އެ ރަށްތަކުގެ ކައުންސިިލްތަކުގެ މިލްކިއްޔާތުގެ ދަށަށް ދާނެ ކަމަށެވެ. އަދި އެ ވަސީލަތްތައް ބޭނުން ކުރާނެ ގޮތާއި ބޭނުން ކުރާނެ ބަޔަކު ވެސް ކަނޑައެޅޭނީ ކައުންސިލްތަކުގެ މަޝްވަރާ ވެސް ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރަށެއްގައި ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ ދަރަޖައިގައި މަސްއޫލިއްޔަތު އޮތީ ކައުންސިލްތަކުގައި ކަމުގައި ކަނޑައެޅޭނެ. އެ ކަމަށް ބޭނުންވާ މާލީ ބާރާއި އިދާރީ ހިންގުމުގެ މިނިވަން ކަން ވެސް ލިބިގެންދާނެ. މައި ސަރުކާރަށް ވެސް އަދި ކައުންސިލްތަކަށް ވެސް މިއިން ރަށެއްގައި ކަމެއް ކުރެވޭނީ ދެބައި މީހުން ވެސް އެ ކަމަކަށް އެއްބަސްވެގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ކައުންސިލްތަކަށް މާލީ ބާރުތައް ދޫކޮށްލުން ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ރައީސް ނަޝީދު ރައްދު ދެއްވި އެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކަށް އޮތް ހައްލަކީ ވެސް ލާމަރުކަޒު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ލާމަރުކަޒު ކުރުމުން ކޮރަޕްޝަން ވެސް ރަނގަޅު ވާނެ، އަޅުގަނޑު ދަންނަ ރަށްރަށުގައި ކައުންސިލަކުން ފައިސާގައި ޖެހުނީމާ ހޮޅުއަށީގައި ތިބިގެން އެ ގޮވާ އެއްޗެހި މާލޭގެ މިނިސްޓްރީއެއްގައި ވަޒީރަކު ޖެހުމުން ނުގޮވޭ، އެއީ ހަގީގީ ޖަވާބުދާރީ ކުރުވުން، އެ ޖަވާބުދާރީ ކުރުވުން މާ ހޫނު،" ރައީސް ނަޝީދު ވިދާޅުވި އެވެ.